Monday, January 28, 2013

ޞައްޙަ ޢަޤީދާ - 15 / ފަހުބައި



އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ފަހުގެ މުޝްރިކުން ދަންނައެވެ! ފަހެ އެބައިމީހުން ކުރީގެ މުޝްރިކުންނަށް ވުރެ ޝިރުކުގައި ދެގޮތަކުން އިތުރުކުރިއެވެ. އެއްގޮތަކީ ފަހުގެ ބައެއްމީހުން ރުބޫބިއްޔަތުގައި ޝިރުކުކުރެއެވެ. ދެވަނައީ އެމީހުން ތަނަވަސްކަމާއި، ދަތި ޙާލުގައިވެސް ޝިރުކުކުރެއެވެ. މިބައިމީހުންގެ ގާތުގައި އުޅޭ މީހުންނަށާއި، އެމީހުންގެ ކަންތައް ފެންނަ މީހުންނަށް މިކަން ރަގަޅަށް އެނގޭނެއެވެ. އެގޮތުން މިޞުރުގައިވާ ޙުސައިން ރަޟިޔަﷲ ޢަންހު އާއި، ބަދަވީގެ ޤަބުރާއި، ޢަދަނުގައިވާ ޢައިދަރޫސްގެ ޤަބުރާއި، ޔަމަނުގައިވާ ހާދީގެ ޤަބުރާއި، ޢިރާޤުގައިވާ ޝެއިޚް ޢަބްދުލްޤާދިރު ޖީލާނީގެ ޤަބުރާއި މިނޫންވެސް މަޝްހޫރުކަން ލިބިގެންވާ މީހުންގެ ޤަބުރުތަކުގެ ކައިރީގައި މީސްތަކުން ކުރަމުންދާ ޙައްދުފަހަނައަޅާފައިވާ ޢަމަލުތައް ދެކިއްޖެ މީހަކަށް މިކަންކަން ރަގަޅަށް އެނގޭނެއެވެ. އަދި މިބައިމީހުން ﷲ ޢައްޒަވަޖައްލަ އަށް ޚާއްޞަވެގެންވާ ވަރަށް ގިނަ ޙައްޤުތައް ޤަބުރުތަކަށް އަނބުރާފައިވެއެވެ. އެހެންނަމަވެސް އެބައިމީހުންގެ މައްޗަށް އެކަންތައްތައް އިންކާރުކޮށް މާތް ﷲ އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ކުރީގެ ރަސޫލުން އެކަންކަމައިގެން ފޮނުއްވި ތައުޙީދުގެ ޙަޤީޤަތް އަންގައިދެނީ މަދު މީހެކެވެ. فإنا لله وإنا إليه راجعون!

Wednesday, January 23, 2013

އިމާމް އަޙުމަދުގެ ދަރިކަނބަލުންގެ ސުވާލު، އިމާމް ޝާފިޢީގެ ޖަވާބު




އިމާމް އަޙުމަދު ބުނު ޙަންބަލް (ރަޙިމަހުﷲ) އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންގެ އަރިހުގައި ވަރަށް ގިނަގިނައިން އިމާމް ޝާފިޢީ (ރަޙިމަހުﷲ) ގެ ޢިލްމުވެރިކަމާއި، މާތްކަމާއި، ތަޤުވާވެރިކަމުގެ ވާހަކަ ދައްކަވައެވެ. އެއްދުވަހަކު އިމާމް އަޙުމަދު އެކަލޭގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރެއްވުމަށް އިމާމް ޝާފިޢީ އަށް ދަޢުވަތު ދެއްވިއެވެ. އިމާމް ޝާފިޢީ، އިމާމް އަޙުމަދުގެ ގެއަށް ވަޑައިގެން، ރޭގަނޑުގެ ކެއުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެއަށްފަހު މެހެމާނުންގެ ކޮޓަރިއަށް ވަދެވަޑައިގެން އަވަހާރަލެއްޕެވުމަށްޓަކައި ތަންމަތީގައި އޮށޯވެވަޑައިގެންނެވިއެވެ. 

އަނެއް ދުވަހުގެ ހެނދުނު އިމާމް އަޙުމަދުގެ ދަރިކަނބަލުން އެކަމަނާގެ ބައްޕަ އާއި ސުވާލުކުރެއްވިއެވެ. [ބައްޕާއެވެ! އެއީ ހަމަ އެބޭކަލެއްގެ ވާހަކަ ބައްޕަ އަޅުގަނޑުމެންނަށް ގިނަގިނައިން ވިދާޅުވެދެއްވާ އިމާމް ޝާފިޢީ ތޯއެވެ؟]

Friday, January 18, 2013

ޠުފައިލް ބުނު ޢަމްރުއްދައުސީ ރަޟިޔަﷲ ޢަންހު - 4



ޠުފައިލް ރަޟިޔަﷲ އަންހު، ބަޔާންކުރައްވާފައިވެއެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަގެ އަރިހުގައި ތިމަން ހުރީމެވެ. އެންމެފަހުން ﷲ ތަޢާލާގެ އޯގާވަންތަކަމާއި ފަޟްލަވަންތަކަމުން މައްކާ ފަތަޙަވެއްޖެއެވެ. ތިމަން ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! އެންމެ ރަގަޅުގޮތަކީ عمرو بن حممة ގެ ބުދު "ޛުލްކިފްލައިން" މުގުރައިލައި އަންދައިލުމަށްޓަކައި ކަލޭގެފާނު އެތަނަށް އަޅުގަނޑު ފޮނުއްވުމެވެ.] ދެންފަހެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެތަނަށް ދިޔުމުގެ ހުއްދަ އަހަރެންނަށް ދެއްވިއެވެ. އަހަރެން، އަހަރެންގެ ޤައުމުގެ ޖަމާޢަތެއްގެ މީހުނާއިގެން އެބުދު ހުރި ތަނަށް ދަތުރު ފެށީމެވެ. އަހަރެންނާއި އަހަރެންގެ އެކުވެރީނަށް އެތަނަށް ދެވުމާއެކު އެބުދު އަންދައިލުމަށް ގަސްތުކުރި ހިނދު، އެހިސާބުގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީންތައް އަހަރަމެންގެ ކައިރިއަށް ޖަމާވިއެވެ. އެހުރިހާ އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ އަހަރަމެން އެބުދަށް ކިތަންމެ ކުޑަކުޑަ ގެއްލުމެއްދިނަސް އުޑުން އަހަރަމެންގެ ގަޔަށް އަލިފާން ފައިބައި އަހަރަމެން އަންދައިލާނެ ވަގުތަކަށެވެ. އެހުރިހާ ޖާހިލުންގެ ކުރިމަތީގައި އަހަރެން ކުރިއަށް ނުކުމެ އެބުދުގައި އަލިފާން ރޯކޮށްލީމެވެ. އޭރު އަހުރެންގެ ދޫމަތީގައިވަނީ މިޅެންބައިތެވެ. ތަރުޖަމާ:- (އޭ ޛުލްކިފްލައިން އެވެ! އަހަރެންނީ ކަލެއަށް އަޅުކަންކުރާ މީހެއްނޫނީމެވެ. އަހަރަމެން އުފަންވެފައި ވަނީ ކަލޭ އުފަންވުމުގެ މާކުރީންނެވެ. މިއަދު އަހަރެން، ކަލޭގެ ހިތުގައި އަލިފާން ރޯކުރަމެވެ.) ބަލަބަލައި ތިއްބާ އަލިފާންގަނޑު އޭގެ ކާނާއަކަށް އެބުދު ހަދައިލިއެވެ. އަދި މާގިނައިރުތަކެއްނުވެ އަޅިފުންޏަކަށް ބަދަލުވެއްޖެއެވެ. އެބުދު ފަނާވެ ނެތިދިޔުމާއެކު ކުފުރާއި ޝިރުކުގެ ބިންގާވެސް ފުނޑުފުނޑުވެގެން ހިނގައްޖެއެވެ. އަދި މުޅި ޤަބީލާ އިސްލާމްދީން ޤަބޫލުކޮށްފިއެވެ. އަދި އެބައިމީހުންގެ އިސްލާމްކަމުގެ ފުރިހަމަކަން ސާބިތުވެސް ކޮށްދިނެވެ.

Friday, January 11, 2013

ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ޞޫރިޔާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުން ދަތިވެއްޖެ




ޞޫރިޔާއަށް ފިނިގަދަވެ، ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން، ހަނގުރާމައިގެ އަސަރުކޮށްފައިވާ އެޤައުމުގެ ސަރަޙައްދުތަކަށް ކާބޯތަކެތި ލިބުން ދަތިވެއްޖެއެވެ.

މެދުއިރުމައްޗަށް އަދަޔާ ޚިލާފަށް ފިނިގަދަވެ، ސްނޯ ފޭބުމުގެ ސަބަބުން ޞޫރިޔާގައި އެތެރޭގައި ތިބި ރައްޔިތުންނާއި، އަވަށްޓެރި ޤައުމުތަކުގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި މީހުންގެ ދިރިއުޅުން ދުވަހެއް ދުވަހަކަށް ދަނީ އުނދަގޫވަމުންނެވެ. 

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި އަދި ވައި ގަދަވުމުގެ ސަބަބުން ތުރުކީ އާއި އުރުދުންގެ ސަރަޙައްދު ކައިރީ ޤާއިމްކޮށްފައިވާ މުހާޖިރު ކޭމްޕްތަކަކީ އިންސާނުން ދިރިއުޅެއް އެކަށީގެންނުވާ ތަންތަނަށް މިހާރު ވަނީ ވެފައެވެ. ވިއްސާރައިގެ ސަބަބުން ގިނަ ޢަދަދެއްގެ ފޭލިގެތައް ވަނީ ވެއްޓި އޮޔާ ގެންގޮއްސައެވެ. އެކަމުގެ ސަބަބުން އެފޭލިގެތަކުގައި ދިރިއުޅެމުން ދިޔަ ޞޫރިޔާގެ ރައްޔިތުންނަށް ހާމަ މައިދާނުގައި ދިރިއުޅެން ވަނީ މަޖުބޫރުވެފައެވެ.

Monday, January 7, 2013

ޞައްޙަ ޢަޤީދާ - 14




އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ސަލާމާއި ޞަލަވާތްލެއްވި ރަސޫލުން ގެންނެވި ކަންތަކާ ޚިލާފު، ޞައްޙަ ޢަޤީދާ އާއި އިދިކޮޅު، ކުފުރު ޢަޤީދާތަކުގެ ތެރޭގައި؛ މިޒަމާނުގެ މުލްޙިދުންކުރެ މާރކްސް އަދި ލެނިން ފަދަ އެހެންވެސް އިލްޙާދާއި ކުފުރަށް ގޮވާ މީހުން ދެކޭގޮތް ހިމެނެއެވެ. އެއީ އިޝްތިރާކިއްޔަތު ނުވަތަ ޝުޔޫއިއްޔަތު ނުވަތަ ބަޢުޘިއްޔަތު ނުވަތަ މިނޫން އެހެން ނަމެއް ކީކަމުގައިވިޔަސް މެއެވެ. ފަހެ މިފަދަ މުލްޙިދުންގެ އުޞޫލުތަކުގެ ތެރޭގައި އެއްވެސް ކަލަކު ވޮޑިގެންނުވާކަމާއި، ޙަޔާތަކީ މާއްދާއެއްކަން ހިމެނެއެވެ. އަދި އެބައިމީހުންގެ އުޞޫލުގެ ތެރޭގައި ދެވަނަ ފަހަރަށް ދިރުއްވުމާއި، ސުވަރުގެ އާއި ނަރަކަ ވާކަމަށް އިންކާރުކުރުމާއި، ހުރިހައި ދީންތަކަކަށް ކާފަރުވުން ހިމެނެއެވެ. އަދި އެބައިމީހުންގެ ފޮތްތައް ކިޔައި، އެމީހުންގެ ގޮތްތައް ބަލައިފި މީހަކަށް މިކަން ޔަޤީންވާނެއެވެ. ޝައްކެތްނެތްގޮތުގައި މިޢަޤީދާއަކީ ހުރިހައި ސަމާވީ ދީންތަކާއި އިދިކޮޅު ޢަޤީދާއެކެވެ. އަދި އޭގެ އަހުލުވެރިން ދުނިޔެއާއި އާޚިރަތުގައި އެންމެ ނުބައި ނަތީޖާއަށް ފޯރުކޮށްދެނިވި ޢަޤީދާއެކެވެ.