Sunday, April 14, 2013

ތަޤުވާވެރިކަމުގެ އިނާމު




ޝާމްކަރައިގެ މަޝްހޫރު ޢިލްމުވެރިޔާ ޝެއިޚް ޠަންޠާވީ އޭނާގެ ހަނދާނުގެ ޞަފްޙާތަކުގައި މި ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެވާހަކަ ވަނީ މިފަދައިންނެވެ. އެއްދުވަސްވަރެއްގައި އުޅުނު ވަރަށްވެސް ހެޔޮލަފާ ޞާލިޙް ފިރިހެން ކުއްޖެކެވެ. އޭނާގެ ކިބައިގައި ﷲ އަށް ބިރުވެތިވުމާއި ތަޤުވާވެރިކަމުގެ ސިފަ އެކުލެވިގެންވެއެވެ. އެކަމަކު އިލްމު ޙާޞިލްކުރުމުގެ މާބޮޑު ޝައުޤުވެރިކަމެއް އޭނާގެ ކިބަޔަކު ނުހުރެއެވެ. އޭނާ ކިޔަވަން ގޮސް އުޅުނީ ދީނީ މަދަރުސާއަކަށެވެ. އޭނާއަކީ އުސްތާޒު ބުނާގޮތަކަށް ޢަމަލުކުރާ ކުއްޖެކެވެ. އެދުވަސްވަރަށް ފުދޭ މިންވަރަށް އެދަރިވަރަށް ޢިލްމު ޙާޞިލްކުރެވިއްޖެކަން އުސްތާޒަށް އެނގުނު ހިނދު އެޒުވާނާ އާއި އެކުލާހުގެ އެހެނިހެން ދަރިވަރުންނަށް އެންމެ ފަހުގެ ނަސޭޙަތްދެއްވަމުން އުސްތާޒު ވިދާޅުވިއެވެ.

[މީސްތަކުންނަށް މުޙުތާޖުނުވެ ދިރިއުޅުމަށް މަސައްކަތްކުރާށެވެ! އެހެނީ ދުނިޔޭގެ އަހުލުވެރިންގެ ކުރިމަތީގައި އަތްފަތުރާ ޢިލްމުވެރިޔާ ވަނީ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެގެންނެވެ. (ސަބަބަކީ ދުނިޔޭގެ އަހުލުވެރިން ކުރާ ކަންތަކާއި ބުނާ ބަސްތަކަށް އިންކާރުކުރުމުގެ ހިތްވަރެއް އެފަދަ ޢިލްމުވެރިޔަކަށް ނުލިބޭނެއެވެ. އެހެނީ އޭނާ ވާހުށީ އަނެކާގެ އިޙުސާންތެރިކަމުގެ ދަށުގައި ފިތިފައެވެ.) އެހެންކަމުން ތިޔައިން ކޮންމެ ދަރިވަރަކުވެސް ގެއަށް އެނބުރިގޮސް އެކުއްޖެއްގެ ބައްޕަ ކޮށްއުޅުނު މަސައްކަތެއް އިޚުތިޔާރުކުރާށެވެ. (އަދި އެކަމުން ދިރިއުޅުން ކުރިއަށް ގެންދާށެވެ) އަދި އެމަސައްކަތުގައި ﷲ އަށް ބިރުވެތިވެ ތަޤުވާވެރިކަން އިޚްތިޔާރުކުރާށެވެ.]

ހުރިހާ ކުދިންވެސް އުސްތާޒަށް އަލްވަދާޢު ކިޔުމަށްފަހު ގެއަށް ދިއުމަށް މިޞްރާބުޖެހިއެވެ. އެއްކަލަ ކުއްޖާވެސް އުސްތާޒުގެ ނަޞޭހަތް ހިފައިގެން ގެއަށް އައިސް އޭނާގެ މަންމަ އާއި ސުވާލުކުރިއެވެ. [މަންމާއެވެ! ނިކަން ބުނެބަލާށެވެ. އަހަރެންގެ ބައްޕަ އާމްދަނީ ހޯދުމަށް ކޮށްއުޅުނީ ކޮން މަސައްކަތެއް ހެއްޔެވެ؟ އަދާކުރީ ކޮން ވަޒީފާއެއް ހެއްޔެވެ؟]

ދަރިފުޅުގެ އެސުވާލުގެ ސަބަބުން މަންމަ ވަރަށް ކަންބޮޑުވެ ހާސްވިއެވެ. އަދި ސުވާލުކުރިއެވެ. [ދަރިފުޅާއެވެ! ދަރިފުޅުގެ ބައްޕަ މަރުވިތާ މިހާރު އެތައް ދުވަހެއް ފާއިތުވެއްޖެއެވެ. ދަރިފުޅުގެ ބައްޕަ ކޮށްއުޅުނު މަސައްކަތަކާއި ދަރިފުޅާއި  އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ތިޔައީ ކީއްކުރަން ކުރާ ސުވާލެއް ހެއްޔެވެ؟]

ނަމަވެސް ޒުވާނާ ތަކުރާރުކޮށް އޭނާގެ ބައްޕަގެ މަސައްކަތާ ބެހޭގޮތުން ސުވާލުކުރަމުން ގެންދިޔައެވެ. އެކަމަކު އެސުވާލަށް ޖަވާބުނުދީވޭތޯ މަންމަ މަސައްކަތްކުރަމުން ގެންދިޔައެވެ. ނަމަވެސް އޭނާގެ ދަރިފުޅު ގޮތް ދޫނުކުރުމުން، މަންމައަށް މަޖުބޫރުވެގެން ބުންޏެވެ. [ދަރިފުޅާއެވެ! ދަރިފުޅު މެދުކެނޑުމެއްނެތި ދަރިފުޅުގެ ބައްޕަގެ މަސައްކަތާއި ބެހޭގޮތުން ސުވާލުކުރުމުން ، ބުނަން ބޭނުންނުވާ ހާލުވެސް ދޫ ހުޅުވަން މަންމައަށް މަޖުބޫރުވެއްޖެއެވެ. ދަރިފުޅުގެ ބައްޕަ ކޮށްއުޅުނީ ރަގަޅު މަސައްކަތެއްނަމަ އެކަން ބުނާކަށް މަންމަ  ޖެހިލުމެއްނުވީހެވެ. އެކަމަކު ދަރިފުޅު ގޮތްދޫނުކުރުމުން ބުނަމެވެ. ރަގަޅަށް އަޑުއަހާށެވެ! ދަރިފުޅުގެ ބައްޕައަކީ ވަގެކެވެ! ވަގެކެވެ! އޭނާގެ މަސައްކަތަކީ ވައްކަންކުރުމެވެ!]

މަންމަގެ ޖަވާބު އަޑުއިވުމުން ދަރިފުޅު ބުންޏެވެ. [މަންމާއެވެ! މިއަދު ހުރިހާ ދަރިވަރުންނަށް އަލްވަދާޢު ކިޔުއްވަމުން އުސްތާޒު ވިދާޅުވިއެވެ. [ހުރިހާ ކުދިންވެސް ގެއަށް އެނބުރިގޮސް ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބައްޕަ ކޮށްއުޅުނު މަސައްކަތުގައި މަޝްޣޫލުވާށެވެ! އަދި އެކަމުގައި ތަޤުވާވެރިކަން އިޚްތިޔާރުކުރާށެވެ!]

މަންމަ ބުންޏެވެ. [ޢަޖައިބެކެވެ. ވައްކަންކުރުމުގައި ތަޤްވާވެރިވާނީ ކިހިނެއް ހެއްޔެވެ؟ ތިޔައީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟]

ދަރިފުޅު، މަންމައަށް ބުންޏެވެ. [މަންމާއެވެ! އެކަމަކު އުސްޒާތު ވިދާޅުވީ ހަމަ އަޅުގަނޑު މިބުނި ގޮތަށެވެ.] 

ދެން އެޒުވާނާ ވައްކަމާއި ބެހޭގޮތުން މަޢުލޫމާތު އެއްކުރަން ފެށިއެވެ. ވައްކަންކުރާނެ ގޮތުގެ ތަމްރީނުތައް ހޯދިއެވެ. އެކަމަށް ބޭނުންވާނެ ސާމާނު ހޯދިއެވެ. އެންމެފަހުން ތަމްރީނުތައް ފުރިހަމަވެ ވައްކަންކުރަން ނުކުންނަންވީ ދުވަސް އަތުވެއްޖެއެވެ. 

ދެން ވަރަށް ވިސްނައި ފިކުރުކުރުމަށްފަހު ބައްޕަގެ މަސައްކަތަށް ނުކުތުމުގެ ޕްރޮގްރާމް ރާވައިލިއެވެ. ޢިޝާނަމާދުކޮށްގެން މީހުން ނިދާނެ ވަގުތަކަށް ޒުވާނާ އިންތިޒާރުކުރަން ފެށިއެވެ. މީހުންތައް ނިދައި ހަމަހިމޭންކަން ވެރިވުމުން އެންމެ ފުރަތަމަވެސް ޖެހިގެން ހުރި އަވަށްޓެރިޔާގެ ގެއިން ވައްކަންކުރަން ގަސްތުކުރިއެވެ. އަވަށްޓެރިޔާގެ ގެއަށް ވަންނަން ގަސްތުކުރިތަނާ އުސްތާޒު ދެއްވި ނަސޭޙަތުގެ މަތީން ޒުވާނާ ހަނދާންވިއެވެ. "ތިބާގެ މަސައްކަތުގައި ތަޤުވާވެރިކަން އިޚްތިޔާރުކުރާށެވެ." ޒުވާނާގެ ހިތަށް އެރިއެވެ. [އަވަށްޓެރިޔާގެ ގެއިން ވަންކަންކޮށް އަވަށްޓެރިޔާއަށް އުނދަގޫދިނުމަކީ ކަނޑައެޅިގެން ތަޤުވާވެރިކަމާއި ޚިލާފުކަމެކެވެ. ﷲ ތަޢާލާ، ކޯފާވެވޮޑިގަންނަވާނެ ޢަމަލެކެވެ.] އެހެންކަމުން އަވަށްޓެރިޔާގެ ގެ ދޫކޮށްލުމަށްފަހު އެއާ ޖެހިގެން ހުރި ގެއަށް މިސްރާބުޖެހިއެވެ. އެއީ ޔަތީމު ކުދިންތަކެއްގެ ގެއެކެވެ. ޒުވާނާގެ ހިތަށް އެރިއެވެ. [މިއީ ޔަތީމު ކުދިބައެއްގެ ގެއެކެވެ. މިގެއިން ވައްކަންކުރުމަކި ތަޤުވާވެރިކަމާ ޚިލާފުކަމެކެވެ. އެހެނީ ﷲ ތަޢާލާ ވަނީ ޔަތީމުންގެ މުދާ ކެއުން މަނާކުރައްވައިފައެވެ.] އެހެންކަމުން އެގެވެސް ދޫކޮށްލުމަށްފަހު ކުރިއަށް ދިޔައެވެ. 
މިގޮތަށް ކޮންމެ ގެއަކާ އަރައި ހަމަވުމުންވެސް ވައްކަންކުރަން ގަސްތުކުރާތަނުން ތަޤުވާވެރިކަމާއި ޚިލާފު ކޮންމެވެސް ކަމެއް އޭނާގެ ވިސްނުމަށް އައުމުން ގެއަކަށްފަހު ގެއެއް ދޫކުރަމުން ކުރިއަށް ދިޔައެވެ. އެންމެފަހުން އެރަށުގެ މުއްސަނދި ވިޔަފާރިވެރިޔެއްގެ ގެއާ ހަމައަށް އާދެވުނެވެ. އެއި ވަރަށް މުއްސަނދި މީހެކެވެ. އޭނާގެ ހުންނަނީ ހަމަ އެންމެ އަންހެން ކުއްޖެކެވެ. ވަގުކަލޭގެ ހިތަށްއެރިއެވެ. [އާނއެކެވެ. މިގެއިން ވައްކަންކުރެވިދާނެއެވެ.] ދެން އޭނާ ވަރަށް ގިނަ ތަޅުދަނޑި ނެގިއެވެ. އެއީ ކުރިޔާލައި ތައްޔާރުކޮށްފައި ހުރި އެއްޗިއްސެވެ. އެތަނުން ތަޅުދަނޑިއެއް ބޭނުންކޮށްގެން ގޭގެ ދޮރު ހުޅުވައިލިއެވެ. ގެއަށް ވަދެވުމުން އެނގުނީ މިއީ ވަރަށް ބޮޑު ގެއެއް ކަމެވެ. ކޮޓަރިތައްވެސް ވަރަށް ގިނައެވެ. އެހެންކަމުން އޭނާ ގޭތެރޭގައި ތަންތަން ބަލަމުން ހިނގަންފެށިއެވެ. ހީވަނީ ގެއަށް އައިސް އުޅޭ މެހެމާނެއްހެނެވެ. ވަގެއް ފާޑެއްނުޖަހައެވެ. އެންމެފަހުން ފައިސާތައް ރައްކާކޮށްފައި ހުރި ކޮޓަރިއަށް އޭނާއަށް ދެވުނެވެ. އޭނާ ތިޖޫރީ ހުޅުވައިލިއެވެ. ތިޖޫރީ ހުރީ ރަނާއި ރިހިންނާއި ރުފިޔާ ފައިސާއިން ފުރި ބާރުވެފައެވެ. ވަގުކަލޭގެ ފައިސާތައް ނަގަން ގަސްތުކުރިއެވެ. އެކަމަކު ކުއްލިއަކަށް އުސްތާޒުގެ ނަސޭޙަތުގެ މަތީން ހަނދާންވިއެވެ. އޭނާގެ ހިތަށްއެރިއެވެ. [އުސްތާޒު ވަނީ ތަޤުވާވެރިވުމުގެ ވާހަކަ ދައްކަވައިފައެވެ.  މި ވިޔަފާރިވެރިޔާ އޭނާގެ މުދަލުން ޒަކާތްނެރުނުކަމެއްވެސް ނުނެރޭކަމެއްވެސް ނޭގެއެވެ. އެންމެ ފުރަތަމަ އޭނާގެ ޒަކާތުގެ ހިސާބުކިތާބު ހަދަންވީއެވެ. މިހެން ހިތަށް އެރުމުން ހިސާބުތައް ނޯޓްކޮށްފައި ހުރި ފޮތްތައް ނެގިއެވެ. އޭނާ ގެނައި ކުޑަވަރެއްގެ ބައްތިއެއް ރޯކޮށްލިއެވެ. އަދި އޭގެ އަލީގައި ހިސާބުފޮތްތައް ޗެކްކުރަން ފެށިއެވެ. އޭނާއަކީ ހިސާބަށް މޮޅު މީހެކެވެ. އެހެންކަމުން ވަރަށް އަވަހަށް ވިޔަފާރިވެރިޔާގެ މުޅި މުދާ ހިސާބުކޮށްލިއެވެ. އަދި އެއިން ޒަކާތަށް ނެރެންޖެހޭ ބައި ވަކިކޮށްލިއެވެ. އަދި އެކަމުގައި މަޝްޣޫލު ވީވަރުން ވަގުތު ދިޔަ ގޮތްވެސް ނޭގުނެވެ. ކުއްލިއަކަށް އޭނާއަށް އިޙުސާސްވީ ފަތިސްނަމާދު ވަގުތު ވަދެއްޖެކަމެވެ. އޭނާ ހިތަށް އެރިއެވެ. ތަޤުވާވެރިކަމާ އެކަށީގެންވާ ގޮތަކީ ފުރަތަމަ ފަތިސް ނަމާދު ކުރުމެވެ. އަމިއްލަ މަސައްކަތް ފަހުން ކުރުމެވެ. އޭނާގެ ގޭގެ ފެންޑާއަށް ފައިބައި ވުޟޫކުރިއެވެ. ދެން ނަމާދަށް ޤަމަތްދިނެވެ. ގޭގެ ވެރިމީހާއަށް ޤަމަތްދޭ އަޑު އިވުމުން ބިރުން ހޭލެވުނެވެ. ތިރިއަށް ބަލައިލުމުން ފެނުނީ ކުޑަ ބައްތިއެއް ދިއްލާފައި ހުރިތީއެވެ. ތިޖޫރީ ހުރީ ހުޅުވައިފައެވެ. އަދި ކުރިމަތީގައި ޒުވާނަކު ހުރެގެން  ޤަމަތް ދެނީއެވެ. ގޭގެ ވެރިޔާގެ އަންހެނުންނަށް ވެސް ހޭލެވިއްޖެއެވެ. އަދި އެމަންޒަރު ފެނުމުން ފިރިމީހާ އާއި ސުވާލުކުރިއެވެ. [މިއީ ކޮންހައި ކަމެއް ހެއްޔެވެ؟] ވިޔަފާރިވެރިޔާ ޖަވާބުދިނެވެ. [ﷲ ގަންދި ބުނަމެވެ! އަހަރެންގެ ވިސްނުމަކަށް ހަމަ އެކައްޗެއްވެސް ނާދެއެވެ.] ދެން އޭނާ ދެވަނަ ބުރިން ތިރިއަށް ފައިބައިގެން ޒުވާނާގެ ކައިރިއަށް ދިޔައެވެ. އަދި ބުންޏެވެ. [ކަލެއަށް ހަލާކު ހުއްޓެވެ! ކަލެއަކީ ފަހެ ކާކު ހެއްޔެވެ؟ އަދި ތިކުރަނީ ކޮންކަމެއް ހެއްޔެވެ؟ ]

ޒުވާން ވަގުކަލޭގެ ބުންޏެވެ. [އެންމެ ފުރަތަމަ ނަމާދެވެ. ވާހަކަދައްކާނީ އޭގެ ފަހުންނެވެ.]

ވެރިމީހާ ހުރީ ފުދޭވަރަކަށް ބިރުގަނެފައެވެ. އަވަހަށް ވުޟޫކޮށްގެން އައުމަށް ޒުވާނާ އޭނާއަށް އަމުރުކުރިއެވެ. އޭނާ ވުޟޫކޮށްގެން އައުމުން ޒުވާނާ ބުންޏެވެ. [ކަލޭ އިމާމަކަށް އިސްވާށެވެ] އޭނާ ޒުވާނާއަށް ބުންޏެވެ. [ނޫނެކެވެ. ކަލޭ އިމާމަކަށް ވާށެވެ.]

ޒުވާނާ ބުންޏެވެ. [ގޭގެ ވެރިއަކީ ކަލެއެވެ. އިމާމަކަށްވުމުގެ ޙައްޤު ބޮޑަށް އޮތީ ކަލެއަށެވެ.]

ގޭގެ ވެރިމީހާއަށް އޭނާގެ އަމުރަށް ކިޔަމަންވުން ނޫން ގޮތެއް ނެތެވެ. އޭނާ ވަނީ އޭނާގެ ނަފްސުގެ މައްޗަށް ބިރުގެންފައެވެ. އެހެންކަމުން އޭނާ އިމާމަކަށް އިސްވިއެވެ. އޭނާ ނަމާދުކުރި ގޮތްތޯއެވެ؟ އެކަން މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ބިރުގަނެ ކަންބޮޑުވުމުގެ ސަބަބުން އޭނާގެ ޙާލު ވަނީ ވަރަށް ގޯސްވެފައެވެ. 

ކޮންމެއަކަސް ނަމާދު ނިމުމުން ގޭގެ ވެރިޔާ ވަގުކަލޭގެ އާއި ސުވާލުކުރިއެވެ. [ކަލެއަކީ ކާކުކަމާއި މިގެއަށް ވަދެގަނެގެން ތިޔަ އުޅޭ މަޤުޞަދެއް ނިކަން އަހަރެންނަށް ބުނެދީ ބަލާށެވެ!]

ޒުވާނާ ޖަވާބުދިނެވެ. [އަހަރެންނަކީ ވަގެކެވެ. އައިސް މިއުޅެނީ ވައްކަންކުރުމަށެވެ. އެކަމަކު ކަލޭ ބުނެބަލާށެވެ. ކަލޭ ޒަކާތްނުދެނީ ކީއްވެހެއްޔެވެ؟ އަހަރެން ކަލޭގެ މުދަލުގެ ހިސާބ ކިތާބު ރަގަޅަށް ބަލައިފީމެވެ. ކަލޭ ޒަކާތްނުދޭތާ 6 އަހަރު ވެއްޖެއެވެ. އެއީ ﷲ ގެ ޙައްޤެކެވެ. އަދި ފަރުޟެކެވެ. އަހަރެން މިވަނީ ކަލޭގެ މުދާ ހިސާބުކޮށްފައެވެ. އަދި ޒަކާތުގެ ބައި ވަކިކޮށްފައެވެ. އެހެންކަމުން އޭގެ ޙައްޤުވެރީންނަށް އެބައި ފޯރުކޮށްދޭށެވެ.]

ޒުވާނާގެ ޖަވާބު އަޑުއިވުމުން ގޭގެވެރިޔާ އަޖައިބުވެ އަންތަރީސްވެގެން ހުރެ ބުންޏެވެ. [ކަލެއަށް ހަލާކުހުއްޓެވެ! ކަލޭ ތިކުރަނީ ކީއްހެއްޔެވެ؟ ކަލެއަކީ މޮޔައެއް ހެއްޔެވެ؟] 

ޒުވާނާ ޖަވާބުދިނެވެ. [އަހަރެންނަކީ މޮޔައެއްނޫނެވެ. އަހަރެންނަކި ފުރިހަމަ ޞިއްޙަތެއްލިބިގެންވާ، ބާރުހުރި މީހަކީމެވެ.]

ގޭގެ ވެރިޔާ ސުވާލުކުރިއެވެ. [އެހެންވީއިރު ކަލޭ ވައްކަންކުރަނީ ކީއްވެހެއްޔެވެ؟]
 
އޭގެ ޖަވާބުގައި ޒުވާނާ އޭނާގެ ވާހަކަ މަހުޖަނަށް ކިޔައިދިނެވެ. 

މަހުޖަނަށް ޒުވާނާގެ ސާދާކަމާއި ރީތި ސޫރަ އާއި ހިސާބު ޢިލްމަށް ހުރި ކުޅަދާނަކަން ފެނުނުމުން އޭނާގެ އަންހެނުންގެ ގާތަށް ގޮސް ޒުވާނާ އާއި ބެހޭ ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު ބުންޏެވެ. [ތިބާ ތިޔަ ހުރީ ތިބާގެ އަންހެން ދަރިފުޅުގެ ކައިވެންޏާމެދު ކަންބޮޑުވެފައެވެ. ﷲ ތަޢާލާ، އެވަނީ ރަގަޅު ފިރިޔަކު ފޮނުއްވައިފައެވެ.] އަނބިމީހާވެސް އޭނާއާ އެއްބަސްވިއެވެ.

ދެން އޭނާ، ޒުވާނާގެ ކައިރިއަށް ގޮސް ބުންޏެވެ. [ދެކޭށެވެ! ވައްކަންކުރުމަކީ ވަރަށް ގޯސްކަމެކެވެ. ކަލެއަށް ބޭނުންވަނީ މުދަލާއި ފައިސާއެވެ. ކަލޭ ބޭނުންނަމަ އަހަރެންގެ މުދަލުގެ ހިއްޞާދާރަކަށް ކަލޭ ހަދައިފާނަމެވެ.] ޒުވާނާ ސުވާލުކުރިއެވެ. [އެއި ކޮންގޮތަކަށްތޯއެވެ؟] 

މަހުޖަނު ބުންޏެވެ. [އަހަރެންގެ ހުރީ ހަމަ އެންމެ އަންހެންދަރިއެކެވެ. އަހަރެން އޭނާގެ ކައިވެނި ކަލެއާ ކޮށްދެމެވެ. އަދި އަހަރެންގެ މުދާތައް ބެލެހެއްޓުމުގެ ޒިންމާ ކަލެއާ ޙަވާލުކުރަމެވެ. ދިރިއުޅުމަށްޓަކައި ކަލެއަށް ގެއެއްވެސް ދޭނަމެވެ. މުދާވެސް ދޭނަމެވެ. ކަލޭގެ މަންމަ އާއި މިކަމާ މެދު މަޝްވަރާކޮށްލާށެވެ.]  

ޒުވާނާ އެގޮތަށް އެއްބަސްވިއެވެ. ޒުވާނާގެ މަންމަވެސް އެ ކައިވެންޏާއި ރުހުނެވެ. އަނެއްދުވަހު ހެކީންކުރިމަތީގައި ވިޔަފާރިވެރިޔާ އޭނާގެ އަންހެންދަރިފުޅުގެ ކައިވެނި އެޒުވާނާ އާއި ކޮށްދިނެވެ. 

އާދެ! މިއީ ތަޤުވާވެރިކަމުގެ އިނާމެވެ.
__________________________


މަޞްދަރު: ސުންހެރޭ އައުރާޤް / ޝެއިޚް ޢަބްދުލްމާލިކް މުޖާހިދް
ތަރުޖަމާ: އިނާޒް ޢަދުނާން

No comments:

Post a Comment