Saturday, October 29, 2011

ރަޝިޔާގެ އެހީގެ ޤާފިލާ ޣާޒާއަށް ވަދެއްޖެ


ލިޔުނީ: އިނާޒް ޢަދުނާން

އެހީގެ ސާމާނު ހިފައިގެން ޣާޒާއަށް ދަތުރުކުރި ރަޝިޔާގެ ޤާފިލާ މިދިޔަ ބުރާސްފަތި ދުވަހު ރަފަހު ބޯޑަރު ހުރަސްކޮށް ޣާޒާއަށް ވަދެއްޖެއެވެ.

މިޤާފިލާއިން ޣާޒާއަށް އެހީގެ ގޮތުގައި މައިގަނޑުގޮތެއްގައި ގެންގޮސްފައިވަނީ މިވަގުތު ޣާޒާ ސިޓީގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ހުސްވަމުންދާ ބޭހާއި ބޭސްފަރުވާާ ދިނުމުގައި ބޭނުންކުރާ ސާމާނެވެ. މިއީ ޣާޒާގެ ހިޞާރުކުރެވިފައިވާ މުސްލިމުންނަށް އެހީވުމަށްޓަކައި މިބާވަތުގެ ޤާފިލާއެއް ރަޝިޔާއިން ދަތުރުކުރި ފުރަތަމަ ފަހަރެވެ. ރަޝިޔާގެ މުސްލިމުންވަނީ މިދިޔަ ރަމަޟާންމަހު ޣާޒާގެ ރައްޔަތުންނަށް އެހީވުމަށްޓަކައި ޚާއްޞަ ކެމްޕޭނެއް ހިންގާފައެވެ. މޮސްކޯގައި ޖަމާކުރެވުނު އެފައިސާއިން ބޭސް ގަތުމަށްފަހު ޣާޒާގެ ރައްޔަތުންނަށް މީގެ ކުރިންވެސް ވަނީ ފޮނުވާފައެވެ.

Thursday, October 27, 2011

އެފަދަ ބޭބެއަކަށް ވެވޭނެ ނަމަ

ތަރުޖަމާ: އާދަމް ޔަޢީޝް

ޝުޢައިބް އަށް ޢީދު ދުވަހު އޭނާ ބޭބެގެ ފަރާތުން ވަރަށް އަގު ބޮޑު ރީތި ކާރެއް ހަދިޔާއަކަށް ލިބުނެވެ.  އެއްދުވަހަކު ޝުޢައިބް ގެއިން ބޭރަށް ނުކުތްއިރު އަވަށުގައި އުޅޭ ކުއްޖަކު ޙައިރާންކަމާއެކު އެ ކާރަށް ތަޢުރީފުގެ ނަޒަރަކުން ބަލަންހުރިތަން އޭނާ އަށް ފެނުނެވެ. އެކުއްޖާ އަށް ޝުޢައިބް ފެނުމާއެކު އަހާލިއެވެ.   [ބޭބޭ؟ މިއީ ބޭބެ ގެ ކާރެއްތަ؟

ޝުޢައިބް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. [ތިއީ އަހަރެންގެެ ބޭބެ ޢީދު ހަދިޔާއެއްގެ ގޮތުން އަހަރެންނަށް ދިން އެއްޗެއް.] 

ޝުޢައިބްގެ ޖަވާބު އިވުމުން އެކުއްޖާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. [ތި ބުނީ ބޭބެގެ ދޮންބެ، ބޭބެ އަށް ޢީދު ދުވަހު ހަދިޔާއަކަށް ކާރެއް ދިނީއޭތަ؟ އަހަންނަށްވެސް.....] މިހިސާބަށް ބުނުމަށްފަހު އެކުއްޖާ ވާހަކަދެއްކުން ހުއްޓާލިއެވެ.

Monday, October 17, 2011

މޯބައިލްފޯން ފަދަ ތަކެތީގައި ކީރިތިޤުރުއާން ގެންގުޅުމުގެ ޙުކުމަކީ ކޮބާ؟


ޖަވާބުދެއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ސުވާލު:  މޯބައިލްފޯން  ފަދަ  ތަކެތީގައި ކީރިތިޤުރުއާން  ގެންގުޅުމުގެ  ޙުކުމަކީ  ކޮބާ؟

ޖަވާބު: الحمد لله، والصلاة والسلام على رسول الله
أما بعد:
ކޮމްޕިއުޓަރއާއި މޮބައިލް ފޯން ފަދަ އިލެކްޓްރޯނިކް ޑިވައިޒްތަކުގައި ކީރިތި ޤުރްއާން އަޅައިގެން ގެންގުޅުމާއި އަޑުއެހުމާއި އެފަދަ ތަކެތިން ޤުރްއާން ކިޔެވުމަކީ ހުއްދަ ކަމެކެވެ. އަދި އެފަދަ އެއްޗިހީގައި ބީހުމަށްޓަކައި ވުޟޫ ހުރުމަކީ ޝަރުޠެއް ނޫނެވެ. އަދި އެފަދަ ތަކެތި ޖީބުގައި އުފުލުމާއި އެއާއި އެކުގައި ފާޚާނާއަށް ވަދެ ހެދުމަކީ ހުއްދަ ކަމެކެވެ. ސަބަބަކީ އެއީ މުޞްޙަފެއް ނޫނެވެ. ހަތިމެއް ނޫނެވެ. އަދި އޭގައި ވާ ލިޔުމަކީ ކަރުދާހުގައި ވާފަދަ އެއްޗެއް ނޫނެވެ. އެލިޔުން އެއްޗެއްގެ ގޮތުގައި ފެންނަނީ އެ ހުޅުވައި ސްކްރީންގައި ޑިސްޕްލޭ ކުރުމުންނެވެ. ނިތްވައިލުމުން އޭގެ ހަގީގަތް ގެއްލިދެއެވެ. ވީމައި ޤުރްއާން ޖަހައިގެން ނުވަތަ ޤުރްއާން ޓެކްސްޓް ހުޅުވައިފައި ބާއްވައިގެން ފާޚާނާފަދަ ތަންތަނަށް އެއާއި އެކުގައި ވަނުމަކީ ރަނގަޅުކަމެއް ނޫނެވެ. އެކަމަކު ނިތްވައިލުމުން އެއީ މައްސަލައެއް ނޫނެވެ

Tuesday, October 11, 2011

ހުޅަނގުގެ އަންހެނުން މަސައްކަތަށްނެރެވުނު ގޮތަށް ނަޒަރެއް - 4



އަސަރުތައް

ކުރިންވެސް ބަޔާންކުރެވުނު ފަދައިން މަންމައިން މަސައްކަތަށް އެނބުރި ދާންފެށުމުން، ޓީވީ ހިމެނިގެންދިޔައީ ޅަދަރީންގެ "ބެލެނިވެރިޔާ" ކަމުގައެވެ. 1950 ގެ އަހަރުތަކުގައި ކުޑަކުދިން ހޭލާ ތިބޭ ވަގުތުގެ ތެރެއިން އެންމެ ގިނަ ވަގުތު ހޭދަކުރަނީ ޓީވީގެ ކުރިމަތީގައެވެ. 

1940 ވަނަ އަހަރު 18 އަހަރުންދަށުގެ ދަރީން ތިބި މައިންގެ ތެރެއިން މަސައްކަތަށް ދާކަމަށް ރެކޯޑްކުރެވިފައިވަނީ %8.6 އަށްވުރެވެސް މަދު ޢަދަދެއްގެ އަންހެނުންނެވެ. ނަމަވެސް 1987 ވަނަ އަހަރާ ހަމަޔަށް އައިއިރު މިނިސްބަތްވަނީ %60.2 އަށް މައްޗަށް އުފުލިފައެވެ.

Monday, October 10, 2011

މައްޔިތާގެ މޫނު ބަލަން ދިއުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟

ޖަވާބު ދެއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ސުވާލު: މައްޔިތާގެ މޫނު ބަލަން ދިއުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟

ޖަވާބު: الحمد لله، والصلاة والسلام على رسول الله. أما بعد: 

މައްޔިތާގެ މޫނުބެލުމަކީ އޮންނަ ކަމެކެވެ. އިތުރު އެކަލޭގެފާނުން އަވަހާރަވެ ވަޑައިގަތުމުން މުސްލިމުން އެކަލޭގެފާނުންގެ މޫނު ބެލުމަށްޓަކައި އެކަލޭގެފާނުންގެ ގާތަށް ވަދެ، އެއްމެ ފަހު ފަހަރަށް އެކަލޭގެފާނު ދެކިލައި ބައްދަލު ކުރިއެވެ. ވީމައި ގާތް ތިމާގެ ނުވަތަ އަވަށްޓެރިންނާއި ރަހުމަތްތެރީން ނިޔާވުމުން އެމީހުންގެ މޫނު ބެލުމަށް ދިޔުމަކީ އޮތް ކަމެކެވެ. ނަމަވެސް ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން އެއްބަޔަކު އަނެއް ބައެއްގެ މޫނުބެލުމަކީ އޮތްކަމެއް ނޫނެވެ. ޚާއްސަކޮށް އަންހެނުންގެ މޫނުބެލުމަށް ފިރިހެނުން ދިޔުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދިކިޔެއް ޖަނާޒާގައި ބައިވެރިވެ މައްޔިތާގެ މައްޗަށް ކަށުނަމާދު ކޮށް ދުޢާ ކުރުމުން އެ ނިމުނީއެވެ.

Sunday, October 9, 2011

އިމާމް އަޥްޒާޢީގެ ހިތްވަރުފުޅު



ޢަބްދުﷲ ބިން ޢަލީ ޢައްބާސީ ދިމިޝްޤު ފަތަޙަކުރުމަށްފަހު އެންމެ ގަޑިއިރެއްގެ ތެރޭގައި އެއްވެސް ޙައްޤަކާނުލައި އެތައް ބައެއްގެ ލޭ އޮހޮރުވާލިއެވެ. އަދި އުމަވީ ޚިލާފަތުގެ އެންމެ ބޮޑު މިސްކިތަށް އޭނާ ސަވާރުވެ އިން އަހާއެކު ވަދެ އޭނާގެ ވަޒީރުންނާއެކު މަޖިލިސްކުރިއެވެ. އަދި ފަޚުރުވެރިކަމާއެކު ސުވާލުކުރިއެވެ. [އަހަރެންނާ ކުރިމަތިލައި މުޤާބަލާކުރަން ކެރޭނެ އެއްވެސް މީހަކު މިހާރު އެބަހުރިހެއްޔެވެ؟] ޖަވާބު ލިބުނެވެ. [ނޫނެކެވެ!] އޭނާ އަނެއްކާވެސް ސުވާލުކުރިއެވެ. [ތިމަންގެ މައްޗަށް އިޢުތިރާޟުކުރުމުގެ ހިތްވަރު ހުރި މީހަކު ހުރިކަން ކަލޭމެންނަށް އެނގޭ ހެއްޔެވެ؟] ވަޒީރުން ޖަވާބުދިނެވެ. [ނޫނެކެވެ. އާނ! އެކަމަކު ޖަވާބު ދިނުމުގެ ހިތްވަރު ކުރަންކެރޭނެނަމަ އެމީހަކީ އަޥްޒާޢީ އެވެ.]  ޢަބްދުﷲ ބިން ޢަލީ ޢައްބާސީ ވިދާޅުވިއެވެ. [ތިމަންގެ ކައިރިއަށް އަޥްޒާޢީ ގެންނާށެވެ!]

Wednesday, October 5, 2011

ހުޅަނގުގެ އަންހެނުން މަސައްކަތަށްނެރެވުނު ގޮތަށް ނަޒަރެއް - 3


ދެވަނަ ބޮޑު ހަނގުރާމަ

ދެވަނަ ބޮޑު ހަނގުރަމަ ފެށުނީ މީލާދީން 1940 ގެ ކުރީކޮޅެވެ. ފިރިހެނުންނަށް ހަނގުރާމައިގާ ބައިވެރިވާންޖެހުނެވެ. ހަމަ އެއާއެކު އެމެރިކާއަށް މަސައްކަތްތެރީންނާ މުދާ ބޭނުންވިއެވެ. އަނެއްކާވެސް ވަޒީފާދޭ ފަރާތްތަކުގެ ލޯތައް އަމާޒުވީ އަންހެނުންނަށެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެކޭ އެއްފަދައިން ކައިވެނިނުކޮށް ތިބި އަންހެނުންނާ ކައިވެނިކޮށްގެން ތިބި އަންހެނުންނަށް މަސައްކަތުގެ މައިދާނަށް ނުކުތުމަށް ދަޢުވަތުދެވުނެވެ. އެކަމަކު އޭރުވެސް ގިނަ ބަޔަކު ކައިވެނިކޮށްގެން ތިބި އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމާ ދެކޮޅެވެ. އެހެންކަމުން މިވިސްނުން ބަދަލުކުރުމަށްޓަކައި ސަރުކާރާ މީޑިއާ ގުޅިގެން ފިސާރި ވަރުގަދަ ޕްރޮޕެގަންޑާ ކެންޕެއިނެއް ފެށުނެވެ. މައި ސަރުކާރުގެ ފަރާތުން އަންހެނުންނަށް ވިސްނައިދެމުން ގެންދިޔައީ މަސައްކަތުގެ މައިދާނަށް އެމީހުން ނުނިކުމެއެއް ހަނގުރާމައިގެ މައިދާނުގައި ކާމިޔާބެއްނުލިބޭނެކަމުގައެވެ. މަސައްކަތްކުރުމަކީ ރަގަޅު ރައްޔަތުމީހެއްކަމުގެ ނިޝާނެއްކަމުގައި ބެލެވެންފެށިއެވެ. މަސައްކަތަށް ނުކުންނަ އަންހެނާއަކީ ޤައުމުދެކެ ލޯބިވާ މީހެއްކަމުގައި ބެލެވެން ފެށިއެވެ.

Sunday, October 2, 2011

ތޮއްޑޫ ސްޓާޓް ޖަމިއްޔާގެ ފުރަތަމަ ޤުރުއާން މުބާރާތް ބާއްވައިފި



އއ.ތޮއްޑޫގެ ޖަމްޢިއްޔާއެއްކަމުގައިވާ ސޮސައިޓީ ޓު އެޑްވާންސް އެންޑް ރިބިލްޑިންގް ތޮއްޑޫ (ސްޓާޓް) ގެ ފަރާތުން މިދިޔަ ހުކުރުދުވަހު ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ.

މިއީ މުޅި ރަށަށް ހުޅުވައިލައިގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި ހަތް އުމުރުފުރާއަކުން ދެގޮފީގައި ޖުމްލަ ފަސްދޮޅަސް ކުދިން ބައިވެރިވެފައިވެއެވެ. މިމުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ އަންނަ ހަފްތާގެ ހުކުރުދުވަހުގައެވެ.

ސްޓާޓް ޖަމްޢިއްޔާއަކީ ތޮއްޑޫގެ ތަރައްޤީއަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާގެ ފަރާތުން ތޮއްޑޫގައި މިހާރުވެސް ޤުރުއާން ކްލާހަކާ ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކްލާހެއް ކުރިއަށް ގެންދެއެވެ.