Wednesday, January 23, 2013

އިމާމް އަޙުމަދުގެ ދަރިކަނބަލުންގެ ސުވާލު، އިމާމް ޝާފިޢީގެ ޖަވާބު




އިމާމް އަޙުމަދު ބުނު ޙަންބަލް (ރަޙިމަހުﷲ) އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންގެ އަރިހުގައި ވަރަށް ގިނަގިނައިން އިމާމް ޝާފިޢީ (ރަޙިމަހުﷲ) ގެ ޢިލްމުވެރިކަމާއި، މާތްކަމާއި، ތަޤުވާވެރިކަމުގެ ވާހަކަ ދައްކަވައެވެ. އެއްދުވަހަކު އިމާމް އަޙުމަދު އެކަލޭގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރެއްވުމަށް އިމާމް ޝާފިޢީ އަށް ދަޢުވަތު ދެއްވިއެވެ. އިމާމް ޝާފިޢީ، އިމާމް އަޙުމަދުގެ ގެއަށް ވަޑައިގެން، ރޭގަނޑުގެ ކެއުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެއަށްފަހު މެހެމާނުންގެ ކޮޓަރިއަށް ވަދެވަޑައިގެން އަވަހާރަލެއްޕެވުމަށްޓަކައި ތަންމަތީގައި އޮށޯވެވަޑައިގެންނެވިއެވެ. 

އަނެއް ދުވަހުގެ ހެނދުނު އިމާމް އަޙުމަދުގެ ދަރިކަނބަލުން އެކަމަނާގެ ބައްޕަ އާއި ސުވާލުކުރެއްވިއެވެ. [ބައްޕާއެވެ! އެއީ ހަމަ އެބޭކަލެއްގެ ވާހަކަ ބައްޕަ އަޅުގަނޑުމެންނަށް ގިނަގިނައިން ވިދާޅުވެދެއްވާ އިމާމް ޝާފިޢީ ތޯއެވެ؟]

އިމާމް އަޙުމަދު ޖަވާބުދެއްވިއެވެ. [އާނއެކެވެ!]

ދަރިކަނބަލުން ދެންނެވިއެވެ. [އެކަލޭގެފާނުގެ ކިބައިން އަޅުގަނޑު ޢަޖައިބުކުރުވި ތިން ކަމެއް ފެނިއްޖެއެވެ.]
އިމާމް އަޙުމަދު ސުވާލުކުރެއްވިއެވެ. [އެއީ ކޮންކޮން ކަންތަކެއް ހެއްޔެވެ؟]

ދަރިކަނބަލުން ޖަވާބުދެއްވިއެވެ. [ފުރަތަމަކަމަކީ އަޅުގަނޑުމެން ރޭގަނޑުގެ ކެއުން ސުފުރާ މަތީގައި ބެހެއްޓުމުން އެކަލޭގެފާނު ވަރަށް ގިނައިން ފަރީއްކުޅުއްވިއެވެ. ދެވަނަކަމަކީ ކެއުމުން އަވަދިވެވަޑައިގެން މެހެމާނުންގެ ކޮޓަރިއަށް ވަދެވަޑައިގެން ތަންމަތީގައި އޮށޯވެވަޑައިގަތީއެވެ. ރޭގަނޑު ތެދުވެވަޑައިގެން ތަހައްޖުދު ނަމާދެއް ނުކުރައްވައެވެ. ތިންވަނަކަމަކީ އަޅުގަނޑުމެންނަށް ފަތިސްނަމާދު ކޮށްދެއްވީ ވުޟޫކުރެއްވުމެއް ނެތިއެވެ. އެކަލޭގެފާނު ވުޟޫކުރެއްވުމަށްޓަކައި ބެހެއްޓި ފެންކުރާގައި އަތްވެސް ނުލައްވައެވެ.]

އިމާމް އަޙުމަދު، ދަރިކަނބަލުންގެ ވާހަކަ އަޑުއެއްސެވުމަށްފަހު، އެކަންތައްތަކާއި ބެހޭގޮތުން އިމާމް ޝާފިޢީ އާއި ސުވާލުކުރެއްވިއެވެ.

އިމާމް ޝާފިޢީ ވިދާޅުވިއެވެ. [އޭ އަޙުމަދެވެ! އަހަރެން ގިނައިން ކޭ ސަބަބަކީ ތިބާގެ ކާނާއަކީ ޙަލާލު ތަކެތިކަން އަހަރެންނަށް ޔަޤީންވާތީއެވެ. އަދި ތިބާއަކީ ނުހަނު ދީލަތި ބޭކަލެކެވެ. ފަހެ ދީލަތިމީހުންގެ ކާނާ އަކީ ފަރުވާއެކެވެ. އެއާ ޚިލާފަށް ދަހިމީހާގެ ކާނާއަކީ ބައްޔެކެވެ. އަހަރެން ގިނައިން ކެއީ އަރާމު ޙާޞިލްކުރާކަށް ނޫނެވެ. އަދި ކިއެއްތަ! އަހަރެން ގިނައިން ކެއުމުގެ ސަބަބަކީ ތިބާގެ ކާނާއިން އަހަރެންގެ ހަށިގަނޑަށް ފަރުވާ ކުރުމަށެވެ.

ޤިޔާމުއްލައިލް ނުކުރުމާއި މެދު ބުނަން ޖެހެނީ އަހަރެންގެ ބޯ ނިދުމަށްޓަކައި ބާލީހުގައި އެޅި ހިނދު، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބައެއް ޙަދީޘްތައް އަހަރެންގެ ހަނދާނަށް އައެވެ. އެހިނދު އެހަދީޘްތަކާއި މެދު އަހަރެން ވިސްނައި ފިކުރުކުރަން ފެށީމެވެ. އަދި އެހަދީޘްތަކުން މުސްލިމުންނަށް އެއިން ފައިދާ ޙާޞިލްކުރެވިދާނެ، ހަތްދިހަ ދެ ފިޤުހީ މައްސަލަ އިސްތިންބާޠު ކުރީމެވެ. އެހެންވެ އަހަރެންނަށް ޤިޔާމުއްލައިލް ކުރާން ފުރުޞަތު ނުލިބުނީއެވެ. 

ވުޟޫނުކޮށް ފަތިސްނަމާދު ކުރުމާއި މެދު ބުނަމެވެ. ﷲ ގަންދީ ބުނަމެވެ! އަހަރެން މުޅި ރޭގަނޑު ހޭދަކުރީ ހޭލައެވެ. އެންމެ ލޮލުފިޔައެއްވެސް ނުޖަހަމެވެ. މިސަބަބަށްޓަކައި އިޝާނަމާދަށް ކުރި ވުޟޫއިން ފަތިސްނަމާދު ކަލޭމެންނަށް ކޮށްދިނީއެވެ.

މި ބަޔާންކުރެވުނީ ސަލަފުގެ އިމާމުންގެ މާތް ދިރިއުޅުއްވުމުގެ ކުޑަކުޑަ މިސާލެކެވެ. 
_____________________________
 

ތަރުޖަމާ: އިނާޒް ޢަދުނާން
މަޞްދަރު: ސުންހެރީ ކިރްނޭ / ޢަބްދުލްމާލިކް މުޖާހިދު

No comments:

Post a Comment