Saturday, December 29, 2012

ޠުފައިލް ބުނު ޢަމްރުއްދައުސީ ރަޟިޔަﷲ ޢަންހު - 3




ދެން އެތަނުން އަހުރެންގެ ޤައުމަށް ދަތުރު ފެށީމެވެ. ދަތުރުކުރަމުން އައިސް ރަށުގެ ގެތަކާއި ފާރުތައް ފެންނަ ހިސާބަށް އާދެވުނުތަނާ ކުއްލިއަކަށް އަހަރެންގެ ނިތްކުރީން ބައްތިއެއް ފަދައިން ގަދަ އަލިކަމެއް ފާޅުވެއްޖެއެވެ. އަހުރެން ﷲ އަށް ދެންނެވީމެވެ. [އިލާހީ! މި އަލިކަން މިއަޅާގެ މޫނު ފިޔަވައި އެހެން ތަނެއްގައި ލައްވައިފާނދޭވެ! އެހެންނޫނީ ޤައުމުގެ މީހުންނަށް މިއަޅާގެ މޫނު ފެންނުމުން "ތިޔައީ ކާބަފައިންގެ ދީން ދޫކޮލުމުގެ ސަޒާއޭ! އަލިކަމެއް ނޫނޭ!" ބުނެފާނެއެވެ.] އަހަރެން މިހެން ދުޢާކުރުމާއެކު އެއަލިކަން އަހަރެންގެ ނިތްކުރިން އަަހަރެންގެ ލޮންސީގެ ކޮޅަށް ބަދަލުވެއްޖެއެވެ. ލޮންސީގެ ކޮޅުގައި ބައްތިއެއް ދިއްލާފައިވާހެން ހީވާކަހަލައެވެ. ދެން ފަރުބަދަ މަތީން ފައިބައިގެން އަހަރެންގެ ޤައުމުގެ ކައިރިއަށް އައުމުން އެންމެ ފުރަތަމަވެސް އަހަރެންނާ ބައްދަލުކުރުމަށް އައީ އަހުރެންގެ މުސްކުޅި ބައްޕައެވެ. އަހުރެން ބައްޕައަށް ދެންނެވީމެވެ. [ލޯބިވާ ބައްޕާއެވެ! އަޅުގަނޑާ ދުރުގައި ހުންނަވާށެވެ! އަޅުގަނޑުމެން ދެމީހުންގެ މެދުގައި މިހާރު އެއްވެސް ތިމާގެ ކަމެއް ނުވެއެވެ.]

ފެންކައްކާބޮލީގެ ޢިއްޒަތް





ލިޔުނީ: އިނާޒް ޢަދުނާން

އަދުގެ ދުނިޔޭގައި ނިކަމެތި ޤައުމުތަކުގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމުގެ އިމާމުންނަކީ އެމެރިކާ އާއި ޔޫރަޕެވެ. އާދެ! ހުޅަނގުގެ ޤައުމުތަކެވެ. އެބައިމީހުންނަކީ އެބައިމީހުންގެ އަމިއްލަ މަޞްލަޙަތާއި ފައިދާއަށްޓަކައި މުޅި ދުނިޔޭގައި ހަންފަތުރަމުން ގެންދާ ބައެކެވެ. ޤައުމުތަށް އަޅުވެތިކުރުމަށްޓަކައި އެބައިމީހުން ގެންގުޅޭ އުކުޅަކީ ނިކަމެތި ޤައުމުތަކުގެ ވެރިކަމަށް އިސްވާ މީހުންނަކީ ހުޅަނގަށް ވަފާތެރި ބަޔަކަށް ހެދުމެވެ. އެއްބަޔަކަށް ފައިސާގެ ދަޅަދައްކައިގެންނެވެ. އަނެއްބަޔަކަށް ލަޓިބުރީގެ ބިރުދައްކައިގެންނެވެ. މި ދެގޮތުންވެސް އެކުވެރިނުވެއްޖެ ވެރިއަކީ އެބައިމީހުންގެ ދުޝްމަނެއްކަމުގައި ކަނޑައަޅައި އެމީހަކު ވެރިކަމުން ދުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޤައުމުތަކުން ގެންދަނީ ކުރަމުންނެވެ.

Tuesday, December 25, 2012

ޞައްޙަ ޢަޤީދާ - 13



އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ނުބުއްވަތުގެ ޒަމާނާއި ދުރުވުމާއި، ޖާހިލުކަން ބޮޑުވުމުގެ ސަބަބުން ޝިރުކުގެ ބާވަތްތައް މީސްތަކުންގެ ތެރޭގައި މިޒަމާނާއި ޖެހެންދެން ފެތުރެމުން ވަނީ އައިސްފައެވެ. ފަހުގެ މީހުންނަށް އަރާފައިވާ އޮޅުމަކީ ހަމަ ކުރީގެ މީހުންގެވެސް އޮޅުމެވެ. އެއީ އެބައިމީހުން ބުނާގޮތުގައި هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ – يونس 18 – މާނައީ: "އެފަރާތްތަކަކީ ﷲ ގެ ޙަޟްރަތުން އަހަރަމެންގެ ޝަފާޢަތްތެރިންނެވެ."
مَا نَعْبُدُهُمْ إِلَّا لِيُقَرِّ‌بُونَا إِلَى اللَّـهِ زُلْفَىٰ – الزمر 3 – މާނައީ: "ތިމަންމެން ﷲ އާއި ގާތްވުމަށްޓަކައި މެނުވީ އެފަރާތްތަކަށް އަޅުކަން ނުކުރަމުއެވެ." މިއެވެ.

ހަމަ ޔަޤީނުން ﷲ ވަނީ މިޝުބުހާ ބާޠިލުކުރައްވައި އެކަލާނގެ ފިޔަވައި އެހެން ކޮންމެ ފަރާތަކަށް އަޅުކަންކުރި ނަމަވެސް ހަމަކަށަވަރުން އެމީހަކު، އެކަލާނގެ އާއި ޝަރިކުކޮށްފިކަމާއި އަދި ކާފަރުވެއްޖެކަމުގައި އަންގަވައި ބަޔާންކުރައްވާފައިވެއެވެ. މިގޮތުން އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ ۚ – يونس 18 – މާނައީ: "އަދި އެބައިމީހުން ﷲ ފިޔަވައި އެބައިމީހުންނަށް ގެއްލުމެއް އަދި ފައިދާއެއް ނުދޭ ފަރާތްތަކަކަށް އަޅުކަންކުރެއެވެ. އަދި އެއުރެން ބުނެތެވެ. މިފަރާތްތަކަކީ ﷲ ގެ ޙަޟުރަތުގައި އަހަރަމެންގެ ޝަފާޢަތްތެރީންނެވެ."

Tuesday, December 18, 2012

ޠުފައިލް ބުނު ޢަމްރުއްދައުސީ ރަޟިޔަﷲ ޢަންހު - 2




ޠުފައިލް ބުނު ޢަމްރު ރިވާކުރައްވައެވެ. އަހުރެންނަށް މައްކާއަށް ވަދެވުމާއި އެކު ޤުރައިޝުންގެ ސަރުދާރުންތައް އައިސް އަހުރެން ވަށައިލިއެވެ. އަދި ވަރަށް ހޫނު މަރުޙަބާއެއް ކިޔައި ނުހަނު ޢިއްޒަތާއެކު އަހުރެންނާއި އިސްތިޤުބާލު ކުރިއެވެ. ދެން މައްކާގެ ހުރިހާ ސަރުދާރުންނާއި ޢިއްޒަތްތެރީން އެއްތަނަކަށް ޖަމާވެ، އެމީހުންގެ ކައިރިއަށް އަހުރެން ގެންދިޔުމަށް ފަހު ބުންޏެވެ. [ޠުފައިލެވެ! ތިބާ މިރަށަށް ވަޑައިގެންފީމުއެވެ. މިރަށުގައި އޭނާ އަމިއްލައަށް ނަބީކަމަށް ދަޢުވާކޮށްގެން އުޅޭ މީހަކު އެބަ އުޅެއެވެ. އޭނާ، އަހަރަމެންގެ ޚިޔާލުތައް ވިއްސިވިހާލި ކޮށްލައިފިއެވެ. އަހަރަމެންގެ މެދުގައި ދެކޮޅުވެރިކަން އުފައްދައިފިއެވެ. އަދި އަހަރަމެން ބައިބައިކޮށްފިއެވެ. އަހަރަމެން ބިރުގަންނަނީ ފަހަރެއްގައި މި މުޞީބާތް ތިބާގެ ޤައުމުގެ މައްޗަށް ވެސް އަތުވެދާނެތީއެވެ. އަހަރަމެންގެ އިޚުލާޞްތެރި އެދުމަކީ ތިބާ އޭނާ އާއި ބައްދަލުނުކުރެއްވުމެވެ. އޭނާ އާއި ވާހަކަނުދެއްކެވުމެވެ. އަދި އޭނާގެ ވާހަކަ އަޑުވެސް ނުއެއްސެވުމެވެ. އެހެނީ އޭނާގެ ވާހަކައިގައި ޖާދޫގެ އަސަރުވެއެވެ. އޭނާގެ ވާހަކައިގެ ސަބަބުން ބައްޕަ އާއި ދަރީން، އަޚުންނާއި އަޚުން އަދި އަނބީންނާއި ފިރީން ވަކިވެދެއެވެ.]

Saturday, December 15, 2012

ފަލަ މީހުންގެ ނިސްބަތް އަށްޑިހަ ދެ އިންސައްތަ އިތުރުވެއްޖެ: ދިރާސާ





ލިޔުނީ: އަލްއަޚް އާދަމް



ވޭތުވެދިޔަ ވިހި އަހަރުގެ ތެރޭގައި ފަލަ މީހުންގެ ނިސްބަތް އަށްޑިހަ ދެ އިންސައްތަ އިތުރުވެފައިވާކަމަށް ދާދިފަހުން ހާމަކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ޞިއްޙަތާ ބެހޭ މަޖައްލާއެއްކަމުގައިވާ "ދި ލާންސެޓް" އިން ކުރި މި ދިރާސާއިން ދައްކާގޮތުން އާދަޔާޚިލާފަށް ފަލަވުމުގެ ސަބަބުން ޖެހުނު ބަލިތަކުގައި 2010 ވަނަ އަހަރު ތިން މިލިޔަން މީހުން ވަނީ މަރުވެފައެވެ. މިއީ ބަނޑުހައި ހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ ނިސްބަތަށްވުރެ ތިން ގުނަ އިތުރު ޢަދަދެކެވެ.

ދުނިޔޭގެ ފެންވަރުގައި ކުރެވުނު މި ބޮޑު ދިރާސާއިން އެގުނުގޮތުގައި ވޭތުވެދިޔަ ވިހި އަހަރުގެ ތެރޭގައި އިންސާނުންގެ އެވްރެޖް ޢުމުރު މައްޗަށް ގޮސްފައިވާއިރު ނުރައްކާތެރި ބަލިތައްވެސް ދަނީ އިތުރުވަމުންނެވެ. އަނެއްކޮޅުން އެކި ޤައުމުތަކުގެ މީހުންގެ މެދުގައި އެވްރެޖް ޢުމުރުގައި ވަރަށް ބޮޑެތި ތަފާތުތަކެއްވެސް އެބަހުއްޓެވެ. އަވަހަށް މަރުވާ މީހުންގެ ނިސްބަތް އެންމެ މަތީގައި އުޅެނީ އެފްރިކާގެ ސަބް ސަހާރާ ސަރަޙައްދުގެ ޤައުމުތަކުގައެވެ.

Monday, December 3, 2012

ޠުފައިލް ބުނު ޢަމްރުއްދައުސީ ރަޟިޔަﷲ ޢަންހު - 1




ޠުފައިލް ބުނު ޢަމްރަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސް ވަންހައިގެ ޢިއްޒަތްތެރި ޝަރަފުވެރި ސަރުދާރުންގެ ތެރެއިން އަރައި ހުންނެވި ސަރުދާރެކެވެ. އަދި އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ޢަރަބީންގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނަކީ ބޭނުމެއް ޖެހިގެން އައި އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގޭގެ ދޮރު ފަހަރެއްގައިވެސް ބަންދު ކުރައްވާފައި ނުވާ ދީލަތި ހިތްޕުޅު ތަނަވަސް ބޭކަލެކެވެ. ބަނޑުހައިވެފައިވާ މީހާއަށް ކާންދެއްވައެވެ. ބިރުގެންފައިވާ މީހާއަށް ތަސައްލީ ދެއްވައެވެ. ރައްކާތެރިކަމަށް އެދިގެން އަންނަ މީހާއަށް އެކަލޭގެފާނުގެ ގެއިން ރައްކާތެރިކަން ދެއްވައެވެ. މި ހުރިހައި ކަމަކާއެކު އެކަލޭގެފާނަކީ ވަރަށް ވިސްނުން ތޫނު ބުއްދިވެރި އަދީބެއް ވެސް މެއެވެ. އެކަލޭގެފާނަށް ލިބިފައިވަނީ ނުހަނު ޙައްސާސް ހިތްޕުޅެކެވެ. އެކަލޭގެފާނުގެ ޝުޢޫރުތައް ނުހަނު ސާފު ޠާހިރެވެ. ވާހަކަ ދެއްކުމުގެ އުކުޅުތައް ދެނެވަޑައިގަންނަވައެވެ. އެކަލޭގެފާނު ދައްކަވާ ވާހަކަފުޅުގައި ޖާދޫގެ އަސަރު އެކުލެވިގެންވާ ކަހަލައެވެ.