Monday, November 14, 2011

ދުޢާކުރުން އެންމެ ރަގަޅު ވަގުތުތަކަކީ ކޮބައިތޯއެވެ؟


ޖަވާބުދެއްވީ: އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް

ސުވާލު: ދުޢާކުރުން އެންމެ ރަގަޅު ވަގުތުތަކަކީ ކޮބައިތޯއެވެ؟ 

ޖަވާބު: الحمد لله، والصلاة والسلام على رسول الله أما بعد:

ދުޢާކުރުން އެއްމެ ރަނގަޅު ވަގުތުތަކަކީ އެވަގުތުތަކުގައި ދުޢާ އިޖާބަ ކުރެއްވުން ގާތްކަމުގައި ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ވަގުތު ތަކެވެ. އެފަދަ ވަގުތު ތަކުގެ ތެރޭގައި އެއްވަގުތަކީ: ލައިލަތުލް ޤަދްރި ވިލޭރެއެވެ. އަނެއްވަގުތަކީ: ރޭގަނޑުގެ ދަންވަރެވެ. އެއީ ރޭގަނޑުގެ ތިންވަނަ ބައި ނުވަތަ ހާރު ދަން ފެށުނީއްސުރެ ފަޖުރުލައިފުމަށް ދާނދެނެވެ. އެއީ ﷲ ތަބާރަކަ ވަތަޢާލާ ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގެން އެކަލާނގެ އަޅުތަކުންގެ ދުޢާ އާއި ދެންނެވުންތައް އިޖާބަކުރައްވާނެކަމުގައި އަންގަވާފައިވާ ވަގުތެވެ.އަނެއްވަގުތަކީ: ބަންގިއާއި ޤަމަތާއި ދެމެދުގައި ކުރެވޭ ދުޢާއެވެ.އަނެއްވަގުތަކީ: ނަމާދުގައި ސަޖިދާގައި އޮންނަ އިރުއެވެ.އަނެއްވަގުތަކީ: ފަރުޟު ނަމާދު ފަހަތުގައެވެ. ޔަޢުނީ: އައްތަޙިއްޔާތާއި ޞަލަވާތް ކިޔެވުމަށް ފަހުގައި ސަލާންދިނުމުގެ ކުރިން ދުޢާ ކުރުމާއި ސަލާމްދިނުމަށް ފަހުގައި ކުރެވޭ ޛިކުރުތަކާއި ދުޢާތަކެވެ. އަނެއްވަގުތަކީ: ހުކުރު ދުވަހުގައި ވާ ދުޢާ އިޖާބަ ކުރެއްވޭ ސާޢަތެވެ. އެއީ ހުކުރު ވަގުތުން ފެށިގެން އިރު އޮށްސުމާއި ދެމެދުގެ ވަގުތެކެވެ.އަނެއްވަގުތަކީ: ވާރޭ ވެހޭ ވަގުތެވެ.އަނެއްވަގުތަކީ: ޒަމްޒަމް ފެން ބުއިމާއި އެކުގައި ކުރާ ދުޢާއެވެ.އަނެއްވަގުތަކީ: އަނިޔާ ލިބިގެންވާ ހާލުގައި މަޡްލޫމުންގެ ދުޢާއެވެ.