Friday, January 11, 2013

ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ޞޫރިޔާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުން ދަތިވެއްޖެ




ޞޫރިޔާއަށް ފިނިގަދަވެ، ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން، ހަނގުރާމައިގެ އަސަރުކޮށްފައިވާ އެޤައުމުގެ ސަރަޙައްދުތަކަށް ކާބޯތަކެތި ލިބުން ދަތިވެއްޖެއެވެ.

މެދުއިރުމައްޗަށް އަދަޔާ ޚިލާފަށް ފިނިގަދަވެ، ސްނޯ ފޭބުމުގެ ސަބަބުން ޞޫރިޔާގައި އެތެރޭގައި ތިބި ރައްޔިތުންނާއި، އަވަށްޓެރި ޤައުމުތަކުގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި މީހުންގެ ދިރިއުޅުން ދުވަހެއް ދުވަހަކަށް ދަނީ އުނދަގޫވަމުންނެވެ. 

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި އަދި ވައި ގަދަވުމުގެ ސަބަބުން ތުރުކީ އާއި އުރުދުންގެ ސަރަޙައްދު ކައިރީ ޤާއިމްކޮށްފައިވާ މުހާޖިރު ކޭމްޕްތަކަކީ އިންސާނުން ދިރިއުޅެއް އެކަށީގެންނުވާ ތަންތަނަށް މިހާރު ވަނީ ވެފައެވެ. ވިއްސާރައިގެ ސަބަބުން ގިނަ ޢަދަދެއްގެ ފޭލިގެތައް ވަނީ ވެއްޓި އޮޔާ ގެންގޮއްސައެވެ. އެކަމުގެ ސަބަބުން އެފޭލިގެތަކުގައި ދިރިއުޅެމުން ދިޔަ ޞޫރިޔާގެ ރައްޔިތުންނަށް ހާމަ މައިދާނުގައި ދިރިއުޅެން ވަނީ މަޖުބޫރުވެފައެވެ.

އެހީދޭ ޖަމިއްޔާއެއްކަމުގައިވާ އިންޓަނޭޝަނަލް ފުޑް ޕްރޮގްރާމް އިން ހާމަކުރިގޮތުގައި ފިނި މޫސުމުގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކުން ކާބޯތަކެއްޗާއި އެހެންވެސް ޒަރޫރީ ސާމާނު މަދުވުމަށް ދިމާވެފައިވާ އަޞްލު ސަބަބަކީ ބައްޝާރުގެ ސަރުކާރުން އެހީދޭ ޖަމާއަތްތަކަށް މިނިވަންކަމާއެކު އެސަރަޙައްދުތަކުގައި ހަރަކާތްތެރިވުން މަނާކޮށްފައި އޮތުމެވެ. އެޖަމަޢާތުން ކޮންމެ މަހަކުވެސް  ގާތްގަނޑަކަށް ޞޫރިޔާގެ ފަސްލައްކަ މީހުންނަށް ކާބޯތަކޭތީގެ އެހީތެރިކަން ގެންދަނީ ފޯރުކޮށްދެމުންނެވެ.

އދ. ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކާބޯތަކެތި ލިބުން ދަތިވުމުގެ ސަބަބުން ޞޫރިޔާގެ ފަސްލައްކަ އެއްހާ މީހުން، މިހާރު ދިރިއުޅެމުން ގެންދަނީ ބަނޑުހައިހޫނުކަން މަތީގައެވެ. 

ޞޫރިޔާގެ ބައެއް ސަރަހައްދުތަކަށް 70 ސެންޓިމީޓަރަށް ވުރެ ބޯކޮށް ވަނީ ސްނޯ ފައިބައިފައެވެ. އަދި އެޤައުމުގެ 70 އިންސައްތަ ސަރަޙައްދަށް ކަރަންޓްގެ ޚިދުމަތްވެސް ލިބެމުން ނުދާކަމަށް ޚަބަރުލިބެއެވެ.
___________________________
މަޞްދަރު: އަލްޢަރަބިއްޔާ

No comments:

Post a Comment