Friday, February 3, 2012

އިޒްރޭލުން ފަލަސްޠީނުގެ ރަށްތަކަށް ހަލާކުވެފައިވާ މަހުގެ ބާވަތްތައް އެތެރެކުރަނީ


 ލިޔުނީ: އަލްޖައްރާހީ

އިޒްރޭލުން ފަލަސްޠީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާއަށް ޞިއްޙަތަށް ގެއްލުން ހުރި ހަލާކުވެފައިވާ މަހާއި ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ވަރަށް ގިނަ ޢަދަދަކަށް އެތެރެކުރަމުން ގެންދާކަމަށް ފަލަސްޠީނުގެ ކާބޯތަކެއްޗާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. 

ހުޅަނގުއައްސޭރި އާއި ޣައްޒާގައި "ކޮންޒިޔުމަރުންގެ ޙައްޤުތައް" ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކުން ދާދިފަހުން ނެރިފައިވާ ރިޕޯޓުގައިވާގޮތުން ގިނަ ދުވަސްވުމުގެ ސަބަބުން ހަލާކުވެފައިވާ ކާބޯތަކެތީގެ ބާވަތްތައް ހުޅަނގުއައްސޭރި އާއި ޣައްޒާއަށް އިޒްރޭލުން އެތެރެކުރަމުން ގެންދަނީ އެޤައުމުގެ ތަފާތު ބަނދަރުތައް ބޭނުންކޮށްގެންނެވެ. އަދި އިޒްރޭލުގެ ކަސްޓަމްސް އޮފިސަރުންނާއި ކާބޯތަކެތީގެ ފެންވަރުބެލުމަށް ޙަވާލުވެ ތިބޭ އޮފިޝަލުންގަސްތުގައި ކާބޯތަކެތި ޗެކްކުރުމުގައި ފަރުވާކުޑަކުރާކަމަށާއި  ކަނޑުމަހާއި ކުކުޅާއި އެހެނިހެން ބާވަތްތަކުގެ މަސްވެސް އެތައް މަހެއް ވަންދެން އިޒްރޭލުގެ ތަފާތު ބަނދަރުތަކުގައި ބެހެޓުމުގެ ސަބަބުން ހަލާކުވުމަށްފަހު ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް އެތެރެކުރަމުން ގެންދާކަމަށް ވެސް އެރިޕޯޓްގައިވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުން  އިޒްރޭލުގެ އޮފިޝަލުންވަނީ މުއްދަތުހަމަވެފައިވާ ކާނާގެ އިތުރުން އެފަދަ ބޭސްވެސް ފަލަސްޠީނުގެ ސަރަޙައްދުތަކަށް މިހާތަނަށް ގިނަ ޢަދަދަކަށް ވައްދާފައެވެ. މީގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ ސިއްޙަތަށް ދަނީ ނުރައްކާވަމުންނެވެ

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ޞިއްޙަތަށް ގެއްލުންހުރި ތަކެތި ކާންދީގެން އެމީހުންގެ ކިބައިން ބަދަލުހިފުމަށް އިޒްރޭލުން ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް އިޒްރޭލު ސަރުކާރަށް ގޮވާލާފައެވެ. އަދި އިޒްރޭލުގެ ބަނދަރުތަކުން ފަލަސްޠީނުގެ ސަރަޙައްދުތަކަށް އެތެރެކުރެވޭ ކާބޯތަކެތި ރަގަޅަށް ބަލައި ޗެކްކުރުމަށް ވެސް ގޮވާލާފައެވެ.
_____________________________________
މަޞްދަރު: ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

No comments:

Post a Comment