Wednesday, June 20, 2012

ދުނިޔޭގެ މުޞީބާތަކާއި އުނދަގޫތައް - 13


ތަރުޖަމާ: އިނާޒް ޢަދުނާން

އިމްތިޙާނާއި ސަޒާގެ ފަރަޤު

·        މުޞީބާތްމެދުވެރިވީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ސަބަބުންކަމުގައިވާނަމަ މިސާލަކަށް ޖިހާދުގެ މައިދާނުގައި ޒަޚަމްވުން، ﷲ އަށްޓަކައި ހިޖުރަކުރުމުގެ ތެރޭގައި މުދަލާއި ފައިސާކޮޅު އަތުން ބީވެގެންދިއުން، އިސްލާމްދީން ޤަބޫލުކުރުމުން ނުވަތަ މާތް ނަބިއްޔާ z ގެ ސުންނަތަށް ޢަމަލުކުރުމުން ވަޒީފާގެއްލިގެން ދިއުން ފަދަ ކަމެއްކަމުގައިވާނަމަ މިފަދަ މުޞީބާތްތަކާ އުނދަގޫތަކަކީ އިމްތިޙާނެކެވެ. އަދި ކެތްތެރިކަމާއެކު މިފަދަ ކަންތައްތައް އުފުލައިފި މީހަކަށް އެކަމުގެ ދަރުމަލިބޭހުއްޓެވެ. އަދި އެކަމަށް ނުރުހި ރުޅިވެރިކަން ފާޅުކޮށްފިމީހާ ﷲ ގެ ކޯފާ އަށް ދަޢުވަތުދީފިއެވެ.

·        މުޞީބާތް ޖެހުނީ ނުބައި ޢަމަލެއްގެ ސަބަބުންކަމުގައިވާނަމަ މިސާލަކަށް ބަނގުރާ ބޮއި މަސްތުވާތަކެތި ބޭނުންކޮށް ޒިނޭކުރުމުގެ ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި ބައްޔެއް ޖެހުންފަދަ ކަމެއްނަމަ ބެލެވޭނީ އެއީ ﷲ ގެ ހަޟްރަތުން އައި ސަޒާއެއްކަމުގައެވެ. އެފަދަ މީހަކަށް އެދެވިގެންވަނީ އެންމެހާ ފާފަތަކުން ދުރުވުމަށް މަސައްކަތްކުރުމެވެ. އަދި ފަހަރެއްގައި ފާފައަކަށް އަރައިގަނެވުނަސް އަވަސްއަވަހަށް ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވުމެވެ. ފަހެ މިފަދައިން ޢަމަލުނުކޮށްފިނަމަ އާޚިރަތުގެ ޢަޒާބު ގަދަފަދަވެގެންވާކަން ހަނދުމަކުރުން ހުއްޓެވެ.

Saturday, June 16, 2012

ސަޢޫދީޢަރަބިއްޔާގެ ވަލީ ޢަހްދު ނާއިފް ބިން ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެ

 
ލިޔުނީ: އިނާޒު އަދްނާނު

ސަޢޫދީއަރަބިއްޔާގެ ވަލީޢަހްދު އަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒު އާލްސަޢޫދު ޢުމުރުފުޅުން 78 އަހަރުގައި އަވަހާރަވެއްޖެއެވެ. 

ސަޢޫދީ ޢަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި ނާއިފް އަވަހާރަވެފައިވަނީ ޖެނީވާގައެވެ. އަމީރު ނާއިފްގެ ޖަނާޒާ އޮންނާނީ އަންނަ އާދިއްތަ ދުވަހު މަޣްރިބްނަމާދަށް ފަހު މައްކާގެ ޙަރަމްފުޅުގައެވެ. 

އަމީރު ނާއިފް އަވަހާރަވުމުން ހުސްވެފައިވާ ވަލީޢަހްދުގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކުރެއްވުމަށް ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒު އައްޔަންކުރައްވާނެކަމަށް ބެލެވިފައިވަނީ މިހާރުގެ ޑިފެންސް މިނިސްޓަރ ސަލްމާން ބިން ޢަބްދުލްޢަޒީޒެވެ.

ދުނިޔޭގެ މުޞީބާތްތަކާއި އުނދަގޫތައް - 12


ތަރުޖަމާ: އިނާޒް ޢަދުނާން
މުޞީބާތުގެ ވަގުތުގައި ހަމައެކަނި ﷲ ގެ ޙަޟްރަތުން މަދަދަށް އެދޭށެވެ!

މުޞީބާތެއް ނުވަތަ ދަތި އުނދަގުލެއް ކުރިމަތިވާހިނދު މިއަދުވެސް މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކަމުގެ ޙައްލު ހޯދުމަށްޓަކައި ވަލީވެރިންގެ ޤަބުރުތަކާ ޒިޔާރަތްތަކާ ދިމާޔަށް ދުއްވައިގަނެއެވެ. އަދި އެޤަބުރުތަކުގެ އަހުލުވެރިންގެ ކިބައިން ކަންކަމަށް އެދި ދަންނަވާތަން އަހަރަމެންނަށް ފެނެއެވެ. އެފަދަ މީހުންނާމެދު ޢާލަމްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ] وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ y [  [سورة الأحقاف 5]  މާނައީ: قيامة ދުވަހަށް ދާނދެން، އެމީހަކަށް އިޖާބަ ނުދޭފަރާތަކަށް ފިޔަވައި އަޅުކަންކޮށް، دعاء ކޮށްއުޅޭ މީހަކަށްވުރެން މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ އަދި އެތަކެތިވަނީ، އެއުރެންގެ دعاء ތަކަށް غافل ވެގެންނެވެ .

އެބައިމީހުންގެ މިފަދަ ޙަރަކާތްތަކަކީ އެއްވެސް ބޭނުމެއްނެތް ބޭކާރު ޢަމަލުތަކެއްކަން ޘާބިތުކުރުމަށްޓަކައި ކައު އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސަލަމަގެ އެންމެ ބަސްފުޅެއް ފުދެއެވެ. ﷲ ތަޢާލާގެ ނަބިއްޔާ z އަށް ދެންނެވުނެވެ. މީސްތަކުންގެ ތެރެއިން އެންބޮޑަށް މުޞީބާތްތަކާ އިމްތިޙާނުތައް ޖެހުނީ ކޮންބަޔަކަށްތޯއެވެ؟ މާތް ނަބިއްޔާ z ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. ((اَلْأَنْبِيَاءُ ثُمَّ الْأَمْثَلُ فَالْأَمْثَلُ يُبْتَلَى الرَّجُلُ عَلَى حَسْبِ دِيْنِهِ فَاِنْ كَانَ دِيْنُهُ صُلْبًا اِشْتَدَّ بَلاَؤُهُ وَاِنْ كَانِ فِيْ دِيْنِهِ رِقَّةٌ ابْتَلاَهُ اللهُ عَلَى حَسْبِ دِيْنِهِ فَمَا يَبْرَحُ الْبَلاَءُ بِا لْعَبْدِ حَتَّى يَمْشِيْ عَلَى الَأَرْضِ وَمَا عَلَيْهِ خَطِيْئِةٌ)) [ترمذي ، ابن ماجه ، صحيح ابن حبان ، دارمي بحواله صحيح الجامع 1/231 ، حديث 993 وصحيح الترغيب 3/329] މާނައީ: މީސްތަކުންކުރެ އެންމެ ގިނަ މުޞީބާތް ޖެހިފައިވަނީ ނަބީބޭކަލުންނަށެވެ. ދެން އެއާ ޖެހުނު ރަގަޅު ބޭކަލުންނަށެވެ. ދެން އެއާ ޖެހުނު ބޭކަލުންނަށެވެ. މީހުން އިމްތިޙާނު ކުރެވެނީ އޭނާގެ ދީންވެރިކަމުގެ ނިޞްބަތުންނެވެ. ފަހެ ދީންވެރިކަމުގެ ގޮތުން ވަރުގަދަ މީހެއްނަމަ އޭނާއަށް ކުރިމަތިވާ އިމްތިޙާނުވެސް ވަރުގަދަވެގެންވެއެވެ. އަދި ދީނުގައި ބަލިކަށި މީހެއްނަމަ އޭނާއަށް ކުރިމަތިވާ އިމްތިޙާނުވެސް ލުއިވެފައި ކުޑައެވެ. ފާފަތަކުން ޠާހިރުވެގެންވާ ޙާލު ބިންމަތީގައި ހިނގައިބިނގައި އުޅެފުމަށް ދާންދެން އަޅާގެ މައްޗަށް އިމްތިޙާނުތައް އައިސްއައިސްހުރެއެވެ.