Saturday, June 8, 2013

ޢިލްމުގެ ޙަޤީޤީ ފައިދާ - 2




ހަތަރުވަނަ ފައިދާ
 
އަހަރެންނަށް ފެނުނު ބައެއް މީހުން ހީކޮށްގެން އުޅުނީ ޢިއްޒަތާއި އިޙުތިރާމް ލިބޭނީ ތިމާމެންގެ ވަށައިގެން ޖާހިލު ޢާންމުން އެއްކުރެވުނު މިންވަރެއްގެ މައްޗަށްކަމަށެވެ. އަނެއްބައި މީހުން ދެކޭގޮތުގައި ހައިބަތާއި މަތިވެރިކަމާއި ޖާހު ލިބޭނީ މުދަލާއި ފައިސާ އާއި ދަރިންނާއި ކާފަދަރިން ގިނަވެގެންނެވެ. ބައެއްމީހުން ވިސްނާގޮތުގައި މަޝްހޫރުކަމާއި ފަޚުވެރިކަން ލިބޭނީ ނިކަމެތިން ވެއްޔާއި މޮޑެ، ލޭގައި އުނގުޅައި، އެމީހުންގެ މުދާ ފޭރިގެންނެވެ. އަދި ބައެއްމީހުން ވިސްނައިގެން އުޅެނީ ޝާނާއި ޝައުކަތުގެ ސިއްރު ވަނީ ތިމާގެ މުދާ ބޭކާރު ކަންތައްތަކަށް ބުރުއްސުމުގައި ކަމަށެއެވެ. އެހިނދު އަހަރެން ﷲ ތަޢާލާގެ މި ވަޙީބަސްފުޅަށް ވިސްނީމެވެ.   (( إِنَّ أَكْرَ‌مَكُمْ عِندَ اللَّـهِ أَتْقَاكُمْ )) -الحجرات: 13- މާނައީ: [ހަމަކަށަވަރުން، ﷲގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ.]

މިއީ ތެދު ޙައްޤު ބަސްފުޅެކެވެ. އެހެންކަމުން އަހަރެން، ﷲ އަށް ބިރުވެތިވުމާއި ތަޤުވާވެރިކަމަށް ލޯބިކުރީމެވެ.

Wednesday, June 5, 2013

ޢިލްމުގެ ޙަޤީޤީ ފައިދާ - 1




ޙާތިމް އަޞައްމު ޚުރާސާނީ، އެކަލޭގެފާނުގެ ދުވަސްވަރުގެ ޡާހިރީ ޢިލްމުތައް (ތަފްސީރު، ޙަދީޘް، ޤިރާއަތު، ތަޖުވީދު އަދި ފަލްސަފާ ފަދަ ޢިލްމުތައް) މަތީ ދަރަޖަޔަކަށް ޙާޞިލްކުރެއްވުމަށްފަހު، އުގަންނައިދެއްވުމުގެ މަސައްކަތް ފެއްޓެވުުގެ ބަދަލުގައި ޢިލްމުގެ ފޮނިކަމާއި މީރުކަން އިތުރަށް އިޙުސާސްކުރެއްވުމަށްޓަކައި އެޒަމާނުގެ ބޮޑު ޢިލްމުވެރިޔެއްކަމުގައިވާ ޝަޤީޤް ބަލްޚީގެ އަރިހަށް ވަޑައިގެންނެވިއެވެ. ޝަޤީޤް ބަލްޚީގެ އަރިހުން ތެދުވެރިކަމާއި ޒާހިދުކަމާއި ކެތްތެރިކަމާއި އަނެކާއަށް އިސްކަންދިނުމާއި ތަވާޟުޢުވެރިކަމާއި ވަފާތެރިކަމާއި ޙިލްމުވެރިކަމާއި މަޢާފުކުރުމާއި ރިވެތި ބަސްބުނުމާއި ސަލާމް ފެތުރުން ފަދަ ރިވެތި އަޚްލާޤުގެ ދަރުސްތައް ޙާޞިލްކުރެއްވުމުގައި ތިރީސްއަހަރު ހޭދަކުރެއްވިއެވެ. 

އެއްދުވަހަކު އެކަލޭގެފާނުގެ ޝެއިޚް ސުވާލުކުރެއްވިއެވެ. [އޭ ޙާތިމެވެ! ތިބާ އަހަރެންގެ ދަރުސްތަކުގައި ބައިވެރިވާތާ 30 އަހަރު ވެއްޖެއެވެ. މިދުވަސްތަކުގައި ތިބާ އުނގެނުނު ޢިލްމުން ހޯދި ފައިދާއެއް ނިކަން ބުނެބަލާށެވެ!]

ޙާތިމް ދެއްވީ ވަރަށްވެސް ފުރިހަމަ ޖަވާބެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އަހަރެން އުނގެނުނު ޢިލްމުން 8 ފައިދާއެއް ޙާޞިލްކުރީމެވެ. އަދި އަހަރެން ދެކޭގޮތުގައި އެމިންވަރު އަހަރެންނަށް ފުދެއެވެ. އަދި އަހަރެން އުންމީދުކުރަނީ އެކަންތަކުގެ ސަބަބުން އަހަރެންނަށް ކާމިޔާބު ލިބޭނެކަމަށެވެ.]