Monday, January 7, 2013

ޞައްޙަ ޢަޤީދާ - 14




އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ސަލާމާއި ޞަލަވާތްލެއްވި ރަސޫލުން ގެންނެވި ކަންތަކާ ޚިލާފު، ޞައްޙަ ޢަޤީދާ އާއި އިދިކޮޅު، ކުފުރު ޢަޤީދާތަކުގެ ތެރޭގައި؛ މިޒަމާނުގެ މުލްޙިދުންކުރެ މާރކްސް އަދި ލެނިން ފަދަ އެހެންވެސް އިލްޙާދާއި ކުފުރަށް ގޮވާ މީހުން ދެކޭގޮތް ހިމެނެއެވެ. އެއީ އިޝްތިރާކިއްޔަތު ނުވަތަ ޝުޔޫއިއްޔަތު ނުވަތަ ބަޢުޘިއްޔަތު ނުވަތަ މިނޫން އެހެން ނަމެއް ކީކަމުގައިވިޔަސް މެއެވެ. ފަހެ މިފަދަ މުލްޙިދުންގެ އުޞޫލުތަކުގެ ތެރޭގައި އެއްވެސް ކަލަކު ވޮޑިގެންނުވާކަމާއި، ޙަޔާތަކީ މާއްދާއެއްކަން ހިމެނެއެވެ. އަދި އެބައިމީހުންގެ އުޞޫލުގެ ތެރޭގައި ދެވަނަ ފަހަރަށް ދިރުއްވުމާއި، ސުވަރުގެ އާއި ނަރަކަ ވާކަމަށް އިންކާރުކުރުމާއި، ހުރިހައި ދީންތަކަކަށް ކާފަރުވުން ހިމެނެއެވެ. އަދި އެބައިމީހުންގެ ފޮތްތައް ކިޔައި، އެމީހުންގެ ގޮތްތައް ބަލައިފި މީހަކަށް މިކަން ޔަޤީންވާނެއެވެ. ޝައްކެތްނެތްގޮތުގައި މިޢަޤީދާއަކީ ހުރިހައި ސަމާވީ ދީންތަކާއި އިދިކޮޅު ޢަޤީދާއެކެވެ. އަދި އޭގެ އަހުލުވެރިން ދުނިޔެއާއި އާޚިރަތުގައި އެންމެ ނުބައި ނަތީޖާއަށް ފޯރުކޮށްދެނިވި ޢަޤީދާއެކެވެ.

އަދިވެސް ޙައްޤާއި ދެކޮޅު ބައެއް ޢަޤީދާގެ ތެރޭގައި ބައެއް ބާޠިނީންނާއި ބައެއް ޞޫފީން ދެކޭގޮތް ހިމެނެއެވެ. އެމީހުން ދެކޭގޮތުގައި އެބައިމީހުން ވަލީވެރިންކަމުގައި ކިޔައި އުޅޭ ބައެއް ފަރާތްތަކަކީ ކައުނުގެ ކަންކަން ތަދުބީރުކުރުމުގައްޔާއި ޢާލަމުގައި ތަޞައްރުފުކުރުމުގައި ﷲ އާއި ބައިވެރިވާ ބައެއްކަމުގައެވެ. އެމީހުން އެފަރާތްތަކަށް އަޤުޠާބު، އައުތާދު، އަދި އަޢުވާޡު މިފަދަ އެކިއެކި ނަންތައް އަމިއްލައަށް ހަދައިގެން ކިޔައެވެ. މިއީ ﷲ ގެ ރުބޫބިއްޔަތުގައި ކުރެވޭ އެންމެ ނުބައި ޝިރުކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި މިއީ ޖާހިލިއްޔަތުގައި ޢަރަބިން ކޮށް އުޅުނު ޝިރުކަށްވުރެވެސް ނުބައި ޝިރުކެކެވެ. އެހެނީ ޢަރަބި ކާފަރުން ރުބޫބިއްޔަތުގައި ޝިރުކެއްނުކުރެއެވެ. އަދި ކިޔެއް! އެމީހުން ޝިރުކުކުރީ އަޅުކަމުގައެވެ. އަދި އެމީހުން ޝިރުކުކުރަނީ ދުޅަހެޔޮކަމުގެ ޙާލުގައި އެކަންޏެވެ. ދެންފަހެ ދަތި އުނދަގޫ ޙާލަތުގައި އިޚްލާޞްތެރިކަމާއި އެކުގައި އަޅުކަންކުރެއެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ.  فَإِذَا رَ‌كِبُوا فِي الْفُلْكِ دَعَوُا اللَّـهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ‌ إِذَا هُمْ يُشْرِ‌كُونَ – العنكبوت 29 – މާނައީ: " އެބައިމީހުން ދޯންޏަށް (ކަނޑުގައި ދުއްވާ އުޅަނދަކަށް) ސަވާރުވެއްޖެނަމަ ﷲ އަށް އަޅުކަން ޚާލިޞްކޮށް ދުޢާކުރެއެވެ. ފަހެ އެބައިމީހުން ސަލާމަތްކުރައްވައި އެއްގަމަށް އާދެވުމުން ޝިރުކުކުރަން ފަށައެވެ."

އެބައިމީހުން ރުބޫބިއްޔަތުގައި ﷲ އެއްކައުވަންތަކަމުގައި އިޢުތިރާފުވެއެވެ. ﷲ ވާޙީކުރައްވާފައިވެއެވެ. وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّـهُ ۖ – الزخرف : 87 -  މާނައީ: "އަދި ކަލޭގެފާނު އެބައިމީހުން އުފެއްދެވީ ކާކުތޯ އެއުރެންނާއި ސުވާލުކުރައްވައިފިނަމަ އެމީހުން ބުނާނެއެވެ. ﷲ އެވެ." 

އަދިވެސް ވަޙީކުރައްވާފައިވެއެވެ. قُلْ مَن يَرْ‌زُقُكُم مِّنَ السَّمَاءِ وَالْأَرْ‌ضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ‌ وَمَن يُخْرِ‌جُ الْحَيَّ مِنَ الْمَيِّتِ وَيُخْرِ‌جُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ‌ الْأَمْرَ‌ ۚ فَسَيَقُولُونَ اللَّـهُ ۚ فَقُلْ أَفَلَا تَتَّقُونَ – يونس 31 – މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި ބިމުން ރިޒުޤުދެއްވަނީ ކޮން ފަރާތެއް ހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުމުގެ މިލްކުވެރިޔަކީ ކާކު ހެއްޔެވެ؟ އަދި މަރުވެފައިވާ އެއްޗެއްގެ ތެރޭން ދިރިހުރި އެއްޗެއް ނެރުއްވައި ދިރޭ އެއްޗެއްގެ ތެރޭން މަރުވެފައިވާ އެއްޗެތި ނެރުއްވަނީ ކޮން ފަރާތެއް ހެއްޔެވެ؟ އަދި އެންމެހާ ކަންތައްތަކެއް ހިންގަވާ ފަރާތަކީ ކޮންފަރާތެއް ހެއްޔެވެ؟ ފަހެ އެބައިމީހުން ނިކަން އަވަހަށް އެއީ ﷲ އޭ ބުނާނެއެވެ. ދެންފަހެ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިރުނުގަންނަނީ ހެއްޔެވެ؟" އަދި މިމާނައިގައި އާޔަތްތައް ވަރަށް ގިނައެވެ. (ނުނިމޭ)


No comments:

Post a Comment