Saturday, August 20, 2011

ވަގުތު ފާއިތުވުމުގެ ކުރިން


ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

بسم الله الرحمن الرحيم الحمد لله والصلاة والسلام على رسوله وعلى آله وصحبه وسلم تسليما. وبعد:
  ވަގުތު ފާއިތުވުމުގެ ކުރިން، އޭގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ! އަތުވައްޖެ ކޮންމެ އެއްޗަކީ އެނބުރި ދާނެ އެއްޗެކެވެ.
އިއްޔެ އަޅުގަނޑުމެން ވަރަށް ހޫނު މަރުހަބާއެއް ކިޔައި، އިސްތިގުބާލުކުރި އިތްޒަތްތެރި މެހެމާނު އަޅުގަނޑުމެންނާއި ވަކިވެދާން ގާތް ވެއްޖެއެވެ. ބަރަކާތްތެރި ރަމްޞާންމަސް އަޅުގަނޑުމެންގެ ގާތަށް އައީ އިއްޔައެވެ. މިއަދު މިވަނީ އަޅުގަނޑުމެނާއި ވަކިވެ، އަލްވަދާއު ކިޔުމުގެ ވަގުތު ޖެހިފައެވެ. މާތް ﷲ އެމައްސަރުގައި ލައްވަވާފައިވަނީ ހުސް ހެޔޮކަމެވެ. އަމާންކަމާ އީމާންކަމެވެ. ސަލާމަތްތެރިކަމާ އިސްލާމްކަމެވެ. އޯގާތެރިކަމާ ހަމްދަރުދީއެވެ. އެހީތެރިކަމާ ތައާވުނެވެ. ފުއްސެވުމާއި ރުއްސެވުމެވެ. ރޯދަމަހުގެ ރޭތަކާއި ދުވަސްތައް މާތް ކުރެއްވިފައިވަނީ އައްރަހުމާނުގެ ރަހުމަތް ބެއްސެވުމާއި އަލް ޣައްފާރުގެ ފުއްސެވުމާއި އަލްޖައްބާރުގެ އަޛާބުން މިންޖު ކުރެއްވޭ މޫސުމެއްކަމުގައެވެ. އެހެން ހުރިހާ މައްސަރަކަށްވުރެ ހުރިހާ ކަމެއްވެސް މިމައްސަރުގައި އިތުރުވެގެންވެއެވެ.

Sunday, August 7, 2011

ޙިކްމަތްތެރި ޤާޟީ


މިއީ ކިތައް އިނގިލިކަން ބުނެދީބަލާށެވެ!

قاضي اياس بن معاوية ގެ ބުއްދިވެރިކަމާ ވިސްނުންތޫނުކަމުގެ ވާހަކަ ހަތަރުފަރާތަށް ފެތުރި މަޝްހޫރުވެގެންވެއެވެ. ޝަރީޢަތުގެ ގޮނޑިކޮޅުގައި އިށީންނެވުމަށްފަހު އެކަލޭގެފާނު ކުރައްވާ ފައިޞަލާތަކުން މީސްތަކުން ޙައިރާންކޮށްލައެވެ. އެކަލޭގެފާނުގެ ވަރަށް ގިނަ ފައިޞަލާތަކެއްގެ ވާހަކަ ތާރީޚުގެ ފަތްފުށްތަކުގައި ބަޔާންވެގެންވެއެވެ. 

އެނގިވަޑައިގަންނަވާނެ ފަދައިން މަޝްހޫރު މޮޅެތި މީހުންނަށް ޢިއްޒަތްކޮށް ތަޢުރީފުކުރާ ވަރަށް ގިނަ މީހުން ތިބޭފަދައިން އެފަދަ މީހުންދެކެ ރުޅިއަންނަ ޙަސަދަވެރީންގެ ބޮޑު ޖަމާއަތެއްވެސް އޮވެއެވެ. އެގޮތުގެމަތީން އެއްވެސް ޙައްޤަކާނުލައި قاضي اياس بن معاوية އާއި ޙަސަދަވެރިވެ ޢަދާވަތްތެރިވެގަނެގެން އުޅޭ ބަޔަކު މިީހުންވެސް އުޅުނެވެ. އެބައިމީހުން ޤާޟީގެ ކިބައިން ޢައިބު ހޯދުމުގެ މަސައްކަތްފެށިއެވެ. އެއީ ކޮންމެވެސް ގޮތަކުން އެކަލޭގެފާނުގެ ޝަޚްޞިއްޔަތަށް ހުތުރުއެރުވޭތޯއެވެ. 

Tuesday, August 2, 2011

ނަމޫނާ ވެރިއެއް - 2


ޚަލީފާ ޢުމަރު ބުނު ޢަބްދުޢަޒީޒު ޚަލީފާކަމުގެ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގަތުމަށްފަހު މީސްތަކުންނާއިގެން އިމާމުވެ ނަމާދުކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ އެކަލޭގެފާނުގެ ކުރިން ހުންނެވި ޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކުގެ ދުވަސްވަރު މީސްތަކުންގެ މައްޗަށް އަނިޔާވެރިވެ އުޅުނު، ޚިޔާނާތްތެރި، ޣައްދާރު ވަޒީރުންތައް މަޤާމުން ވަކިކުރެއްވުމެވެ. އެކަލޭގެފާނު، އެވަޒީރުންތައް އެކަލޭގެފާނުގެ އަރިހަށް ގެންނެވިއެވެ. އޭގެ ތެރޭގަހުރި شريك بن عرضاء އަށް ވިދާޅުވިއެވެ. [އޭ އަނިޔާވެރިޔާއެވެ! ތިމަންގެ ކުރިމަތިން ދުރަށް ދާށެވެ! މީހުންނަށް ކާންބޯންނުދީ ބޭތިއްބުމަށްފަހު އެބައިމީހުން ގަދަ އަތްވަށްނެރެ އެމީހުންގެ ގައިގައި ޗާބޫކުން ކަލޭ ތަޅާ މަންޒަރު ތިމަން ދުށީމެވެ. އަދި ޚުދް ކަލޭ ފަށުއި ފޭރާމުގައި ފޭލިގެ ތެރޭގައި އިންނަމެވެ.]