Thursday, March 7, 2013

ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު – 2 ވަނަބައި




ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ އަންހު، ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން ހިންގަވައިގެންނެވިއެވެ. އެބައިމީހުން އެކަލޭގެފާނަށް ދެން ހަދާނެގޮތެއް އެނގިވަޑައިގެންނުވާ ޙާލުކޮޅެއްގައެވެ. އެމީހުން އެކަލޭގެފާނު ޤަތުލުކޮށްލާނެކަމެއް ނުވަތަ އެނބުރި ދިއުމަށް ދޫކޮށްލާނެކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނު ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަތްކޮޅު ފޯރުކޮށްދިނުމަށްފަހު އެބައިމީހުން އަހުރެންނާ މެދު ކޮންމެ ފަދަ ގޮތަކަށް ކަންތައްކުރި ނަމަވެސް އަހަރެންގެ އެއްވެސް ފަރުވާލެއްނެތެވެ.]  ދެން ޖަމަލުކޮޅަށް ސަވާރުވެވަޑައިގެން މަދީނާއަށް ދަތުރުފުޅު ފެއްޓެވިއެވެ.

ދެންފަހެ ކިސްރާގެ ގާތަށް އައިސްފައިވާ ރުޅިގަނޑު މައިތިރިވުމުން އޭނާގެ ކުރިމައްޗަށް ޢަބްދުﷲ ބިން ޚުޛާފާ ދެވަނަ ފަހަރަށް ޙާޟިރު ކުރުމަށް ދަރުބާރީންނަށް އަމުރުކުރިއެވެ. އެބައިމީހުން އެކަލޭގެފާނު ފެނޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ފެންނަ ގޮތެއް ނުވިއެވެ. އެންމެފަހުން އެބައިމީހުންނަށް އެނގުނީ ފާރިސްކަރައިގެ ސަރަޙައްދު ދޫކުރައްވައި މާދުރަށް އެކަލޭގެފާނު ވަޑައިގެންފިކަމެވެ.

ޢަބްދުﷲ ބުނު ޙުޛަފާ މަދީނާ އަށް އެނބުރިވަޑައިގެން މާތް ނަބިއްޔާ  ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ޙާޟިރުވެ ޚަބަރުދެއްވިއެވެ. [އޭނާ، ކަލޭގެފާނުގެ ފަތްކޮޅު ވީދައި ކުދިކުދިކޮށް ބިންމައްޗަށް އެއްލައިލައިފިއެވެ.]  އެހިނދު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޙަދީޘް ކުރެއްވިއެވެ. [ﷲ ތަޢާލާ، އޭނާގެ ވެރިކަން ފަޅިފަޅި ކުރައްވާށިއެވެ!]
 
އަނެއްކޮޅުން ޔަމަނުގައި ހުންނަ ފާރިސީންގެ ގަވަރުނަރު ބާޒާނަށް ކިސްރާ އެންގިއެވެ. [ޙިޖާޒުކަރައިގައި ނަބީކަމަށް ދަޢުވާކޮށްގެން އެއުޅޭ މީހާ، ހައްޔަރުކޮށްގެން އަހަރެންގެ ކައިރިއަށް ގެނައުމަށް ހަމަ މިހާރު ދެމީހުން ފޮނުވާށެވެ!]  

މި އަމުރުލިބުމާއެކު ބާޒާނު އޭނާގެ ބާރުގަދަ ދެކޮމާންޑަރުންގެ އަތަށް ސިޓީއެއް ދިނުމަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ހައްޔަރުކުރުމަށްޓަކައި މަދީނާ އަށް ފުރުވައިލިއެވެ. އެސިޓީގައި ލިޔެފައިވެއެވެ. [މިސިޓީ ލިބުމާއެކު އެއްވެސް ފަސްކުރުމެއް ނެތި މި ދެ މީހުންނާ އެކު ކިސްރާގެ ދަރުބާރަށް ދާށެވެ!] 

އަދި މާތް ނަބިއްޔާ އާއި ބެހޭގޮތުން ރަގަޅަށް މަޢުލޫމާތު ސާފުކޮށް ބަލައި ތަޙުޤީޤު ކުރުމަށްވެސް އެދެމީހުންނަށް ބަޒާނު އަންގާފައިވެއެވެ.

ބާޒާނުގެ ދެ ކޮމާންޑަރުން ބާރު ދުވެލީގައި ދަތުރުކޮށްފައި އައިސް އެންމެ ފުރަތަމަ އެރީ ޠާއިފަށެވެ. އެރަށުން ޤުރައިޝުންގެ ބައެއް ވިޔަފާރިވެރީންނާއި އެ ދެމީހުންނަށް ބައްދަލުވިއެވެ. އެމީހުން، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބެހޭގޮތުން ޤުރައިޝުންގެ މީހުންނާ ސުވާލުކުރިއެވެ. މާތް ނަބިއްޔާ  ދިރިއުޅުއްވަނީ މަދީނާގައި ކަމަށް ޤުރައިޝުން އެބައިމީހުން ޚަބަރު ދިނެވެ. ޤުރައިޝުންގެ މީހުންނަށް އެ ދެމީހުންނަކީ، ރަސޫލުﷲ ގެފާނު ހައްޔަރުކުރުމަށްޓަކައި ދަތުރުކުރާ ބައެއްކަން އެނގުމުން އަވަސް އަވަހަށް މައްކާއަށް ދަތުރުކޮށް މައްކާގެ މީހުންނަށް މި "އުފާވެރި" ޚަބަރު ދިނެވެ. [އޭ ޤުރައިޝުންނޭވެ! އުފާކޮށް ހިތްހަމަޖައްސާށެވެ! މިހާރު ފާރިސީންގެ ވެރި ކިސްރާ، މުޙައްމަދުު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އާ ކުރިމަތި ލައިފިއެވެ. އަދި އެކަލޭގެފަނު ހައްޔަރުކުރުމަށްޓަކައި އޭނާގެ މީހުން ފޮނުވައިފިއެވެ. މިހާރު ދެން އެކަލޭގެފަނުގެ "އުނދަގުލުން" ކަލޭމެން ސަލާމަތްވީއެވެ.

ބާޒާނުގެ ދެ ކޮމާންޑަރުން ޠާއިފުން މިޞްރާބު ޖެހީ މަދީނާއަށެވެ. އެ ދެމީހުންނަށް މަދީނާ އަށް އައުދެވުމާ އެކު، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ޙާޟިރުވެ ބާޒާނުގެ ސިޓީ އެކަލޭގެފާނުގެ އަތްޕުޅަށް އެރުވިއެވެ. އަދި ދެންނެވިއެވެ. [ރަސްރަސްކަލުންގެ ވެރި ކިސްރާ، އަޅުގަނޑުމެންގެ ރަސްގެފާނަށް އަމުރުކުރައްވާފައި ވަނީ ކަލޭގެފާނު ހައްޔަރު ކޮށްގެން އޭނާގެ ދަރުބާރަށް ގެންދިއުމަށެވެ. އަޅުގަނޑުމެން ދެމީހުން ފޮނުވިފައި މިވަނީ އެކަމަށްޓަކައެވެ. ކަލޭގެފާނު އަޅުގަނޑުމެންގެ ބަސް ޤަބޫލުކުރައްވައިފި ނަމަ އެގޮތް ކަލޭގެފާނަށް ހެޔޮކަން ބޮޑެވެ. އަދި ކަލޭގެފާނު އަޅުގަނޑުމެންނާ އެކު ވަޑައިގަތުމަށް އިންކާރު ކުރައްވައިފިނަމަ، ރަގަޅަށް ދެނެވަޑައިގަންނަވާށެވެ! ކިސްރާގެ މަތިވެރިކަމާއި، އާރާއި ބާރު ނުހަނު ގަދަފަދަވެގެން ވެއެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ ޤައުމު ސުންނާފަތިކޮށް ނައްތައިލުމުގެ ފުރިހަމަ ކުޅަދާނަކަން އޭނާ އަށް ލިބިގެންވެއެވެ!

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް، އެމީހުންގެ މި ބޭކާރު ބަސްތައް އަޑުއެއްސެވުމަށްފަހު ހިނިވަރުނަކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. [މިއަދު އަދި ކަލޭމެން އެނބުރި ގޮސް އަރާމުކުރާށެވެ! މާދަމާ ވާގޮތެއް ބަލާނިއެވެ.]  ދެވަނަ ދުވަހަށް އިރު އެރުމުން އޭގެ ދެމީހުން މާތް ނަބިއްޔާާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ޙާޟިރުވެ ދެންނެވިއެވެ. [ކަލޭގެފާނު ތިޔަ ހުންނެވީ ކިސްރާގެ ދަރުބާރަށް ވަޑައިގަތުމަށް ތައްޔާރަށްތޯއެވެ؟]  ޖަވާބުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. [ތިޔަ ދައްކަނީ ކޮން ކިސްރާއެއްގެ ވާހަކަ ހެއްޔެވެ؟ ރަގަޅަށް އަޑުއަހާށެވެ! މިއަދަށް ފަހު ކަލޭމެންނަކަށް އޭނާގެ މޫނެއް ނުފެންނަހުއްޓެވެ! ﷲ ތަޢާލާ، އޭނާ ހަލާކު ކުރައްވައި ނެތިކުރައްވައިފިއެވެ. އޭނާގެ ދަރިފުޅު އޭނާ ޤަތުލުކުރުމަށްފަހު ވެރިކަން އަތުލައިގެންފިއެވެ.]

މިޚަބަރު އަޑުއިވުމާއެކު އެ ދެމީހުން ޙައިރާންވެ އަންތަރީސްވެއްޖެއެވެ. އަދި ބިރުވެރިކަމާއި ޙައިރާންކަން އެކުލެވިފައިވާ ޖަޒުބާތެއްގައި ތިބެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ދިމާއަށް ބަލަމުން ގެންދިޔައެވެ. އަދި ދެންނެވިއެވެ. [ކަލޭގެފާނު ތިޔަހެން ތިޔަ ވިދާޅުވަނީ ފުރިހަމަ އަށް ޔަޤީކަން ލިބިވަޑައިގެންތޯއެވެ؟ އަޅުގަނޑުމެން މިޚަބަރު ބާޒާނުގެ އަރިހަށް ގެންދަންތޯއެވެ؟] މާތް ރަސޫލާ  ޖަވާބުގައި ވިދާޅުވިއެވެ. [އާނއެކެވެ! މިއީ ތެދެކެވެ. އަދި ބާޒާނަށް މިހެންވެސް ދަންނަވާށެވެ! ހަމަކަށަވަރުން އިސްލާމްދީނުގެ ވެރިކަން، ކިސްރާގެ ރަސްކަމުގެ  ސަރަޙައްދުގައިވެސް ފެތުރިގެން ދާހުއްޓެވެ. ތިބާ އިސްލާމް ދީން ޤަބޫލުކުރައްވައިފި ނަމަ ތިބާގެ އަތްޕުޅުގައި މިހާރު ހުރި ހުރިހާ އެއްޗެއް އަހަރަމެން ތިބާ އާއި ޙަވާލުކުރާހުށީމެވެ. އޭރުން ތިބާގެ ވެރިކަން ތިބާގެ ޤައުމުގައި ކުރިއެކޭވެސް އެއްފަދައިން ދެމި އޮންނާނެއެވެ.]
ބާޒާނުގެ ދެ ސަފީރުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަލްވަދާޢު ދެންނެވުމަށްފަހު ޔަމަނުކަރައަށް މިޞްރާބުޖެހިއެވެ. އެ ދެމީހުންނަށް ބާޒާނުގެ އަރިހަށް ދެވުމާއެކު ކިސްރާ އާއި ބެހޭގޮތުން ރަސޫލު ﷲ  ގެފާނު ދެއްވި ޚަބަރު، ބާޒާނަށް ދެންނެވިއެވެ. އެ ދެމީހުންގެ ވާހަކަ އަޑު އެއްސެވުމަށްފަހު ބާޒާނު ވިދާޅުވިއެވެ. [މުޙައްމަދު (ޞައްލަﷲ ޢަލައި ވަސައްލަމަ) ގެ ތިޔަ ބަސްފުޅު ތެދެއްކަމުގައި ޘާބިތުވެއްޖެ ނަމަ، އެކަލޭގެފާނުގެ ނަބީކަމާއި މެދު އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ. ނަމަވެސް ތިޔަ ޚަބަރަކީ ތެދެއްކަމުގައި ނުވެއްޖެނަމަ، އެކަލޭގެފާނާ މެދު އަހަރަމެން ދެން ކަންތައް ކުރާ ގޮތް ކަލޭމެންނަށް ވެސް ފެންނާނެއެވެ.]

މި ޙާދިޘާއަށް މާގިނަ ދުވަސްތަކެއް ފާއިތުވެގެން ނުދަނީސް ކިސްރާގެ ދަރިފުޅު ޝޭރުވިއްޔާގެ ސިޓީއެއް ބާޒާނަށް ލިބިއްޖެއެވެ. އޭގައި ވަނީ އަންނަނިވި ޢިބާރަތްތަކެވެ. [އަހަރެން، ކިސްރާ ޤަތުލު ކޮށްފީމެވެ. ސަބަބަކީ އޭނާގެ ކިބައިން އަހަރެންގެ ޤައުމުގެ ބަދަލު ހިފުމަށްޓަކައެވެ. އޭނާ ވަނީ އޭނާގެ ވެރިކަމުގެ ދުވަސްވަރު އަހަރެންގެ ޤައުމުގެ އެތައްބަޔަކު އެއްވެސް ޙައްޤަކާނުލައި މަރައިފައެވެ. އަދި ވަރަށް ގިނަ އަންހެނުންގެ ޙުރުމަތްކަނޑައިފައެވެ. އަދި އެތައް ބަޔެއްގެ މުދާތައް ފޭރިގެންފައެވެ. އަހުރެންގެ މިސިޓީ ލިބުމާއެކު ތިބާ، އަހަރެންނަށް ކިޔަމަންތެރިވާށެވެ!] ޝޭރުވިއްޔާގެ ސިޓީ ކިޔުމަށްފަހު ބާޒާނު އެސިޓީ އެއްލައިލިއެވެ. އަދި އިސްލާމް ދީން ޤަބޫލުކުރިއެވެ. އަދި އޭނާއާ އެކު ޔަމަނުގެ ބިމުގައި ތިބި ފާރިސީ ނަސްލުގެ ހުރިހާ އެންމެން އިސްލާމްދީން ޤަބޫލުކުރިއެވެ.
 
މި ބަޔާންކުރެވުނީ ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު، ފާރިސްކަރައިގެ ވެރި ކިސްރާ އާއި ބައްދަލުކުރެއްވި ވާހަކައެވެ.
__________________________
 
މަޞްދަރު: ޙަޔާތެ ޞަޙާބާ / ޝެއިޚް މަޙްމޫދު އަޙުމަދް ޣަޟަންފަރު (ރަޙިމަހުﷲ)
ތަރުޖަމާ : އިނާޒް ޢަދުނާން


No comments:

Post a Comment