Tuesday, May 1, 2012

ސޫރިއާގެ މުސްލިމުންގެ ހާލަތު ހަނދުމަނެތި ނުކުރައްވާށެވެ


 ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

بسم الله الرحمن الرحيم
اللهم انصر الإسلام والمسلمين ودمر أعداءك أعداء الدينހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްލާމް ދީނާއި މުސްލިމުންނަށް ނަޞްރު ދެއްވާންދޭވެ! އަދި އިބަރަސްކަލާނގެ އާއި އިބަރަސްކަލާނގެ ދީނުގެ ޢަދާވާތްތެރިން ހަލާކު ކުރައްވާންދޭވެ!”

އަޅުގަނޑުމެން އިރުކޮޅަކުން ހަނދާންނެތެއެވެ. އަމިއްލަ، ދާޚިލީ ކަންކަމާ ހެދި އަޅުގަނޑުމެންގެ މުސްލިމު އަޚުންނާއި އުޚްތުންގެ މަތިން ހަނދާނެއް ނުހުރެއެވެ. ބައެއް މީހުނަށް ތިމާމެން ނޫން ބަޔަކު ދުނިޔޭގައި އުޅޭކަންވެސް ނޭންގޭ ކަހަލައެވެ. އެކަމަކު ދުޝްމަނުން ހުއްޓާނުލައި މުސްލިމުންނާއި މި މާތް ދީން ނިކަމެތި ކުރެވޭތޯ މަސައްކަތް ކުރެއެވެ.

މި ދީނުގެ ދުޝްމަނުން އަބަދުވެސް ކޮންމެވެސް ތަނެއްގައި މުސްލިމުންނާއި އިސްލާމް ދީީނުގެ ހުރުމަތް ކަނޑަމުން ގެންދެއެވެ. މި އަހަރު ފެށިގެން އައި އިރުގައި މިގޮތަށް މުސްލިމުންނަށް ލާ އިންސާނީ އަނިޔާ ދެމުން އައިސްފައިވާ އެއް ތަނަކީ ސޫރިއާ އެވެ. ސޫރިޔާ އަކީ މާތް ﷲ މާތް ކުރައްވާފައި ވާ ޝާމް ކަރައެވެ. ރަސޫލުންނާއި ނަބިއްޔުންނާއި މި އުންމަތުގެ އެތަކެއް ބޮޑެތި ޢިލްމުވެރިންގެ ނުކުމެފައިވާ ބިމެވެ. ނަމަވެސް ޢުޘްމާނީ ޚިލާފަތް ވެއްޓުމާއި އެކުގައި ފަރަންސީ އިސްތިޢުމާރީންގެ އެހީގައި ސޫރިޔާ އާއި ލެބްނާން ފަދަ ޝާމްގެ ބައިތަކަށް ޝީޢައިންނަށް އަތްގަދަ ކުރުމުގެ ފުރުސަތު ލިބިފައި ވެއެވެ.

ސުންނީ މުސްލިމުންގެ ބޮޑު އަޣްލަބިއްޔަތެއް އޮންނަ ސޫރިޔާގައި 1970 ގައި ޢަސްކަރީ އިންގިލާބަކަށްފަހު ހާފިޡް އަސަދް ވެރިކަން ހޯދާފައި ވެއެވެ. އޭނާއަކީ ޝިޢީންގެ ގޮތްޕެއް ކަމުގައިވާ ‘ނުޞައިރިއްޔާ’ ނުވަތަޢަލަވީ’ މަޛްހަބުގެ ޢަޤީދާގެ އަހުލުވެރިއެކެވެ. އެއީ އިސްލާމުންގެ އިއްތިފާގުން މި މާތް ދީނުގެ ޢަޤީދާއިން ބޭރުގައިވާ، ކުފުރުގެ މަޛްހަބެކެވެ. އަދި މަކަރުވެރި ރޭވުންތެރިކަމާއި އެކުގައި ސަރުކާރުގެ ހުރިހާ ބާރުވެރި މަޤާމްތަކަށް އޭނާގެ ޢަޤީދާގެ މަދު މީސްތަކުން އިސްކޮށް ޢަލަވީ، ނުޞައިރީ ޝިޢައިންގެ ބާރު ގަދަކުރިއެވެ. އެއާއި އެކުގައި ސުންނީ މުސްލިމުންނަށް ހުރިހައި ގޮތަކުން ދަތި ކުރުމާއި އަނިޔާ ކުރުމުގެ ހަރަކާތްތައް ވަނީ ފަށައިފައެވެ. 2000 ވަނަ އަހަރުގައި އޭނާ މަރުވުމާއި އެކުގައި ވެރިކަމާއި ހަވާލުވެފައިވަނީ އޭނާގެ ދަރި ބައްޝާރު އަލް އަސަދެވެ.

އިސްލާމް ދީނަތް ނިސްބެވެގެންވާ އެކަމަކު މި މާތް ދީނުގެ ޢަޤީދާއާއި ތައުޙީދާއި ދިމާ އިދިކޮޅު، ކުފްރާއި ޝިރްކުން ތަތްތެޅިފައިވާ މި އިންސާނާ އޭނާގެ މަދު މީސްކޮޅާއި އެކުގައި ސޫރިއާގެ މުސްލިމުންގެ މައްޗަށް ބާރު ހިންގައި ހުރިހައި ބާވަތެއްގެ އަނިޔާތަކެއް ކުރަން ފަށާފައި ވެއެވެ. އޭނާގެ އަނިޔާވެރި ވެރިކަމާއި އިދިކޮޅަށް އަޑު އުފުލުމުގެ ހައްގެއް ޑިމޮކްރަސީގެ ދަޢުވާ ކުރާ އެ ގައުމުގައިވެސް މުސްލިމުންނަށް ލިބިފައި ނުވެއެވެ. ނިމިދިޔަ އަހަރުގައި މިޑްލް އީސްޓްގެ ޚުދްމުޚްތާރު އަނިޔާވެރިންނާއި އިދިކޮޅަށް ހިނގަންފެށި ޘައުރާތަކާއި އެކުގައި ސޫރިޔާގެ މެޖޯރިޓީ ބޮޑު މުސްލިމުން ބައްޝާރު ގެ އަނިޔާވެރިކަމާއި އިދިކޮޅަށް އަޑު އުފުލަން ފެށުމުން ބައްޝާރު ވަނީ މުސްލިމުންނާއި އިދިކޮޅަށް އޭނާގެ އަނިޔާވެރި ސިފައިން ލައްވައި ޢަސްކަރީ ހަމަލާތައް ފަށައިފައެވެ. ސޫރިޔާގެ މުސްލިމުންނަށް އަނިޔާ ކުރުމުގައި ބައްޝާރު ވަނީ ފިރްޢަނު ބަނީ އިސްރާއީލު މީހުންނަށް އަނިޔާވެރިވީ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް އަނިޔާ ކުރަން ފަށާފައެވެ.

ސޫރިޔާގައި ޢިލްމު އުނގެނުމާއި އަޅުކަން ކުރުމަށް ވަނީ ދަތިކޮށްފައެވެ. ޢިލްމުވެރިންނާއި ކިޔަވާ ކުދިން ޖަލަށް ލައި ގަތުލު ކުރަން ފަށާފައެވެ. މިސްކިތްތަކާއި މަދަރުސާތަކަށް ހުރަސް އަޅާފައެވެ. މުސްކުޅިއެއް ޒުވާނެއް، ފިރިހެނެއް އަންހެނެއް އަދި ބޮޑު މީހެއް ކުޑަ ކުއްޖެއް ތަފާތު ކުރުމަކާއި ނުލައި އަނިޔާވެރި ގޮތްގޮތަށް ގަތުލު ކުރަމުން ގެންދެއެވެ. މުސްލިމުންނާއި މެދުގައި ބޭނުން ކޮންމެ އަނިޔާއެއް ކުރުމަށް އޭނާގެ ސިފައިންނަށް އޭނާ ވަނީ ހުއްދަ ދީފައެވެ. މުސްލިމުންގެ އަވަށްތަކާއި ރަށްތަކުން ފެނާއި ކަރަންޓާއި މުވާޞަލާތީ ޚިދުމަތްތައް ކަނޑާލާފައި ވެއެވެ. އަދި ރޭގަނޑެއް ދުވާލެއް ނުބަލައި ގޭގެއަށް ވަދެ މުސްލިމުންގެ މުދާލާއި އަންހެނުންގެ ޢިތްފަތް ފޭރެމުން ގެންދެއެވެ. މިސްކިތްތަކުގައި ނަމާދު ކުރަންތިއްބައި މިސްކިތްތަކަށް އަރައި މީހުނަށް އަނިޔާކޮށް ގަތުލު ކުރެއެވެ. ޖާނު ސަލާމަތް ކުރުމަށްޓަކައި ހިޖުރަކޮށް، ފިލަން ދާ މީހުން ދަތުރު ކުރާ މަގުތަކުގައި މައިންވަޅުލާފައި ވެއެވެ. ބައްޝާރު އަލް އަސަދް (މި މިނިކާ ވަގު) ގެ އަނިޔާވެރިކަމުގެ ވާހަކަ ކިޔައިދީ ކޮޅަކުން ނުލާނެއެވެ. އެ އަނީޔާވެރިކަން ލޮލުން ދެކެފައިވާ މީހުން ސިފަ ކޮށްދޭ ފަދައިން ބަޔާން ކޮށްދިނުމަށް އަޅުގަނޑުގެ ގަލަން ނުކުޅެދިގެން ވެއެވެ. ނިކަމެތި ރައްޔިތުންނާއި އިދިކޮޅަށް ލުއި، ބަރު ހުރިހާ ބާވަތެއްގެ ހަތިޔާރެއް ވަނީ ބޭނުންކުރަން ފަށާފައެވެ. ކޮންމެ ދުވަހަކު މަރުވާ މީހުންނާއި ޒަޚަމް ވާ މީހުންނާއި ހައްޔަރު ކުރެވޭ މީހުންގެ ޢަދަދު ހާހުން މައްޗަށް އަރަމުން ދެއެވެ.

މުސްލިމުންގެ ބާރުތައް ކޮބައި ބާވައެވެ. އިންޓަރނޭޝަނަލް ކޮމިއުނިޓީ އާއި ޔޫ.އެން އާއި ޔޫ.އެސް.އޭ ކޮބައި ހެއްޔެވެ؟! މިއީ 21 ވަނަ ގަރްނުގެ ހާލު ހުރި ގޮތެވެ. ދުނިޔޭގައި ސުލްހަ ޤާއިމު ކުރުމުގެ ނަމުގައި ޢިރާޤާއި އަފްޣާނިސްތާނު ފަދަ އިސްލާމީ ގައުމުތައް ސުންނައިފަތި ކޮށް ހަލާކު ކުރުމަށް ކެރުނު އިރު، މި ނުބައި އަނިޔާވެރިންނާ އިދިކޮޅަށް އެއްވެސް ކަމެއް އުޅެނީ ނުކުރެވިގެންނެވެ.

ސޫރިޔާގެ ޝީޢާ ސަރުކާރަކީ އެމީހުންގެ ކާބަފައިން ފަދައިން އިސްލާމުންނާއި އިދިކޮޅަށް ކުރެވެން ހުރި ހުރިހައި މަކަރަކާއި ރޭވުންތަކެއް ރާވައި، އިސްލާމުންނާއި އިދިކޮޅަށް ހަނގުރާމަ ކުރުމާއި އިސްލާމުންނާއި އިދިކޮޅަށް ކާފަރުން ކުރާ ހަނގުރާމަ ތަކުގައި ކާފަރުންނަށް ޖާނާއި މާލުން އެހީތެރިވާ ބައެކެވެ. ސޫރިޔާގެ ސަރުކާރުން އެ ގައުމުގެ މުސްލިމު ރައްޔިތުންނާއި އިދިކޮޅަށް ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކާއި އެކުގައި ރަޝިޔާ އާއި ޗައިނާ އާއި އީރާނުން ދަނީ ސޫރިޔާ އާއި އެކުގައި ބައިވެރިވެ، އެމީހުންގެ ދިފާއުގައި ކުރެވެން ހުރި ހުރިހައި ކަމެއް ކުރަމުންނެވެ. ބައްޝާރުގެ އަނިޔާވެރި ޖަރީމާތަކާއި އިދިކޮޅަށް މުޅި ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރާ ކަމުގެ ދަޢުވާ ކުރާ ގައުމުތަކާއި ބާރުތައް ނުކުޅެދިފައި ވާ ކަހަލައެވެ. އެމީހުނަށް ފައިދާ އެއް އޮންނަ ކޮންމެ ތާކަށް ބޯ ކޮށްޕާލެވޭ އިރު، އެ ފަދަ ފައިދާ ފެންނަން ނެތް ނަމަ އެއީ އެމީހުނަށް ވާވަރު ކަމެއް ކަމުގައި ނުވެއެވެ. މުސްލިމުންގެ ހާލާއި މެދުގައި މުސްލިމުން ނޫން ބަޔަކު އަޅާލާނެ ކަމުގެ އުއްމީދު ކުރަން ހެޔޮ ނުވާނެއެވެ. އަޅުގަނޑުމެންގެ އަޚުންނާއި މެދުގައި އަޅުގަނޑުމެން މުސްލިމުން އަޅާނުލައި ތިބެއްޖެ ނަމަ އަޅުގަނޑުމެންނެކޭ އެ ކާފަރުންނާއި މުނާފިގުންނެކޭ އޮތް ތަފާތެއް ކޮބައި ހެއްޔެވެ!؟ މި އަނިޔާވެރީންގެ އަތުގައި ހިފެހެއްޓުމުގެ ކުޅަދާނަކަން އަޅުގަނޑުމެންނަށް ލިބިގެން ނުވިއެއް ކަމަކު، އެފަދަ އަނިޔާވެރި މުޖްރިމުން ހަލާކު ކުރައްވައިތޯ، އަދި އަނިޔާ ލިބިފައިވާ މަޡްލޫމުންނަށް މާތް ﷲ ނަޞްރު ދެއްވައިތޯ، އަދި އެ އަނިޔާވެރިންނާއި މެދުގައި އިންސާފު ކުރާނެ ވަލީއަކު އަދި ނަޞީރަކު ފޮނުއްވައިތޯ މާތް ﷲ އަށް ދަންނަވައި ދުޢާ ކުރެވޭނެކަން ކަށަވަރެވެ. އެފަދަ މުސްލިމުންގެ ހާލަތު ސިފަކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. {{ وَمَا لَكُمْ لا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا }} މާނައަކީ: “ތިޔަބައިމީހުން ﷲ ގެ މަގުގައި ހަނގުރާމަ ނުކުރަނީ ކީތްވެގެން ހެއްޔެވެ!؟ އަނިޔާލިބި ނިކަމެތި ކުރެވިފައިވާ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ދުޢާކޮށް ދަންނަވައެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި އަނިޔާވެރިން އުޅޭ ރަށުން އަޅަމެން ނެރިދެއްވާން ދޭވެ! އަދި އަޅަމެންނަށް މަދަދު ދޭނެ ވަލީއަކު އަދި ނަޞީރަކު އިބަ އިލާހުގެ ހަޟުރަތުން ފޮނުއްވާންދޭވެ!”

ސޫރިޔާގެ އަޚުންނާއި އުޚްތުން މިއަދު ދަންނަވަމުންދާ ދުޢާ އަކީ މިއެވެ. މާތް ﷲ ޞަލާޙުއްދީން ފަދަ މުޖާހިދަކު އެތަނަށް ފޮނުއްވާށިއެވެ. އަދި ބައްޝާރުގެ އަނިޔާވެރިކަމާއި އިދިކޮޅަށް ޖިހާދު އިޢުލާނު ކޮށްފައިވާ އުރުދުންގެ އިޚްވާނުލް މުސްލިމީން އަށް އެކަލާނގެ ތައުފީޤާއި ނަޞްރު ދެއްވާށި! އަދި ހުރިހާ ގޮތަކުން މާތް ﷲ ގެ ދީނަށް ނަޞްރުދޭން މަސައްކަތް ކުރާ ތެދުވެރި މުއުމިނުން ކަމުގައި އެކަލާނގެ އަޅަމެން ލައްވާށިއެވެ! އާމީން

ނިންމާލުމުގެ ކުރީގައި އަޅުގަނޑުގެ ދިވެހި އަޚުންނާއި އުޚްތުންނަށް ހަނދުމަ ކޮށްލައިދޭން ބޭނުންވާ ވާހަކައަކީ: މާތް ﷲ އަޅުގަނޑުމެން ދިވެހިންނަށް ދެއްވާފައިވާ މާތް ވެގެންވާ އިސްލާމްދީނާއި ސަލާމަތްކަން އަދި އީމާންކަމާއި އަމަން އަމާންކަމުގެ ބޮޑު ނިޢުމަތުގެ މަތިން ހަނދުމަ ކުރާށެވެ! އަޅުގަނޑުމެނަށް އަމާން، އޮމާން ދިރިއުޅުމެއް އުޅެވެން އެބަ އޮތެވެ. މާތްވެގެންވާ އިސްލާމްދީނަށް މިނިވަންކަމާއި އެކުގައި އުޅެވެން އެބަ އޮތެވެ. ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިންނާއި ބޭރުގައިވާ ދުޝްމަނުން އެކަން އެހެން ވާކަން ބޭނުމެއް ނުވެއެވެ. އެބައިމީހުން ބޭނުންވާ ގޮތް އަޅުގަނޑުމެންގެ ގައުމުން މިއަދު މިއޮށްދަނީ ފެންނަމުންނެވެ. އެބައިމީހުން ބޭނުންވަނީ ޑިމޮކްރަސީ އާއި ތަރައްގީގެ ނަމުގައި މިނިވަންކަމާއި އެކުގައި ޣައިރު ﷲ އަށް އަޅުކަން ކުރެވޭ ތަނެއް ކަމުގައި އަޅުގަނޑުމެންގެ ގައުމު ހެދުމާއި ރާބުއިމާއި ޒިނޭކުރުމާއި ޖުވާކުޅުންފަދަ ބިމުގައި ފަސާދަ އުފެދޭ ކަންކަމަށް މަގު ފަހި ކުރާށެވެ. އިސްލާމީ ޝަރީޢަތް، މާތް ﷲ ގެ ފޮތާއި ކީރިތި ނަބިއްޔާގެ ގޮތް ފުރަގަހަށް އެއްލައިލާށެވެ. އޭރުން ކުރިއަށް އޮތް ތާގައި އަޅުގަނޑުމެންގެ ކުޑަކުޑަ މުސްލިމު ދިވެހިރާއްޖެ އަކީ ވެސް ސޫރިއާ ފަދަ އިސްލާމް ދީނާއި މުސްލިމުންނަށް އަނިޔާވެރި ތަނެއްކަމުގައި ވުމެވެ. މާތް ﷲ އެފަދައިން މިންވަރު ނުކުރައްވާށި!

ނުބައި ކަންކަމަށް ތާއީދު ނުކުރައްވާށެވެ! އެފަދަ މީހުނަށް ވެސް ތާއީދު ނުކުރައްވާށެވެ! ހެޔޮ ކަންކަމަށް އަމުރު ކުރާ، މުންކަރާތް މަނާކުރާ ބައެއްކަމުގައި ވާށެވެ! އަދި އެފަދަ ޞާލިޙުންގެ ޕާރޓީގައި ހުރިހައި ގޮތަކުން ބައިވެރިވާ މީހެއް ކަމުގައި ތިބާ ވާށެވެ! 

އާދަމްޝަމީމް. ކޮމް އިން ނަގާފައި

No comments:

Post a Comment