Saturday, March 2, 2013

އެންމެ ކަމުދިޔަ ތިން ޙަދީޘް




އިމާމް ސުފިޔާން ބިން ޢުޔައިނާ (ރަޙިމަހުﷲ) އަކީ އެކަލޭގެފާނުގެ ޒަމާނުގެ މަޝްހޫރު ޙަދީޘް ޢިލްމުވެރިއެކެވެ. އެހެންކަމުން އިސްލާމީ ދުނިޔޭގެ އެކިކަންކޮޅުތަކުން ޢިލްމު އުނގެނުމަށްޓަކައި ވަރަށް ގިނަ ޢަދަދަކަށް އެކަލޭގެފާނުގެ އަރިހަށް ދަރިވަރުން އާދެއެވެ.  މިގޮތުގެ މަތީން އެއްފަހަރަކު އައި (ރަށްފުށުގެ) ޢައުރާބީއަކު ވަރަށް ގިނަ ދުވަސްތަކެއް ވާންދެން އެކަލޭގެފާނުގެ އަރިހުގައި ޢިލްމު ޙާޞިލްކުރަން އުޅުނެވެ. ދުވަސްތަކަކަށް ފަހު ސުފިޔާންގެ އަރިހުން ވަކިވެގެން އޭނާގެ ވަޠަނަށް އެނބުރި ދިއުމަށް އަޢުރާބީ ގަސްތުކުރިއެވެ. އެހިނދު އިމާމް ސުފިޔާން، އަޢުރާބީ އާއި ސުވާލުކުރެއްވިއެވެ. [ތިބާ ވަރަށް ގިނަ ދުވަސްތަކެއް ވާންދެން އަހަރެންގެ ކައިރީގައި ޢިލްމު ޙާޞިލްކުރަން އުޅެފީމެވެ. ބުނެބަލާށެވެ! ތިމަން ބަޔާންކުރި ޙަދީޘްތަކުގެ ތެރެއިން ތިބާ އަށް އެންމެ ކަމުދިޔައީ ކޮންކޮން ޙަދީޘެއް ހެއްޔެވެ؟]

އަޢުރާބީ ޖަވާބުދިނެވެ. [އެންމެ ތިން ޙަދީޘެވެ.] 

ސުފިޔާން ސުވާލުކުރެއްވިއެވެ. [އެއީ ކޮން 3 ޙަދީޘެއް ހެއްޔެވެ؟]

އަޢުރާބީ ޖަވާބުދިނެވެ. [ފުރަތަމަ ޙަދީޘް ރިވާކުރައްވާފައި ވަނީ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެވެ. އެ ޙަދީޘަކީ: (( كَانَ النَّبِيُّ صَلَّى اللهُ عَلَيهِ وَسَلَّم ، يُحِبُّ الْحَلْوَاءَ وَالْعَسَلَ )) – رواه البخاري ومسلم – މާނައީ: [މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ހަލުވާ (ފޮނިކާއެއްޗިހި) އާއި މާމުޔަށް ލޯބިކުރައްވައެވެ.]

ދެވަނަ ޙަދީޘަކީ: (( إِذَا وُضِعَ الْعَشَاءُ وَأُقِيْمَتِ الصَّلاَةُ فَابْدَأُوا بِالْعَشَاءِ )) – رواه البخاري ومسلم – މާނައީ: [ރޭގަނޑުގެ ކެއުން ތައްޔާރުވެއްޖެނަމަ، އަދި ނަމާދަށް ޤަމަތްދެވިއްޖެނަމަ ފުރަތަމަ ކެއުމައިގެން ކުރިއަށް ދާށެވެ.]

ތިންވަނަ ޙަދީޘަކީ: (( لَيْسَ مِنَ الْبِرِّ الصَّوْمَ فِى السَّفَرِ )) – رواه البخاري ومسلم – މާނައީ: [ދަތުރުމަތީގައި (އުނދަގުލާއެކު) ރޯދަ ހިފުމަކީ ހެޔޮކަމެއް ނޫނެވެ. 
_______________________________________
 
ތަރުޖަމާ: އިނާޒް ޢަދުނާން
މަޞްދަރު: ސުންހެރޭ އައުރާޤް / ޝެއިޚް ޢަބްދުލްމާލިކު މުޖާހިދު 

No comments:

Post a Comment