ހަތަރުވަނަ ފައިދާ
އަހަރެންނަށް
ފެނުނު ބައެއް މީހުން ހީކޮށްގެން އުޅުނީ ޢިއްޒަތާއި އިޙުތިރާމް ލިބޭނީ ތިމާމެންގެ
ވަށައިގެން ޖާހިލު ޢާންމުން އެއްކުރެވުނު މިންވަރެއްގެ މައްޗަށްކަމަށެވެ. އަނެއްބައި
މީހުން ދެކޭގޮތުގައި ހައިބަތާއި މަތިވެރިކަމާއި ޖާހު ލިބޭނީ މުދަލާއި ފައިސާ އާއި
ދަރިންނާއި ކާފަދަރިން ގިނަވެގެންނެވެ. ބައެއްމީހުން ވިސްނާގޮތުގައި މަޝްހޫރުކަމާއި
ފަޚުވެރިކަން ލިބޭނީ ނިކަމެތިން ވެއްޔާއި މޮޑެ، ލޭގައި އުނގުޅައި، އެމީހުންގެ މުދާ ފޭރިގެންނެވެ. އަދި ބައެއްމީހުން ވިސްނައިގެން އުޅެނީ
ޝާނާއި ޝައުކަތުގެ ސިއްރު ވަނީ ތިމާގެ މުދާ ބޭކާރު ކަންތައްތަކަށް ބުރުއްސުމުގައި
ކަމަށެއެވެ. އެހިނދު އަހަރެން ﷲ ތަޢާލާގެ މި ވަޙީބަސްފުޅަށް ވިސްނީމެވެ. ((
إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ )) -الحجرات: 13- މާނައީ: [ހަމަކަށަވަރުން، ﷲގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން
ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ.]
މިއީ ތެދު ޙައްޤު ބަސްފުޅެކެވެ.
އެހެންކަމުން އަހަރެން، ﷲ އަށް
ބިރުވެތިވުމާއި ތަޤުވާވެރިކަމަށް ލޯބިކުރީމެވެ.