Saturday, February 23, 2013

ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު - 1




އަޅުގަނޑުމެންގެ މިފަހަރުގެ ބަޠަލަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމަގެ އަޞްޙާބުންގެ ތެރޭގައި މަތިވެރި ދަރަޖައެއް ލިބިވަޑައިގެންފައިވާ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބުނު ޙުޛާފާ (އައްސަހުމީ) ރަޟިޔަﷲ ޢަންހު އެވެ. އެހެނިހެން އެތަކެއް ހާސް އިންސާނުންނެކޭ އެއްފަދައިން އެކަލޭގެފާނާއި ބެހޭގޮތުން ވެސް، އެއްވެސް އެއްޗެއް ބަޔާންނުކޮށް މާޒީގެ އަނދިރިކަމުގެ ތެރެއަށް ދޫކޮށްލުމުގެ ފުރުޞަތު ތާރީޚަށް ލިބިފައި އޮތެވެ. އެހެން ނަމަވެސް އިސްލާމީ އިންޤިލާބުގެ ސަބަބުން އެދުވަސްވަރުގެ އެންމެ ބޮޑު ދެބާރުގެ ވެރީންކަމުގައިވި ރޫމުކަރައިގެ ވެރި ޤައިޞަރާއި ފާރިސްކަރައިގެ ވެރި ކިސްރާ އާއި ބައްދަލުކުރެއްވުމުގެ ފުރުޞަތު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އަދި އެބައްދަލުވުންތަކުގައި އެކަލޭގެފާނު ދެއްކެވި ހަރުދަނާ މަތިވެރި އީމާންކަމުގެ ވާހަކަ ތާރީޚުގެ ޞަފްޙާތަކުގައި އަބަދަށްޓަކައި ރައްކާތެރިކުރުމަށް ވަނީ މަޖުބޫރުވެފައެވެ.

ޢަބްދުﷲ ބުނު ޙުޛަފާ ރަޟިޔަﷲ ޢަންހު އަށް ފާރިސްކަރައިގެ ރަސްގެފާނު ކިސްރާ އާއި ކުރިމަތިލައްވަން ޖެހިވަޑައިގަތީ ހިޖުރައިން ހަވަނަ އަހަރުއެވެ. އެއީ ޢަރަބިކަރައިގެ ވަށައިގެންވާ ޤައުމުތަކުގެ ވެރީންނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވުމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ގަސްތުކުރައްވައި ތަފާތު ޤައުމުތަކަށް ޞަޙާބީންގެ ވަފުދުތައް ފޮނުއްވުމުގެ ތެރޭގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކުރީއްސުރެވެސް މިކަމުގެ ބޭނުންތެރިކަމާއި މުހިއްމުކަން ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެހެނީ މި ޤާޞިދުންނަކީ ނުހަނު ދުރު ޤައުމުތަކަށް ދަތުރުކުރަންޖެހޭ ބައެކެވެ. އެޤައުމުތަކާއި ބެހޭގޮތުން މާބޮޑު ޢިލްމަކާއި ތަޖްރިބާއެއް އެބޭކަލުންނަށް ލިބިވަޑައިގެންފައެއް ނުވެއެވެ. އެޤައުމުތަކުގެ ބަސްތަކެއް އެބޭކަލުން ދެނެވަޑައެއްނުގަންނަވައެވެ. އަދި ރަސްކަމުގެ އަދަބުތަކާއި ރަސްރަސްކަލުންގެ އަބުއި، ޝާހީ މިޒާޖަކަށްވެސް އެބޭކަލުން މާ ފަރިތައެއްނޫނެވެ. އަދި މިހުރިހާ ކަމަކަށްވުރެ ބޮޑަށް އެބޭކަލުން ގެންދަވާ ދަޢުވަތުގެ މަޤްޞަދަކީ ރަސްރަސްކަލުން އިޚުތިޔާރުކޮށްގެން ތިބި ދީން ދޫކޮށް އިސްލާމްދީން ޤަބޫލުކުރުމަށް އެބައިމީހުން ރުއްސުމެވެ.

މިކަމަކީ އޭގެ ޒާތުގައި ވަރަށް ނުރައްކާތެރި މިޝަނެކެވެ. އޭގެ މާނައަކީ މިކަމަށް ނުކުންނަ މީހާ ފުރާނައިން އަތްދޮވެލުމަށްވެސް ތައްޔާރުވެގެން ނުކުތުމެވެ. އަދި ސަލާމަތުން އެނބުރި އާދެވިއްޖެނަމަ އަލުން ދުނިޔެއަށް އާދެވުނީކަމުގައި ހީކުރުމެވެ. އެހެންކަމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ އަޞްޙާބުން ޖަމާކުރެއްވިއެވެ. ދެން ﷲ ތަޢާލާ އަށް ޙަމްދު ޘަނާ ދެންނެވުމަށްފަހު ޙަދީޘްކުރެއްވިއެވެ. [ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ ޢަޖަމީންގެ ރަސްރަސްކަލުންނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވުމަށްޓަކައި އެބައިމީހުންގެ ކައިރިއަށް ތިޔަބޭކަލުންގެ ތެރެއިން ބައެއް ބޭފުޅުން ފޮނުއްވުމަށެވެ. ދަންނާށެވެ!  ބަނޫ އިސްރާއީލުގެ މީހުން، ޢީސާ ޢަލައިހިއްސަލާމް އާއި ޚިލާފުވެގަތް ފަދައިން މިކަމުގައި ތިޔަބައިމީހުން ޚިލާފުވެނުގަންނަހުށިކަމެވެ.]

އޭގެ ޖަވާބުގައި އެބޭކަލުން އެއްއަޑަކުން ދެންނެވިއެވެ. [އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެން ކަލޭގެފާނުގެ އަމުރުފުޅަށް ކޮންމެ ޙާލެއްގައިވެސް ކިޔަމަންތެރިވާހުށީމެވެ. އަދި ކަލޭގެފާނު އެދިވަޑައިގަންނަވާ ގޮތަކަށް މި ޒިންމާ އަދާކުރާހުށީމެވެ. ކަލޭގެފާނު އެދިވަޑައިގަންނަވާ ތަނަކަށް އަޅުގަނޑުމެން ފޮނުއްވާށެވެ.] 

ދެން މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމް، އިސްލާމީ ދަޢުވަތުގެ ފަތްކޮޅުތައް ހިއްޕަވައިގެން ޢަރަބީންނާއި ޢަޖަމީންގެ ރަސްރަސްކަލުންގެ އަރިހަށް ވަޑައިގަތުމަށްޓަކައި އޭގެ ތެރެއިން ހަ ބޭކަލުން އިޚްތިޔާރު ކުރެއްވިއެވެ. އެ ހަ ބޭކަލުންގެ ތެރޭގައި ޢަބްދުﷲ ބިން ޚުޛާފާ ރަޟިޔަﷲ ޢަންހު ވެސް ހިމެނިވަޑައިގަންނަވައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމަގެ ބަރަކާތްތެރި ފަތްކޮޅު ހިތްޕަވައިގެން އެކަލޭގެފާނު ވަޑައިގަތީ ފާރިސްކަރައިގެ ރަސްގެފާނު ކިސްރާގެ އަރިހަށެވެ.

ޢަބްދުﷲ ބިން ޚުޛާފާ އެކަލޭގެފާނުގެ ސަވާރީ ތައްޔާރުކުރެއްވިއެވެ. އަނބިދަރީންނަށް އަލްވަދާޢު ވިދާޅުވުމަށްފަހު އެކަނިމާ އެކަނި ޞަޙަރާތަކާއި ވާދީތައް ހުރަސްކުރައްވައި ފާރިސްކަރައަށް ވަޑައިގެން، ރަސްގެފާނާއި ބައްދަލުކުރެއްވުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައިވާ ފަތްކޮޅުގެ މުހިއްމުކަން ދަރުބާރީންނަށް ވިސްނައިދެއްވިއެވެ. އެކަލޭގެފާނު ވަޑައިގެން ހުންނެވިކަން ރަސްގެފާނަށް އެނގުމާއެކު ރަސްކަމުގެ ދަރުބާރު ޒީނަތްތެރިކުރުމަށް އަމުރުކުރެއްވިއެވެ. އަދި ވަރަށް ޚާއްޞަ ޖަލްސާއެއް ބާއްވަވައި ފާރިސްކަރައިގެ ޒަޢީމުންނަށް އެޖަލްސާގައި ބައިވެރިވުމަށް ދަޢުވަތުދެއްވިއެވެ. މިހުރިހާ ކަމަކަށްފަހު ދަރުބާރަށް ވަނުމުގެ ހުއްދަ އެކަލޭގެފާނަށް ދެއްވިއެވެ.

ޢަބްދުﷲ ބިން ޚުޛާފާ ކިސްރާގެ ދަރުބާރަށް ވަދެވަޑައިގެންނެވިއިރު އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވީ ވަރަށް އާދައިގެ ހެދުންކޮޅެކެވެ. އެކަލޭގެފާނަށް ބަލައިލައިފި މީހަކަށް ޢަރަބީންގެ ސާދާކަން ވަރަށް ސާފުކޮށް ފެންނާނެއެވެ. އިސްލާމްދީނުގެ ޢިއްޒަތާއި މަތިވެރިކަމުގެ ޖަޒުބާތު އެކަލޭގެފާނުގެ ހިތްޕުޅުގައި އުތުރިއަރަމުން ދިޔައެވެ. ކިސްރާއަށް އެކަލޭގެފާނު އޭނާ އާއި ދިމާއަށް ވަޑައިގަންނަވާ މަންޒަރު ފެނުމުން އެކަލޭގެފާނުގެ އަތްޕުޅުގައިވާ ފަތްކޮޅުގައި ހިފުމަށް އޭނާގެ ދަރުބާރީންނަށް އިޝާރާތްކުރިއެވެ. ދަރުބާރީންގެ ތެރެއިން އެކަކު ކުރިއަށް ނުކުމެ އެކަލޭގެފާނުގެ އަތްޕުޅުން ފަތްކޮޅު އަތުލުމަށް މަސައްކަތް ކުރުމުން އެކަލޭގެފާނު ވިދާޅުވިއެވެ. [ތިޔަ ކަމެއް ނުވާނެއެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އަހުރެންނަށް އަމުރުކުރައްވާފައި ވަނީ ސީދާ އަހުރެންގެ އަތުން ކިސްރާގެ އަތްޕުޅަށް މި ފަތްކޮޅު އެރުވުމަށެވެ. އެކަލޭގެފާނުގެ އަމުރުފުޅާއި ޚިލާފުވެގަންނާކަށް ހަމަހިލާ އަހުރެންނަކަށް ނުކެރޭނެއެވެ.]

މި މަންޒަރު ފެނުމުން ކިސްރާ އަމުރުކުރިއެވެ. [އޭނާ ދޫކޮށްލާށެވެ! އަހަރެންގެ ކައިރިއަށް އަޔަދޭށެވެ!]  އެކަލޭގެފާނު ކުރިއަށްޖެހިވަޑައިގެން މާތް ނަބިއްޔާ ޞައްލަﷲ އަލައި ވަސައްލަމަގެ ފަތްކޮޅު ކިސްރާގެ އަތަށް އެރުވިއެވެ. އެހިނދު ޙީރަތުގެ އަހުލުވެރިންގެ ޢަރަބި ތަރުޖަމާނަށް ކިސްރާ އަމުރުކުރިއެވެ. [މިސިޓީ ހުޅުވައި މީގައި ލިޔެފައިވާ އެއްޗެއް އަހުރެންނަށް ކިޔައިދޭށެވެ.]

އެފަތްކޮޅު ފެށިފައި ވަނީ އަންނަނިވި ޢިބާރަތްތަކުންނެވެ:

بسم الله الرّحمن الرّحيم ،      من محمّد رسول الله إلي كسرى عظيم فارس سلام علي من التبع الهدى  .......... 

(ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. ﷲ ގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ފާރިސްކަރައިގެ ވެރި ކިސްރާއަށް ބުނެ އަންގަމެވެ. ތެދުމަގަށް ތަބަޢަވެއްޖެ މީހަކަށް ސަލާމަތްކަން ހުއްޓެވެ.....)

ދެންފަހެ ކިސްރާއަށް ފަތްކޮޅުގެ ފެށުމުގެ ބަސްތައް އަޑުއިވުމާއެކު އޭނާގެ ހިތުގައި ރުޅިވެރިކަމާއި ޙަސަދައިގެ އަލިފާން އުތުރި އަރައިގަތެވެ. ރުޅީގެ ސަބަބުން މޫނު ރަތްވެ، ކަރުގެ ނާރުތައް ފުފިގެންދިޔައެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެފަތްކޮޅުގައި އެންމެ ފުރަތަމަ ލިޔުއްވާފައި ވަނީ އެކަލޭގެފާނުގެ ނަންފުޅެވެ. ކިސްރާގެ ނަން ލިޔުއްވާފައި ވަނީ އެކަލޭގެފާނުގެ ނަންފުޅުގެ ފަހަތުގައެވެ. ދެންފަހެ ކިސްރާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. [އަހަރެންގެ އަޅަކަށްވެ ހުރެ މިފަދަ ގޮތަކަށް އަހަރެންނާ މުޚާޠަބުކުރަން އޭނާ އަށް ހިތްވަރު ލިބުނީ ކިހިނަކުން ހެއްޔެވެ!؟] އަދި އެފަތްކޮޅުގައި ޙަޤީޤަތުގައި ލިޔުއްވާފައި ވަނީ ކޮން ވާހަކައެއްތޯވެސް ބަލައިލުމެއްނެތި ތަރުޖަމާނުގެ އަތުން ފަތްކޮޅު ޖަހައިގަނެ، ވީދައި ކުދިކުދި ކޮށްލިއެވެ. އަދި އެދަރުބާރުން ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު ނެރެ ބޭރުކޮށްލިއެވެ. (ނުނިމޭ)
_________________________________________ 



މަޞްދަރު: ޙަޔާތެ ޞަޙާބާ / ޝެއިޚް މަޙްމޫދު އަޙުމަދް ޣަޟަންފަރު (ރަޙިމަހުﷲ)

ތަރުޖަމާ : އިނާޒް ޢަދުނާން

No comments:

Post a Comment