Tuesday, December 25, 2012

ޞައްޙަ ޢަޤީދާ - 13



އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ނުބުއްވަތުގެ ޒަމާނާއި ދުރުވުމާއި، ޖާހިލުކަން ބޮޑުވުމުގެ ސަބަބުން ޝިރުކުގެ ބާވަތްތައް މީސްތަކުންގެ ތެރޭގައި މިޒަމާނާއި ޖެހެންދެން ފެތުރެމުން ވަނީ އައިސްފައެވެ. ފަހުގެ މީހުންނަށް އަރާފައިވާ އޮޅުމަކީ ހަމަ ކުރީގެ މީހުންގެވެސް އޮޅުމެވެ. އެއީ އެބައިމީހުން ބުނާގޮތުގައި هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ – يونس 18 – މާނައީ: "އެފަރާތްތަކަކީ ﷲ ގެ ޙަޟްރަތުން އަހަރަމެންގެ ޝަފާޢަތްތެރިންނެވެ."
مَا نَعْبُدُهُمْ إِلَّا لِيُقَرِّ‌بُونَا إِلَى اللَّـهِ زُلْفَىٰ – الزمر 3 – މާނައީ: "ތިމަންމެން ﷲ އާއި ގާތްވުމަށްޓަކައި މެނުވީ އެފަރާތްތަކަށް އަޅުކަން ނުކުރަމުއެވެ." މިއެވެ.

ހަމަ ޔަޤީނުން ﷲ ވަނީ މިޝުބުހާ ބާޠިލުކުރައްވައި އެކަލާނގެ ފިޔަވައި އެހެން ކޮންމެ ފަރާތަކަށް އަޅުކަންކުރި ނަމަވެސް ހަމަކަށަވަރުން އެމީހަކު، އެކަލާނގެ އާއި ޝަރިކުކޮށްފިކަމާއި އަދި ކާފަރުވެއްޖެކަމުގައި އަންގަވައި ބަޔާންކުރައްވާފައިވެއެވެ. މިގޮތުން އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ ۚ – يونس 18 – މާނައީ: "އަދި އެބައިމީހުން ﷲ ފިޔަވައި އެބައިމީހުންނަށް ގެއްލުމެއް އަދި ފައިދާއެއް ނުދޭ ފަރާތްތަކަކަށް އަޅުކަންކުރެއެވެ. އަދި އެއުރެން ބުނެތެވެ. މިފަރާތްތަކަކީ ﷲ ގެ ޙަޟުރަތުގައި އަހަރަމެންގެ ޝަފާޢަތްތެރީންނެވެ."



ފަހެ މިބަސް އެބައިމީހުންގެ މައްޗަށް ރައްދުކުރައްވަމުން ﷲ ވަޙީކުރައްވަނީ قُلْ أَتُنَبِّئُونَ اللَّـهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِ‌كُونَ – يونس 18 – މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. އުޑުތަކާއި ބިމުގައި ﷲ ދެނެވޮޑިގެންނުވާ ކަންތައްތަކެއް ތިޔަބައިމީހުން އެކަލާނގެއަށް ބުނެދެނީ ހެއްޔެވެ؟އެކަލާނގެ ހުސްޠާހިރުވެ ވޮޑިގެންވެއެވެ. އަދި އެބައިމީހުން ޝަރީކުކުރާ ފަރާތްތަކުން އެކަލާނގެ މަތިވެރިވެ ވޮޑިގެންވެއެވެ."
 
މިއާޔަތްތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ރަސްކަންފުޅު ފިޔަވައި ނަބީބޭކަލުންނާއި ވަލީވެރިންނާއި ނުވަތަ އެނޫންވެސް އެހެން ފަރާތްތަކަށް ކުރެވޭ އަޅުކަމަކީ އެއIީ ބޮޑުވެގެންވާ ޝިރުކެއްކަމުގައި އެވަނީ ބަޔާންކުރައްވައިފައެވެ. އެއީ އެކަންކުރާ މީހުން އެއަށް އެހެންނަމެއް ކިޔައިގެން އުޅުނުކަމުގައިވިޔަސްމެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّ‌بُونَا إِلَى اللَّـهِ زُلْفَىٰ (الزمر : 3) މާނައީ: "އަދި އެކަލާނގެ ރަސްކަންފުޅު ފިޔަވައި އެހެން ފަރާތްތަކަކީ މަދަދުދޭ ގާތް ފަރާތްތަކެއްކަމުގައި ހަދައިގެން އުޅޭ މީހުން (ބުނެއެވެ.) ތިމަންމެން ﷲ އާއި ކުއްތަންވުމަށްޓަކައި މެނުވީ އެފަރާތްތަކަށް އަޅުކަމެއް ނުކުރަމެވެ."

ދެން ފަހެ ﷲ ، އެބައިމީހުންނަށް ރައްދުދެއްވަމުން ވަޙީކުރައްވާފައިވެއެވެ. إِنَّ اللَّـهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ‌ (الزمر : 3) މާނައީ: " ހަމަކަށަވަރުން ﷲ ، އެބައިމީހުން އެކަމަކާއި މެދުގައި ދެބަސްވެއުޅޭ ކަންތަކުގައި އެއުރެންގެ މެދުގައި ޙުކުމްކުރައްވާނެއެވެ. ހަމަކަށަވަރުން ﷲ ، ދޮގުވެރި ކާފަރުންނަށް ތެދުމަގެއް ނުދައްކަވާނެތެވެ."

ފަހެ ހަމަކަށަވަރުން އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ދުޢާކުރުމާއި، ބިރުވެތިވުމާއި، އުންމީދުކުރުމާއި މިފަދަ ކަންކަމަކީ އެކަލާނގެ ރަސްކަންފުޅާއި ޝަރިކުކުރުންކަމުގައި މިއާޔަތުގައި އެކަލާނގެ އެވަނީ ބަޔާންކުރައްވާފައެވެ. އަދި އެބައިމީހުންގެ ކަލާނގެތައް އެމީހުން ﷲ އާއި ގާތްކޮށްދޭނެ ކަމުގައި އެމީހުން ބުނާ ބަސް ދޮގުކުރައްވައިފައެވެ. (ނުނިމޭ)




No comments:

Post a Comment