Tuesday, December 18, 2012

ޠުފައިލް ބުނު ޢަމްރުއްދައުސީ ރަޟިޔަﷲ ޢަންހު - 2




ޠުފައިލް ބުނު ޢަމްރު ރިވާކުރައްވައެވެ. އަހުރެންނަށް މައްކާއަށް ވަދެވުމާއި އެކު ޤުރައިޝުންގެ ސަރުދާރުންތައް އައިސް އަހުރެން ވަށައިލިއެވެ. އަދި ވަރަށް ހޫނު މަރުޙަބާއެއް ކިޔައި ނުހަނު ޢިއްޒަތާއެކު އަހުރެންނާއި އިސްތިޤުބާލު ކުރިއެވެ. ދެން މައްކާގެ ހުރިހާ ސަރުދާރުންނާއި ޢިއްޒަތްތެރީން އެއްތަނަކަށް ޖަމާވެ، އެމީހުންގެ ކައިރިއަށް އަހުރެން ގެންދިޔުމަށް ފަހު ބުންޏެވެ. [ޠުފައިލެވެ! ތިބާ މިރަށަށް ވަޑައިގެންފީމުއެވެ. މިރަށުގައި އޭނާ އަމިއްލައަށް ނަބީކަމަށް ދަޢުވާކޮށްގެން އުޅޭ މީހަކު އެބަ އުޅެއެވެ. އޭނާ، އަހަރަމެންގެ ޚިޔާލުތައް ވިއްސިވިހާލި ކޮށްލައިފިއެވެ. އަހަރަމެންގެ މެދުގައި ދެކޮޅުވެރިކަން އުފައްދައިފިއެވެ. އަދި އަހަރަމެން ބައިބައިކޮށްފިއެވެ. އަހަރަމެން ބިރުގަންނަނީ ފަހަރެއްގައި މި މުޞީބާތް ތިބާގެ ޤައުމުގެ މައްޗަށް ވެސް އަތުވެދާނެތީއެވެ. އަހަރަމެންގެ އިޚުލާޞްތެރި އެދުމަކީ ތިބާ އޭނާ އާއި ބައްދަލުނުކުރެއްވުމެވެ. އޭނާ އާއި ވާހަކަނުދެއްކެވުމެވެ. އަދި އޭނާގެ ވާހަކަ އަޑުވެސް ނުއެއްސެވުމެވެ. އެހެނީ އޭނާގެ ވާހަކައިގައި ޖާދޫގެ އަސަރުވެއެވެ. އޭނާގެ ވާހަކައިގެ ސަބަބުން ބައްޕަ އާއި ދަރީން، އަޚުންނާއި އަޚުން އަދި އަނބީންނާއި ފިރީން ވަކިވެދެއެވެ.]

ޠުފައިލް ވިދާޅުވެފައިވެއެވެ. ﷲ ގަންދީ ބުނަމެވެ! އެބައިމީހުން މެދުކެނޑުމެއްނެތި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބޭހޭގޮތުން އާދަޔާއި ޚިލާފު ޢަޖައިބު އެތައް ވާހަކަތަކެއް އަހުރެންނަށް ކިޔައިދީ އަހުރެން ބިރުގަންނަވަމުން ގެންދިޔައެވެ. އެންމެފަހުން އެކަލޭގެފާނު ފެންނަ ހިސާބަށް ނުދިޔުމަށާއި އެކަލޭގެފާނާއި ވާހަކަ ނުދެއްކުމަށާއި އެކަލޭގެފާނުގެ ވާހަކަފުޅު އަޑުނޭހުމަށް އަހުރެން ވަރަށް ވަރުގަދަޔަށް އަޒުމް ކަނޑައެޅީމެވެ. 
      
ކޮންމެއަކަސް ހެނދުނުގެ ވަގުތު ޠަވާފުކުރުމަށާއި ކަޢުބާގައި ބެހެއްޓިފައިފައިވާ އަހަރަމެން ނުހަނު ޤަދަރާއި އިޙްތިރާމު ކުރާ ބުދުތަކުން ބަރަކާތް ޙާޞިލްކުރުމުގެ ބޭނުމުގައި ގެއިން ނުކުތީމެވެ. އަދި ފަހަރެއްގައިވެސް މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަޑުފުޅު އިވިދާނެކަމަށްޓަކައި ރައްކާތެރި ވުމުގެ ގޮތުން އަހަރެންގެ ކަންފަތަށް ކަފަ ޖެހީމެވެ. އެހެން ނަމަވެސް مسجد الحرام އަށް ހަމަ ވަދެވުމާއެކު އަހަރެންނަށް ފެނުނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ކަޢުބާގެ ކައިރީގައި ނަމާދުކުރައްވަން ހުންނެވި މަންޒަރެވެ. އެކަލޭގެފާނުގެ ނަމާދާއި އަޅުކަން ކުރައްވާ ގޮތް މުޅީން ތަފާތެވެ. އެމަންޒަރު އަހުރެންނަށް ވަރަށް ކަމުދިޔައެވެ. އެކަލޭގެފާނުގެ އަޅުކަމުގެ އެގޮތްކޮޅު ފެނުމުން އަހުރެންގެ މުޅި ހަށިގަނޑުގައި އުފާވެރިކަމުގެ އިޙުސާސެއް އުފެދިގެން ދިޔައެވެ. އަހުރެންނަށް ހިތާހިތުން އިޙުސާސްކުރެވެމުން ދިޔައީ ބޭއިޚްތިޔާރުގައި މަޑުމަޑުން އެކަލޭގެފާނާއި ގާތްވެވެމުމުން ދާކަމުގައެވެ. އެންމެ ފަހުން އަހުރެންނަށް ހަމަ ޙަޤީޤަތުގައިވެސް އެކަލޭގެފާނާއި ކައިރިވެވުނެވެ.

ﷲ ތަޢާލާ އެދިވޮޑިގެންވަނީ އެކަލޭގެފާނުގެ ބައެއް ބަސްތައް އަހުރެންނަށް އަޑު އިއްވެވުމަށް ކަންނޭގެއެވެ. އެހެންކަމުން  رسول الله صلي الله عليه وسلم ގެ އަގުހުރި ރިވެތި ބަސްތައް އަހުރެން އަޑުއެހީމެވެ. އެބަސްފުޅުތައް އަޑު އިވުމުން އަހުރެންގެ ހިތަށް އެރިއެވެ. [އޭ ޠުފައިލެވެ! ހާދަހައިވާ ހިތާމަ ހުރި ކަމެކެވެ! ތިބާ އަކީ ބުއްދިވެރި ޝާޢިރެކެވެ. ރީތި ހުތުރު ރަގަޅަށް ދަންނަ މީހެކެވެ. އެކަލޭގެފާނު އެވިދާޅުވާ އެއްޗެއް އަޑުއަހައިލުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ އެކަލޭގެފާނު ރަގަޅު ވާހަކައެއް ދައްކަވައިފިނަމަ ޤަބޫލުކުރާނީއެވެ. ނުބައި ވާހަކައެއް ދައްކަވައިފިނަމަ ޤަބޫލުނުކޮށް ދުރަށް ދާނީއެވެ.] 
      
ޠުފައިލް ރަޟިޔަﷲ ޢަންހު، ވިދާޅުވެފައި ވެއެވެ. މި ޚިޔާލު އައުމުން އަހުރެން މިސްކިތުގައި މަޑުކުރީމެވެ. އެންމެފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ނަމާދުން ނިމިވަޑައިގެން އެކަލޭގެފާނުގެ ގެކޮޅަށް މިޞްރާބު ޖެއްސެވިއެވެ. އަހުރެންވެސް އެކަލޭގެފާނުގެ ފަހަތްޕުޅުން ހިނގައިގަތީމެވެ. އެކަލޭގެފާނު ގެކޮޅަށް ވެދެވަޑައިގަތުމުން އަހުރެންވެސް އެކަލޭގެފާނުގެ ފަހަތްޕުޅުން ވަދެ ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނާއި ބެހޭގޮތުން އަޅުގަނޑުގެ ގާތުގައި ވަރަށް ގިނަ ވާހަކަތައް ވަނީ ދައްކައިފައެވެ. އަދި އަޅުގަނޑު، ކަލޭގެފާނުގެ ވާހަކަފުޅު އަޑުއަހައިފާނެކަމަށްޓަކައި މެދުކެނޑުމެއް ނެތި އަޅުގަނޑަށް ބިރުދައްކަމުން ގެންދިޔައެވެ. އެހެންވެ ކަލޭގެފާނުގެ ވާހަކަފުޅު އަޑުނޭހުމަށްޓަކައި އަޅުގަނޑުގެ ކަންފަތަށް ކަފަޖަހައިގެން އުޅުނީމެވެ. ނަމަވެސް ﷲ އެދިވޮޑިގެންނެވީ ކަލޭގެފާނުގެ ބަސްފުޅު އަޅުގަނޑަށް އިއްވެވުމަށެވެ. ﷲ ގަންދީބުނަމެވެ! އަޅުގަނޑު ހަމައެކަނި ކަލޭގެފާނުގެ ވާހަކަފުޅު އަޑުއެހީއެއްނޫނެވެ. އަދި ކިއެއްތަ! ކަލޭގެފާނުގެ ކޮންމެ ބަސްފުޅެއް އަޅުގަނޑަށް ނުހަނު ކަމުހިނގައްޖެއެވެ. އަޅުގަނޑު އެދެނީ ކަލޭގެފާނުގެ ދަޢުވަތު އަޅުގަނޑަށް އިއްވަވައިދެއްވުމަށެވެ.]  ދެން رسول الله صلي الله عليه وسلم އެކަލޭގެފާނުގެ ދަޢުވަތު ހުށަހަޅުއްވަމުން سورة الإخلاص އާއި سورة الفلق ކިޔަވައި ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ! އެފަދަ ފުރިހަމަ ބަސްތަކެއް އޭގެ ކުރިއަކުން އަހުރެން ނާހަމެވެ. އެއަށްވުރެ ޢަދުލު އިންޞާފުގެ މައްޗަށް ބިނާވެގެންވާ ދަޢުވަތެއް އަހުރެންގެ ކަންފަތުގައި ޖެހިފައެއްނުވެއެވެ. ދެން ފަހެ އަހުރެން ހަމަ އެވަގުތު  ޝަހާދަތުގެ ދެކަލިމަ ކިޔައި، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް   އަކީ ﷲ ގެ ރަސޫލާކަމަށް ހެކިވެ އިސްލާމްވެއްޖައީމެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިފައިފީމެވެ. - رضي الله عنه 
 
ޠުފައިލް ރަޟިޔަﷲ ޢަންހު ބަޔާންކުރައްވާފައިވެއެވެ. ދެން އަހުރެން ކުޑަދުވަސްކޮޅަކު މައްކާގައި މަޑުކުރީމެވެ. މިދުވަސްތަކުގެ ތެރޭގައި އިސްލާމްދީނުގެ ޙުކުމްތަކުގެ ޢިލްމު ޙާޞިލްކުރީމެވެ. އަދި ވީވަރަކުން ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ހިތުދަސްކުރީމެވެ. ދެން އަހުރެންގެ ޤައުމަށް އެނބުރިދާން ޤަޞްދުކުރި ހިނދު ނަބިއްޔާ  ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ޙާޟީރުވެ ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! އަހުރެންނަކީ އަހުރެންގެ ޤަބީލާގައި ބަސްވިކޭ މީހަކީމެވެ. މިހާރު އަޅުގަނޑު އެމީހުންގެ ގާތަށް މިދަނީ އިސްލާމްދީނަށް ގޮވާ މީހެއްގެ ގޮތުގައެވެ. އަޅުގަނޑުގެ މިމަސައްކަތުގައި އެހީއަކަށްވާނޭފަދަ ނިޝާނެއް އަޅުގަނޑަށް ދެއްވައިތޯ ކަލޭގެފާނު ﷲ އަށް ދުޢާކޮށްދެއްވާށެވެ.]

މިހެން ދެންނެވުމުން އެކަލޭގެފާނު އަހުރެންނަށްޓަކައި މިފަދައިން ދުޢާ ކޮށްދެއްވިއެވެ. [ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާ ހެޔޮކަމަކަށް ޤަޞްދުކުރާ ކޮންމެ ފަހަރަކު އެކަމުގައި އޭނާއަށް އެހީއަކަށްވާނޭ ފަދަ ނިޝާނެއް ދެއްވައިފާނދޭވެ!] (ނުނިމޭ)
___________________________________-


ތަރުޖަމާ: އިނާޒް ޢަދުނާން
މަޞްދަރު: ހަޔާތެ ޞަޙާބާ  / މަޙްމޫދު އަޙްމަދު ޣަޟަންފަރު

No comments:

Post a Comment