Thursday, June 2, 2011

ތަޙުޤީޤީ ނޫސްވެރިކަމުގެ ނަމުގައި ފާޙިޝް ޢަމަލުތަކަށް އަރައިނުގަންނާށެވެ


ލިޔުނީ: އަލްޖައްރާޙީ

ދިވެހިރާއްޖޭގައި މަސާޖުޕާލާތަކުގެ ނަމުގައި ނާސިގެތައް ހުޅުވައިގެން ހަށިވިއްކުމުގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާކަމީ ވަރަށް ގިނަ ބަޔަކަށް އެނގޭކަމެކެވެ. އެތަންތާގައި ކުރަނީ މަސާޖުނޫންކަމާ، ހިންގަނީ ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ ބޮޑެތި ފާޙިޝް ޖަރީމާތައްކަން ހުރިހާ އެންމެންނަށްވެސް އެނގެއެވެ. ސިފައިންނަށާ ފުލުހުންނަށްވެސް އެނގެއެވެ. އެތަންތަން ބަންދުނުކުރެވިގެން އުޅެނީ ފަހަރެއްގައިވެސް އެތަންތާގައި ހިންގާ ނުބައި ޖަރީމާތައް ކަމާބެހޭ ފަރާތްތަކަށް ނޭގޭތީއެއްނޫނެވެ. ޙަޤީޤަތަކީ ކުރީސަރުކާރުންވެސް އަދި މިއަދުގެ ސަރުކާރުންވެސް އެތަންތަން ބަންދުކުރުމަށް އެކަށީގެންވާ އެއްވެސް މަސައްކަތެއްކޮށްފައިވެސް އަދި ކުރަމުންވެސްނުދާކަމެވެ. 

ކަންއޮތީ މިހެންކަމަށްވާއިރު މަސާޖުޕާލާތަކުގެ ޙަޤީޤަތް ހޯދުމުގެ ބަހަނާގައި އަޅުގަނޑުމެންގެ ތެރޭގައި ތިބި ނޫސްވެރިންކަމަށް ދަޢުވާކުރާ ބަޔަކު ނާސިގެތަކަށް ވަދެ ބަދުއަޚުލާޤީ ޢަމަލު ހިންގައި އެމަންޒަރުތައް ވީޑިއޯކޮށް ތިމާމެންނަށް މިކުރެވުނީ ފިސާރިކަމެކޭ ހިތާ އެވާހަކަތައް އެމީހުން ނިސްބަތްވާ ނޫސްތަކުގައި އެއްވެސް ލަދުވެތިކަމެއް ނެތި ލިޔަމުން މިގެންދަނީ ކޮން މަޤްޞަދެއް ޙާޞިލްކުރަންބާއޭ ހިތަށްއަރައެވެ.
"ތަޙުޤީޤީ ނޫސްވެރިކަމުގެ" ނަމުގައިވެސް ﷲ ޙަރާމްކުރެއްވި ޢަމަލަކަށް އަރައިގަތުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އެކަމަށް އަމުރުކުރީ "އެޑިޓޯރިއަލް ބޯޑުގެ" ކިތަންމެ އިސްމީހެއްކަމުގައި ވިޔަސްވެހެވެ. އެހެނީ ޚާލިޤުވަންތަ ﷲ އަށް އުރެދުމެއްވާ ކަމެއްގައި އެއްވެސް މަޚުލޫޤަކަށް ކިޔަމަންވުމަކީ އޮތްކަމެއްނޫނެވެ. އަދި ފާފަކުރުމަށްފަހު އެވާހަކަތައް ފަޚުރުވެރިކަމާއެކު އެހެން މީހުންނަށް  ފާޅުކޮށް ޢާންމުކުރުމަކީ ނުބައިކަން ބޮޑުވެގެންވާ ޢަމަލެއްކަން މާތް ނަބިއްޔާ z ގެ ބަސްފުޅުން އަޅުގަނޑުމެންނަށް އެނގެއެވެ.

އަނެއްކޮޅުން ބަލާއިރު އެބުނާ "އޮޕަރޭޝަނަކުން" ވީ އެއްވެސް ފައިދާއެއް ނެތެވެ. ފުލުހުންނަށް އަންގައިގެން ކުރިކަމެއްކަމަށް ބުނާއިރު އެއިން އެއްވެސް ތަނެއް ފުލުހުން އަދި ބަންދުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެތަންތަން އިތުރަށް އިޝްތިހާރުވެއްޖެއެވެ. އަދި ޖިންސީ ޣަރީޒާ ކައްކުވައިލާފަދަ ޢިބާރަތްތަކުން ލިޔެފައިވާ އެލިޔުންތައް ކިޔުމަށްފަހު އެތައް ބަޔަކު އެތަންތާނާ ދިމާއަށް މިސްރާބުޖަހާނެކަމީ ޝައްކެތްހުރިކަމެއްނޫނެވެ. 

ނޫސްވެރިންނަކީ ކިތަންމެ މިނިވަން ބައެއް ނަމަވެސް އެމީހުންވެސް ހުއްޓެންޖެހޭ މިންތަކަކާއި އިންތަކެއް ހުންނާނެއެވެ. ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑެއްވެސް އޮވެޔޭ ބުނާތީ އަޑުއިވެއެވެ. މިފަދަ މީހުންނަކީ ރަގަޅު ނޫސްވެރިންނާ ނޫސްތަކަށްވެސް ހުރި ހުތުރެކެވެ. ނުބައި ޢަމަލެއް ނޫސްވެރިޔަކު ހިންގިޔަސް އެހެންމީހަކު ހިންގިޔަސް އެކަންވާނީ ހަމަ ބޮޑުވެގެންވާ ޖަރީމާއަކަށެވެ. އަދި އެކަމަށް ކިތަންމެ ރީތި ނަމެއްދިނަސް އެއަމަލު ރީތިވާނެ އެއްވެސްގޮތެއްނޯންނާއެވެ. އަދި ތިމަންނާ މީ ނޫސްވެރިޔެކޭ ނޫސްވެރިންނަށް މިނިވަންކަން އޮންނާނެއޭ ބުނެ ނޫސްވެރިކަމުގެ ފާސްދައްކައިގެން ދުނިޔޭގައި ސަލާމަތްވެވުނަސް، ﷲ ތަޢާލާގެ ދަރުބާރުގައި ތިޔަ ފާހަކުން ކުރާނޭ އެއްވެސް ފައިދާއެއް ނޯންނާއެވެ. ކޮންމެ މީހަކުވެސް އެމީހަކު ކުރި ކަމަކަށް އެދުވަހުން ޖަވާބުދާރީވާންޖެހޭނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ.

މަސާޖުޕާލާތަކުގެ ނަމުގައި ހިންގާ ފާހިޝް ޢަމަލުތަކުގެ އައްޑާތައް ބަންދުކުރެވޭނީ ހުރިހާ އެންމެން އެތަންތަނަށް ވަދެ  ބަދުއަޚުލާޤީ ޢަމަލު ހިންގައިތޯ ޔަޤީންކުރުމަށް ފާސިޤު ފާޖިރު ފާޙިޝް ޢަމަލުތަކަށް އަރައިގަނެގެނެއްނޫނެވެ. ބޭނުންވަނީ އިޚްލާޞްތެރިކަމާއެކު އެތަންތާނގައި ބޮޑުތަޅުއަޅުވާނޭ އަތްތަކަކަށެވެ.

No comments:

Post a Comment