Monday, October 17, 2011

މޯބައިލްފޯން ފަދަ ތަކެތީގައި ކީރިތިޤުރުއާން ގެންގުޅުމުގެ ޙުކުމަކީ ކޮބާ؟


ޖަވާބުދެއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ސުވާލު:  މޯބައިލްފޯން  ފަދަ  ތަކެތީގައި ކީރިތިޤުރުއާން  ގެންގުޅުމުގެ  ޙުކުމަކީ  ކޮބާ؟

ޖަވާބު: الحمد لله، والصلاة والسلام على رسول الله
أما بعد:
ކޮމްޕިއުޓަރއާއި މޮބައިލް ފޯން ފަދަ އިލެކްޓްރޯނިކް ޑިވައިޒްތަކުގައި ކީރިތި ޤުރްއާން އަޅައިގެން ގެންގުޅުމާއި އަޑުއެހުމާއި އެފަދަ ތަކެތިން ޤުރްއާން ކިޔެވުމަކީ ހުއްދަ ކަމެކެވެ. އަދި އެފަދަ އެއްޗިހީގައި ބީހުމަށްޓަކައި ވުޟޫ ހުރުމަކީ ޝަރުޠެއް ނޫނެވެ. އަދި އެފަދަ ތަކެތި ޖީބުގައި އުފުލުމާއި އެއާއި އެކުގައި ފާޚާނާއަށް ވަދެ ހެދުމަކީ ހުއްދަ ކަމެކެވެ. ސަބަބަކީ އެއީ މުޞްޙަފެއް ނޫނެވެ. ހަތިމެއް ނޫނެވެ. އަދި އޭގައި ވާ ލިޔުމަކީ ކަރުދާހުގައި ވާފަދަ އެއްޗެއް ނޫނެވެ. އެލިޔުން އެއްޗެއްގެ ގޮތުގައި ފެންނަނީ އެ ހުޅުވައި ސްކްރީންގައި ޑިސްޕްލޭ ކުރުމުންނެވެ. ނިތްވައިލުމުން އޭގެ ހަގީގަތް ގެއްލިދެއެވެ. ވީމައި ޤުރްއާން ޖަހައިގެން ނުވަތަ ޤުރްއާން ޓެކްސްޓް ހުޅުވައިފައި ބާއްވައިގެން ފާޚާނާފަދަ ތަންތަނަށް އެއާއި އެކުގައި ވަނުމަކީ ރަނގަޅުކަމެއް ނޫނެވެ. އެކަމަކު ނިތްވައިލުމުން އެއީ މައްސަލައެއް ނޫނެވެ
.
ހަމައެފަދައިން ޙައިޟުވެރިންނަށްވެސް ޑިޖިޓަލް ޑިވައިޒްއަކުން ނުވަތަ ޕޯނު ފަދަ އެއްޗިހީގައި އަތްލައިގެން، އެއިން ބަލައިގެން ކިޔެވުމަކީ މައްސަލައެއް ނޫނެވެ. އެއީ ޝައްކެއްނެތް ގޮތުގައި ފަހު ޒަމާނުގެ މީހުނަށް ހެޔޮ ޢަމަލު ކުރުމަށްޓަކައި މާތް ﷲ ދެއްވާފައިވާ ލުއިފަސޭހައެކެވެ.
والله أعلم، وصلى الله على محمد وآله وسلم

No comments:

Post a Comment