Thursday, October 27, 2011

އެފަދަ ބޭބެއަކަށް ވެވޭނެ ނަމަ

ތަރުޖަމާ: އާދަމް ޔަޢީޝް

ޝުޢައިބް އަށް ޢީދު ދުވަހު އޭނާ ބޭބެގެ ފަރާތުން ވަރަށް އަގު ބޮޑު ރީތި ކާރެއް ހަދިޔާއަކަށް ލިބުނެވެ.  އެއްދުވަހަކު ޝުޢައިބް ގެއިން ބޭރަށް ނުކުތްއިރު އަވަށުގައި އުޅޭ ކުއްޖަކު ޙައިރާންކަމާއެކު އެ ކާރަށް ތަޢުރީފުގެ ނަޒަރަކުން ބަލަންހުރިތަން އޭނާ އަށް ފެނުނެވެ. އެކުއްޖާ އަށް ޝުޢައިބް ފެނުމާއެކު އަހާލިއެވެ.   [ބޭބޭ؟ މިއީ ބޭބެ ގެ ކާރެއްތަ؟

ޝުޢައިބް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. [ތިއީ އަހަރެންގެެ ބޭބެ ޢީދު ހަދިޔާއެއްގެ ގޮތުން އަހަރެންނަށް ދިން އެއްޗެއް.] 

ޝުޢައިބްގެ ޖަވާބު އިވުމުން އެކުއްޖާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. [ތި ބުނީ ބޭބެގެ ދޮންބެ، ބޭބެ އަށް ޢީދު ދުވަހު ހަދިޔާއަކަށް ކާރެއް ދިނީއޭތަ؟ އަހަންނަށްވެސް.....] މިހިސާބަށް ބުނުމަށްފަހު އެކުއްޖާ ވާހަކަދެއްކުން ހުއްޓާލިއެވެ.

ޝުޢައިބް ހީކުރީ އެކުއްޖާ ބުނަން އުޅުނީ އެކުއްޖާ އަށް ވެސް އެކަހަލަ ބޭބެ އެއް ލިބޭނެ ނަމަ ކިހާ ރަނގަޅުހޭ ކަމަށެވެ. ނަމަވެސް އެކުއްޖާ ބުނީ ވަރަށް ތަފާތު އެއްޗެކެވެ. "އަހަންނަށްވެސް އެކަހަލަ ބޭބެއަކަށް ވެވޭނެ ނަމަ ދޯ" ޝުޢައިބް އެކަމާ ވަރަށް ޙައިރާން ވިއެވެ. 

"ބޭބެ އާއި އެކީ ދުއްވާލަން ދާނަންތަ؟" ޝުޢައިބް އަހާލިއެވެ. 

އެކުއްޖާ އުފަލުން އާއެނކޭ ބުނަމުން ކާރަށް އެރިއެވެ. 

މާދުރަށް ނުދެވެނީސް އެކުއްޖާ ޝުޢައިބް އާ ސުވާލުކޮށްލިއެވެ. "ބޭބެއަށް އަހަރެންގެ ގޭގެ ދޮރުމަތިން ކާރުގަ ގޮސްދެވިނާތަ؟

ޝުޢައިބަށް ހީވީ އެކުއްޖާ އުޅެނީ އޭނާގެ އަވަށްޓެރިންނަށް ފޮނި ދައްކަން ކަމަށެވެ. އޭނާ ގާތަށް ކުޑަކޮށް ހިނިއައެވެ. ނަމަވެސް ޝުޢައިބަށް ކުރެވުނީ އަނެއްކާވެސް ކުށްހީއެކެވެ.

[އެހެރަ ފެންނަ ދެސިޑި ކައިރިއަށް މަޑުކޮށްލެވިދާނެތަ؟] އެކުއްޖާ ސުވާލުކުރިއެވެ. 

ޝުޢައިބް އެތަނަށް މަޑުކުރިއެވެ. އެކުއްޖާ ކާރުން ފައިބައިގެން ދުވެފައިގޮސް ގެއަށް ވަނެވެ. އަދި ކުޑައިރުކޮޅެއްފަހުން އޭނާ އަންނަތަން ޝުޢައިބަށް ފެނުނެވެ. ނަމަވެސް މިފަހަރު އަންނަނީ އެހާ ބާރަކަށް ނޫނެވެ. އޭނާ އަންނަނީ އޭނާގެ ހިނގުމަށް ޢުޒުރުވެރިވެފައިވާ ކޮއްކޮ އުރައިގެންނެވެ. އަދި އައިސް އެއްކަލަ ސިޑިބަރީގެ އެންމެތިރީ ސިޑީގައި ކޮއްކޮ ބޭންދިއެވެ. އެއަށްފަހު  ކާރާ ދިމާއަށް އަތް ދިއްކޮށްލުމަށްފަހު ބުންޏެވެ. [ކޮއްކޯ! އެއޮތީ ބޭބެ ބުނި ކާރު. އެހެރަ ބޭބެ އަށް އެ ކާރު ލިބުނީ ޢީދު ދުވަހު އެބޭބެގެ ދޮންބެގެ ފަރާތުން ހަދިޔާއަކަށް. ބޭބެ ވެސް ބޮޑު ވެގެން ކޮއްކޮއަށް ހަމަ އެކަހަލަ ކާރެއް ގަނެދޭނަން. އޭރުން ކޮއްކޮއަށް ދެވޭނެއެއްނު ކޮއްކޮ ބޭނުންވާ ރީތި ތަންތަން ބަލާލަން. ދޯ؟" ޝުޢައިބް އަށް އިވިގެން ދިޔައީ އަސަރުގަދަ ވަޢުދެއްގެ އަޑެވެ. 

އޭނާ ކާރުން ފައިބައިގެން ގޮސް އެކުއްޖާގެ ކޮއްކޮ އުރާލިއެވެ. އަދި ގެނެސް ކާރުގެ ކުރީ ސީޓުގައި ބޭންދިއެވެ. އަދި އެދެކުދިން ގޮވައިގެން ވަރަށް ހަނދާނީ ކާރުބުރެއް އެދުވަހު ޖަހާލިއެވެ. އަދި ތިބާގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ ކަންތައް ތިބާގެ އަޚާއަށްވެސް ލިބުމަށް އެދޭށޭ އޮންނަ މާތް ނަބިއްޔާގެ ބަސްފުޅުގެ ހަޤީޤީ މާނަ އެދުވަހު ޝުޢައިބަށް ދަސްވިއެވެ. (ނިމުނީ)



މާތް ނަބިއްޔާ z ޙަދީޘްކުރެއްވިއެވެ. لاَ يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيْهِ مَا يُحِبُّ لِنَفْسِهِ (رواه البخاري) މާނައީ: " ތިޔަބައިމީހުން އަމިއްލަ ނަފުސަށް ލިބުމަށް އެދޭ ކަމެއް ތިމާގެ އަޚާއަށް ވެސް ލިބުމަށް އެދެފުމަށް ދާންދެން، ތިޔަބައިމީހުންކުރެ އެކަކުވެސް (ފުރިހަމައަށް) އިމާންވީކަމުގައެއްނުވެއެވެ".

No comments:

Post a Comment