Tuesday, October 11, 2011

ހުޅަނގުގެ އަންހެނުން މަސައްކަތަށްނެރެވުނު ގޮތަށް ނަޒަރެއް - 4



އަސަރުތައް

ކުރިންވެސް ބަޔާންކުރެވުނު ފަދައިން މަންމައިން މަސައްކަތަށް އެނބުރި ދާންފެށުމުން، ޓީވީ ހިމެނިގެންދިޔައީ ޅަދަރީންގެ "ބެލެނިވެރިޔާ" ކަމުގައެވެ. 1950 ގެ އަހަރުތަކުގައި ކުޑަކުދިން ހޭލާ ތިބޭ ވަގުތުގެ ތެރެއިން އެންމެ ގިނަ ވަގުތު ހޭދަކުރަނީ ޓީވީގެ ކުރިމަތީގައެވެ. 

1940 ވަނަ އަހަރު 18 އަހަރުންދަށުގެ ދަރީން ތިބި މައިންގެ ތެރެއިން މަސައްކަތަށް ދާކަމަށް ރެކޯޑްކުރެވިފައިވަނީ %8.6 އަށްވުރެވެސް މަދު ޢަދަދެއްގެ އަންހެނުންނެވެ. ނަމަވެސް 1987 ވަނަ އަހަރާ ހަމަޔަށް އައިއިރު މިނިސްބަތްވަނީ %60.2 އަށް މައްޗަށް އުފުލިފައެވެ.

ކޮންމެއަކަސް އަންހެނުން އެމީހުންގެ ޢާއިލާއަށް މާލީގޮތުން އެހިތެރިވުމުގައި ކުރިއަށްވުރެ ބޮޑު ހިއްސާއެއް އަދާކުރަން ފެށުމުން، ދަރީންބެލުމާ ގޭތެރޭގެ މަސައްކަތްތަކުގައި ކުރިއަށްވުރެ ބޮޑަށް ފިރިހެނުން ބައިވެރިވުމަށް ޑިމާންޑްކުރަން ފެށުނެވެ. އަހަރުތެރޭގައި ކުރެވޭ ވަރި ދެގުނަޔަށް އުފުލިގެންދިޔައެވެ. ކުރެވޭ ކޮންމެ ދެ ކައިވެންޏަކުން 1 ކައިވެނީގައި ވަރީގެ ސިއްކަޖެހިގެންދާން ފެށިއެވެ. ކައިވެނިކުރާ ނިސްބަތާއި ވިހާ  ނިސްބަތް ދަށަށް ދިޔައެވެ. "އެކަނިވެރި މައިން" ގެ ޢާއިލާތައް ވަރަށް ބާރަށް އިތުރުވެގެންދިޔައެވެ. ޓީވީން ދައްކާ މީހުންގެ ދިރިއުޅުމާ އަޅައި ބަލާއިރު ހަޤީޤީ ދިރިއުޅުން މަތީން ފޫހިވާ މީހުން ދިޔައީ އިތުރުވަމުންނެވެ.

އަންހެނުން މަސައްކަތަށް ނުކުންނަން ފެށުމުގެ އަސަރު މުޖުތަމަޢަށް ތަފާތު އެތައް ގޮތަކުން ކުރިއެވެ. އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު އަސަރަކީ މަސައްކަތު ދާ އަންހެނުންގެ ދަރީން މައިންގެ އަޅާލުމުން މަޙުރޫމުވެ އެކަނި ދޫކޮށްލެވުމެވެ. މަސައްކަތްކުރާ އަންހެނުން އިތުރުވަމުން ދިޔަދިޔަހެން ބެލެހެއްޓުމެއްނެތި ބޮޑެތިވަމުން ދިޔަ ކުދީންގެ ޢަދަދުވެސް އިތުރުވަމުން ދިޔައެވެ. އަދި މިކަމުގެ ސަބަބުން ފުރާވަރު ޢުމުރުގެ ކުދިންގެ މެދުގައި ކުށްކުރުންވެސް އިތުރުވެގެންދިޔައެވެ. 

ގިނަ އަންހެނުން އެމީހުންގެ ޢާއިލީ ދިރިއުޅުމަށްވުރެ އެމީހުންގެ ކެރިއަރަށް އިސްކަންދިނުމުގެ ސަބަބުން ޢާއިލީ ދިރިއުޅުމަށް ނުހަނު ނޭދެވޭ އަސަރުތައްކުރިއެވެ. މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ފުނޑުފުނޑުވެ ފާޙިޝްކަންތައް ޢާންމުވެގެން ދިޔައެވެ. އަންހެނުންގެ ޢިއްޒަތާ އަބުރު ވެއްޔާ މޮޑެވިގެންދިޔައެވެ. ފިރިހެނުންގެ ކުޅޭ އެއްޗެއްކަމުގައި އަންހެނުން ވެގެންދިޔައެވެ.

މިއަދު

އަންހެނުންގެ ތެރެއިން ގިނަ ބަޔަކު މިއަދުވެސް މަސައްކަތްކުރަމުން ގެންދަނީ އިޤްތިޞާދީ ޕިރަމިޑްގެ ދަށުފަންތީގެ މަޤާމުތަކުގައެވެ. ގިނަ އަންހެނުން މަސައްކަތްކުރަނީ  އޮފީސް ދާއިރާގައެވެ. ނުވަތަ ކާރުޚާނާތަކުގައެވެ. ނުވަތަ ރީޓެއިލް ވިޔަފާރީގައެވެ. އަދި ޚިދުމަތްދިނުމުގެ ދާއިރާގައެވެ. ގާތްގަނޑަކަށް ވޯރކްފޯސްގެ %50 އަކީ އަންހެނުންނެވެ. ހުރިހާ ކޭޝިއަރުންގެ %78 އަކީ އަންހެނުންނެވެ. އަދި ސެކެޓްރީންގެ ގޮތުގައި ވަޒީފާއަދަކުރާ މީހުންގެ 99 އިންސަތައަކީވެސް އަންހެނުންެނެވެ. ނަމަވެސް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޓިވް ލެވެލްގައި މަސައްކަތްކުރަނީ އެންމެ އެއްތިރީސް ޕަސެންޓް އަންހެނުންނެވެ. މަސައްކަތުގެ މައިދާނުގެ ހަމަހަމަކަމަކީ އަވާމެންދުރެއްކަމުގައި ވެއްޖެއެވެ. ނަމަވެސް މިއަވާމެންދުރަށް ހެއްލި ތިމާމެންގެ ޢާއިލީ ދިރިއުޅުން ބަރުބާދުކޮށްލުމަށްފަހު އެތައް މިލިޔަން އަންހެނުންނެއް ދަނީ މަސައްކަތުގެ މައިދާނަށް ނުކުންނަމުންނެވެ. 

އަންހެނުން މަސައްކަތުގެ މައިދާނަށް ނެރެވުނީކީ އަޅުގަނޑުމެންނަށް މިއިވޭ ފަދައިން އެކަނބަލުންނަށް މިނިވަންކަން ދިނުމަކަށްނޫނެވެ. އަދި ކިއެއްތަ! އެކަމުގެ ހަމައެކަނި ސަބަބަކީ ސިޔާސީ އަދި އިޤްތިޞާދީ ސަބަބުތަކެވެ. ޞިނާޢީ އިންޤިލާބު، ގްރޭޓް ޑިޕްރެޝަން، ބޮޑު ހަނގުރާމަތައް، މިހުރިހާ ބޮޑެތި ޙާދިޘާތަކެއް އަންހެން މަސައްކަތްތެރީންގެ ޢަދަދު އިތުރުކޮށްދިނެވެ. އަދި ވިޔަފާރިވެރީން އެމީހުންގެ ވިޔަފާރިތައް ކާމިޔާބުކުރުމަށްޓަކައި ގިނަ މަސައްކަތްތެރީންނަށް ބޭނުންވިއެވެ. އަދި އެމީހުންނަށް އެންމެ ފަސޭހައިން އަތުޖެހުނު ބަޔަކީ އަންހެނުންނެވެ.

އަންހެނުން ގެއިން ކާރުޚާނާތަކަށް މިނުކުތް ނުކުތުން އައިސްފައިވަނީ މަޑުމަޑުންނެވެ. އެންމެ ފުރަތަމަ ފަޤީރު ނިކަމެތި އަންހެނުންނެވެ. ދެން ކައިވެނިނުކޮށް ތިބި ޅަފުރައިގެ އަންހެން ކުދިންނެވެ. ދެން ކައިވެނިކޮށްގެން ތިބި ޅަދަރިން ނެތް އަންހެނުންނެވެ. ދެން އެއަށްފަހު ހުރިހާ އަންހެނުންނެވެ. ހަމަ މިމަންޒަރު މިދަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުންވެސް ފެންނަމުންނެވެ. ހުޅަނގުން މިދަނީ އަންހެނުން މަސައްކަތުގެ މައިދާނަށް ނެރުމުގެ ޕްރޮޕެގަންޑާތައް އެހެން ޤައުމުތަކުގައިވެސް ފަތުރަމުންނެވެ. މިކަމުގެ ނަތިޖާ ފެނިގެންދާނީ ހަމަ ކުރިންވެސް ފެނިގެންދިޔަ ބީދައިން ކަމާމެދު ޝައްކެތްނެތެވެ. (ނިމުނީ)

އަޞްލުލިޔުއްވީ: އަލްއުޚްތު އަރީބާ ބިންތު ޚާލިދް / އަލްބަލާޣް.ނެޓް
ތަރުޖަމާ: އިނާޒް ޢަދުނާން

No comments:

Post a Comment