Friday, June 24, 2011

ތިބާގެ ލޮލަށް ފެނުންދެއްވީތީ ﷲ އަށް ޝުކުރުކުރެވޭ ހެއްޔެވެ؟

ތަރުޖަމާ: އަލްއަޚް ޙަސަން ނަސީފް

ޢިމާރާތެއްގެ ސިޑިމަތީގައި އިން ލޯފަން ކުއްޖެކެވެ. އޭނާގެ ކައިރީގައި ބޯޑެއް ހުއްޓެވެ. އޭގައި ލިޔެފައިވެއެވެ. "އަހަރެންނަކީ ލޯއަނދިރި ކުއްޖެއް! އަހަރެންނަށް އެހީވެދެއްވާ!" އަދި އޭނާގެ ފައިކައިރީ ލާރި އެޅުމަށްޓަކައި ތޮތްޕެއްވެސް އޮތެވެ. ނަމަވެސް އޭގައި ވަނީ ވަރަށް މަދު ލާރި ކޮޅެކެވެ.

އެހެން ހިނގާފައި ދިޔަ މީހަކަށް މިކުއްޖާ ފެނިގެން އައިސް އޭނާގެ ޖީބުން ކުޑަ ލާރި ކޮޅެއްނެގުމަށްފަހު އެ ތޮތްޕަށް ލިއެވެ. އަދި އެ ކުއްޖާގެ ފިލާގަނޑުގެ ހުސްކޮށް އޮތް އަނެއްފުށުގައި ކޮންމެވެސް އެއްޗެއް ލިޔުނެވެ. އެއަށްފަހު އެހެންދާ ކޮންމެ މީހަކަށްވެސް ފެންނާނޭ ގޮތަށް އެ ބޯޑު ބެހެއްޓިއެވެ. 

މާގިނައިރުތަކެއްނުވެ، ވަރަށް ގިނަ މީހުން އެ ލޯފަން ކުއްޖާއަށް ލާރި ދޭން ފަށައިފިއެވެ. އަދި އެއްކަލަ ތޮފި ފުރެންވެސްފަށައިފިއެވެ. ބޯޑުގެ ލިޔުންކޮޅު ބަދަލުކުރި މީހާ އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެ ލޯފަން ކުއްޖާގެ ހާލަތު ބަލައިލަން އައެވެ. އޭނާގެ ފިޔަވަޅުގެ އަޑު އިވުމާއިއެކު އެ ކުއްޖާއަށް އެއީ ކާކުކަން އެނގިއްޖެއެވެ. އަދި އޭނާ އާ ސުވާލުކުރިއެވެ. "ތިބާއަކީ މިއަދު ހެނދުނު އަހަރެންގެ މި ބޯޑުގެ ލިޔުންކޮޅު ބަދަލުކުރި މީހާ ހެއްޔެވެ؟ އޭގައި ތިބާ ލިޔުނީ ކީކޭހެއްޔެވެ؟" އޭނާ ޖަވާބުގައި ބުންޏެވެ. "އަހަރެން ލިޔުނީ ހަމަ ތެދު ވާހަކައެވެ. އެއީ ހަމަ ތިބާވެސް ބުނެފައިވާ ވާހަކައެވެ. އެކަމަކު އެހެން ގޮތަކަށެވެ." 

އޭނާ ލިޔެފައިވަނީ މިފަދައިންނެވެ. "މިއަދަކީ ހާދަ ރީތި ދުވަހެކެވެ. އެކަމަކު އަހަރެންނަކަށް އެ ރީތިކަމެއް ނުފެނެއެވެ." 

އަޚާއެވެ! މި ދެލިޔުންކޮޅުގައި މާބޮޑު ތަފާތެއް ވޭހެއްޔެވެ؟ ހަމަޔަޤީނުންވެސް މި ދެލިޔުންކޮޅުގައިވެސް ބުނަނީ ހަމައެއް ވާހަކައެކެވެ. ތަފާތަކީ ފުރަތަމަ ލިޔުންކޮޅުން ދޭހަވަނީ އެކުއްޖާގެ ލޮލަށް ނުފެންނަކަން އެކަންޏެވެ. ނަމަވެސް ދެވަނަ ލިޔުންކޮޅުން މީސްތަކުންނަށް އަންގައިދެނީ އެމީހުންނަކީ ލޮލަށް ފެނުމުގެ ނަޞީބު ދެއްވާފައިވާ މީހުންކަމެވެ. އެހެންކަމުން ދެވަނަ ލިޔުންކޮޅުގެ ކާމިޔާބީއާއި މެދު އަހަރެމެން ޙައިރާންވާންވީ ކީއްވެހެއްޔެވެ؟ 

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ. وَهُوَ الَّذِي أَنشَأَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَّا تَشْكُرُونَ ﴿سورة المؤمنون ٧٨﴾ މާނައީ: އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكر ކުރަނީ، ވަރަށްވެސް މަދުންނެވެ.   

2 comments:

  1. masha allah! nice story

    ReplyDelete
  2. ހަމަ ޔަޤީނުންވެސް ފެނުމުގެ ނިޢުމަތަކީ ﷲ ތަޢާލާ، ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު ﷲ ތަޢާލާ، އަޅަމެންނަށް ދެއްވާށި! އާމީން! މިކަހަލަ ލިޔުންތައް ގެނެސްދޭކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ

    ReplyDelete