Tuesday, June 21, 2011

އިމާމް އަބޫ ޙަނީފާ (ރަޙިމަހުﷲ) ގެ ވިސްނުންފުޅު

 ތަރުޖަމާ: އިނާޒް ޢަދުނާން

إمام أبو حنيفة نعمان بن ثابت (رحمة الله عليه) އެއްދުވަހަކު މިސްކިތުގައި އިންނަވަނިކޮށް، ޚަވާރިޖުންގެ ޖަމާޢަތެއްގެ މީހުން ކަނޑިއުރައިން ދަމައިގަނެގެން މިސްކިތަށް ވަނެވެ. އަދި އިމާމްގެ އަރިހަށް އައިސް އެކަލޭގެފާނު ވަށައިލިއެވެ. ދެން އެކަލޭގެފާނާއި އެމީހުންނާ ދެމެދު ދެކެވުނު ވާހަކަތައް ތިރީގައިމިވަނީއެވެ.

ޚަވާރިޖުން: އޭ އަބޫޙަނީފާއެވެ! އަހަރަމެން، ތިބާ އާއި ދެ ސުވާލެއް ކުރަމެވެ. ތިބާ އެ ދެ ސުވާލަށް ޖަވާބުދީފިނަމަ ރަގަޅަވެ. އެހެންނޫންނަމަ އަހަރަމެން، ތިބާ ޤަތުލުކޮށްލާނަމެވެ.

އަބޫޙަނީފާ: ކަލޭމެންގެ ކަނޑިތައް އުރަޔަށްލާށެވެ! އެހެނީ ތިޔަށް ބެލުމުން ތިމަންގެ ހިތް އެކަމުގައި މަޝްޣޫލުވަނީއެވެ.
ޚަވާރިޖުން: ނޫނެކެވެ! އަހަރަމެންގެ ކަނޑިތައް އެއްވެސް ޙާލެއްގައި އުރަޔަކަށްނުލާނަމެވެ. މިކަނޑިތައްވަނީ ތިބާގެ ލެޔަށް ފެންބޮވައިގެންފައެވެ.

އަބޫޙަނީފާ: އެންމެ ރަގަޅެވެ. ސުވާލުކުރާށެވެ!

ޚަވާރިޖުން: ދޮރުމަތީގައި ދެމައްޔިތުންގެ ޖަނާޒާ އެބައޮތެވެ. އޭގެތެރެއިން އެކަކީ ރާބޮއި ޢަމަލުވެގެން ވަނިކޮށް މަރުވި މީހެކެވެ. ދެވަނަ މީހަކީ ޒިނޭގެ ސަބަބުން ބަލިވެއިން އަންހެނެކެވެ. އަދި ވިހެއުމުގެ ތެރޭގައި އޭނާ މަރުވީ ތައުބާނުވެ ހުއްޓައެވެ. މިދެމީހުންނަކީ މުއުމިނުން ހެއްޔެވެ؟ ނުވަތަ ކާފަރުންހެއްޔެވެ؟

އަބޫ ޙަނީފާ އާއި ސުވާލުކުރަން އައިސް ތިބި ޚަވާރިޖުންގެ މިގުރޫޕްގެ މީހުން ޤަބޫލުކުރާ ޢަޤީދާއަކީ ބޮޑުފާފައަކަށް އަރައިގެންފި މީހަކީ ކާފަރެކެވެ. އެހެންކަމުން މިޙާލަތުގައި އެދެމީހުންނަކީ މުސްލިމުންކަމުގައި އަބޫޙަނީފާ ވިދާޅުވެއްޖެނަމަ ޚަވާރިޖުންގެ ކުރިމަތީގައި އެކަލޭގެފާނުގެ ލޭ ހުއްދަވީއެވެ. އެހެންކަމުން އަބޫޙަނީފާ، އެމީހުންނާ ސުވާލުކުރެއްވިއެވެ. ކަލޭމެން ނިކަން ބުނެބަލާށެވެ! އެދެމީހުންނަކީ ކޮން ދީނެއް ޤަބޫލުކުރާ ބައެއް ހެއްޔެވެ؟ އެއީ ޔަހޫދީން ހެއްޔެވެ؟

ޚަވާރިޖުން: ނޫނެކެވެ.

އަބޫ ޙަނީފާ: ނަޞާރާއިން ހެއްޔެވެ؟

ޚަވާރިޖުން: ނޫނެކެވެ.

އަބޫ ޙަނީފާ: މަޖޫސީން ހެއްޔެވެ؟

ޚަވާރިޖުން: ނޫނެކެވެ.

އަބޫ ޙަނީފާ: ބުދަށް އަޅުކަންކުރާ ބައެއް ހެއްޔެވެ؟

ޚަވާރިޖުން: ނޫނެކެވެ.

އަބޫ ޙަނީފާ: އެހެންކަމަށްވާނަމަ އެއީ ކޮން ދީނެއްގެ ބައެއް ހެއްޔެވެ؟

ޚަވާރިޖުން: އެއީ މުސްލިމުންނެވެ.

އަބޫ ޙަނީފާ: ކަލޭމެން އަމިއްލައަށް ތިޔަ ޖަވާބުދިނީއެވެ. ކަލޭމެން ތިޔަ އިޢުތިރާފުވަނީ އެދެމީހުން (ރާބުއިމީހާ އާއި ޒިނޭކުރި މީހާ) އެއީ މުސްލިމުންކަމުގައެވެ. އެހެންކަމުން ކަލޭމެން މުސްލިމަކު ކާފަރުކުރަނީ ކީއްވެހެއްޔެވެ؟

ޚަވާރިޖުން: އެދެމީހުންނަކީ ސުވަރުގެވަންތަވެރިން ހެއްޔެވެ؟ ނުވަތަ ނަރަކަވަންތަވެރިން ހެއްޔެވެ؟

އަބޫ ޙަނީފާ: ތިމަންވެސް އެދެމިހުންނާ ބެހޭގޮތުން ބުނާނީ އެދެމީހުންނަށްވުރެވެސް ނުބައިކަންބޮޑު މީހަކާ މެދު  ﷲ ގެ ޚަލީލް إبراهيم عليه السلام ވިދާޅުވި ފަދައިންނެވެ. ] فَمَن تَبِعَنِي فَإِنَّهُ مِنِّي ۖ وَمَنْ عَصَانِي فَإِنَّكَ غَفُورٌ‌ رَّحِيمٌ [ ]سورة إبراهيم 36] މާނައީ: ފަހެ، މި އަޅާޔަށް تبع ވެއްޖެ މީހަކީ، ހަމަކަށަވަރުން، އަޅުގެ (دين ގެ) މީހެކެވެ. އަދި އަޅާޔަށް އުރެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. 

އަދި ތިމަން ބުނާނީ އެދެމީހުންނަށްވުރެ ބޮޑު ފާފަވެރިޔާކާ މެދު روح الله عيسى عليه السلام  ވިދާޅުވިފަދައިންނެވެ. ] إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ [  ]سورة المائدة 118] މާނައީ: އެއުރެންނަށް، އިބަރަސްކަލާނގެ عذاب ދެއްވާނަމަ، ފަހެ، ހަމަކަށަވަރުން، އެއުރެންނީ، އިބަރަސްކަލާނގެ އަޅުންނެވެ. އަދި އެއުރެންނަށް އިބަރަސްކަލާނގެ ފާފަފުއްސަވާނަމަ، ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. 

މިބަސްތައް އަޑުއިވުމުން ޚަވާރިޖުންގެ ކަނޑިތައް އުރައަށް އެނބުރި ދިޔައެވެ. އަދި އިމާމް އަބޫ ޙަނީފާއަށް އެއްވެސް ގެއްލުމެއްނުދީ އެނބުރި ދިޔައެވެ. 

މަޞްދަރު: سنہرے اوراق / عبد المالك مجاهد

No comments:

Post a Comment