ދެވަނަ ބޮޑު ހަނގުރާމަ
ދެވަނަ ބޮޑު ހަނގުރަމަ ފެށުނީ މީލާދީން 1940 ގެ ކުރީކޮޅެވެ. ފިރިހެނުންނަށް ހަނގުރާމައިގާ ބައިވެރިވާންޖެހުނެވެ. ހަމަ އެއާއެކު އެމެރިކާއަށް މަސައްކަތްތެރީންނާ މުދާ ބޭނުންވިއެވެ. އަނެއްކާވެސް ވަޒީފާދޭ ފަރާތްތަކުގެ ލޯތައް އަމާޒުވީ އަންހެނުންނަށެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެކޭ އެއްފަދައިން ކައިވެނިނުކޮށް ތިބި އަންހެނުންނާ ކައިވެނިކޮށްގެން ތިބި އަންހެނުންނަށް މަސައްކަތުގެ މައިދާނަށް ނުކުތުމަށް ދަޢުވަތުދެވުނެވެ. އެކަމަކު އޭރުވެސް ގިނަ ބަޔަކު ކައިވެނިކޮށްގެން ތިބި އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމާ ދެކޮޅެވެ. އެހެންކަމުން މިވިސްނުން ބަދަލުކުރުމަށްޓަކައި ސަރުކާރާ މީޑިއާ ގުޅިގެން ފިސާރި ވަރުގަދަ ޕްރޮޕެގަންޑާ ކެންޕެއިނެއް ފެށުނެވެ. މައި ސަރުކާރުގެ ފަރާތުން އަންހެނުންނަށް ވިސްނައިދެމުން ގެންދިޔައީ މަސައްކަތުގެ މައިދާނަށް އެމީހުން ނުނިކުމެއެއް ހަނގުރާމައިގެ މައިދާނުގައި ކާމިޔާބެއްނުލިބޭނެކަމުގައެވެ. މަސައްކަތްކުރުމަކީ ރަގަޅު ރައްޔަތުމީހެއްކަމުގެ ނިޝާނެއްކަމުގައި ބެލެވެންފެށިއެވެ. މަސައްކަތަށް ނުކުންނަ އަންހެނާއަކީ ޤައުމުދެކެ ލޯބިވާ މީހެއްކަމުގައި ބެލެވެން ފެށިއެވެ.







