Saturday, August 20, 2011

ވަގުތު ފާއިތުވުމުގެ ކުރިން


ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

بسم الله الرحمن الرحيم الحمد لله والصلاة والسلام على رسوله وعلى آله وصحبه وسلم تسليما. وبعد:
  ވަގުތު ފާއިތުވުމުގެ ކުރިން، އޭގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ! އަތުވައްޖެ ކޮންމެ އެއްޗަކީ އެނބުރި ދާނެ އެއްޗެކެވެ.
އިއްޔެ އަޅުގަނޑުމެން ވަރަށް ހޫނު މަރުހަބާއެއް ކިޔައި، އިސްތިގުބާލުކުރި އިތްޒަތްތެރި މެހެމާނު އަޅުގަނޑުމެންނާއި ވަކިވެދާން ގާތް ވެއްޖެއެވެ. ބަރަކާތްތެރި ރަމްޞާންމަސް އަޅުގަނޑުމެންގެ ގާތަށް އައީ އިއްޔައެވެ. މިއަދު މިވަނީ އަޅުގަނޑުމެނާއި ވަކިވެ، އަލްވަދާއު ކިޔުމުގެ ވަގުތު ޖެހިފައެވެ. މާތް ﷲ އެމައްސަރުގައި ލައްވަވާފައިވަނީ ހުސް ހެޔޮކަމެވެ. އަމާންކަމާ އީމާންކަމެވެ. ސަލާމަތްތެރިކަމާ އިސްލާމްކަމެވެ. އޯގާތެރިކަމާ ހަމްދަރުދީއެވެ. އެހީތެރިކަމާ ތައާވުނެވެ. ފުއްސެވުމާއި ރުއްސެވުމެވެ. ރޯދަމަހުގެ ރޭތަކާއި ދުވަސްތައް މާތް ކުރެއްވިފައިވަނީ އައްރަހުމާނުގެ ރަހުމަތް ބެއްސެވުމާއި އަލް ޣައްފާރުގެ ފުއްސެވުމާއި އަލްޖައްބާރުގެ އަޛާބުން މިންޖު ކުރެއްވޭ މޫސުމެއްކަމުގައެވެ. އެހެން ހުރިހާ މައްސަރަކަށްވުރެ ހުރިހާ ކަމެއްވެސް މިމައްސަރުގައި އިތުރުވެގެންވެއެވެ.

ރޯދަމަހުގެ ފަހު ދިހަޔަކީ؛ އެމައްސަރުގެ އެއްމެ ފުރިހަމަ ބައެވެ. ހެޔޮއަމަލު ތަކާއި، ހެޔޮބަސްތައް އެއްމެ ގިނަކުރަންވީ ދުވަސްތަކެވެ. ދަރުމަޔާ ޘަވާބަށް އެއްމެ ދަހިވެތި ވާންވީ ވަގުތުކޮޅެވެ. ﷲ ސުބްހާނަހޫ ވަތައާލާގެ ފުއްސެވުމާއި ރުއްސެވުމަށް އެދިގެންވާ މީހުންނަށް އެއްމެ ބޭނުންވާނެ ކަމަކީ އެކަލާނގެ ކޯފާ އާއި އަޛާބުން މުއްތި ކުރެއްވުމެވެ. މީ އެކަމަށްޓަކައި ޚާއްސަ ވަގުތެވެ. ކޮންމެ ކަމެއް، އަދި ކޮންމެ އެއްޗެއްގެވެސް އޭގެ ނިމުން ރަނގަޅުވެއްޖެ ނަމަ އެއީ ވަރަށްބޮޑު ކާމިޔާބެކެވެ. އެގޮތުން ރަމުޟާން މަހުގެ ފަހު ދިހައެއް ތަގުވާގެ މަތިވެރި ސިފަތަކާއެކުގައި ހާސިލު ކުރުމަށްޓަކައި، ރޯދަމަހުގައި އަޅުގަނޑުމެން ކުރަމުން އައި ހުރިހާ ހެޔޮ އަމަލުތަކެއް ދެގުނަޔަށް އިތުރު ކުރަންވީއެވެ. ހެޔޮ އަމަލުތަކުގައި ފަރުވާކުޑަކުރެވުނު ނަމަ މިވަގުތުކޮޅު ޣަނީމާކުރަންވީއެވެ. أم المؤمنين عائشة رضي الله عنها ވިދާޅުވެފައި ވެއެވެ. ((كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْتَهِدُ فِي الْعَشْرِ الْأَوَاخِرِ مَا لَا يَجْتَهِدُ فِي غَيْرِهِ)) مسلم. “رسول الله صلى الله عليه وسلم އެހެން ވަގުތެއްގައި އަޅުކަމަށް މަސައްކަތް ނުކުރައްވާހާ ގިނައިން ފަހު ދިހައެއްގައި މަސައްކަތް ކުރައްވައެވެ.” އެހެން ހަދީޘެއްގައި ވެއެވެ. “ފަހު ދިހައެއް އައުމުން، އެކަލޭގެ ފާނުންގެ އިޒާރު ބަނދެލައްވައެވެ. ރޭގަނޑު އިޙްޔާކުރައްވައެވެ.” އެބަހީ ފަހުދިހައެެއްގައި އަނބިއަނބި ކަނބަލުންނާ ދުރުހެލިވެ ވަޑައިގަންނަވައި، އަޅުކަމަށް ހުސްވެވަޑައިގަންނަވައެވެ. ރޭގަނޑު އެކުގައި ހޭފުލައްވައި އަޅުކަމުގައި އުޅުއްވައެވެ. އެބޭފުޅެއްގެ އިސްފަހުގެ އެއްމެހާ ފާފައެއް ފުއްސެވިފައިވާ ބޭފުޅާ މިދުވަސްވަރުގައި މަސައްކަތް ކުރެއްވެވިގޮތް ބައްލަވާށެވެ. އަޅުގަނޑުމެންގެ ހާލަކީ ކޮބައިތޯއެވެ؟! ރެއާދުވާލު ފާފަ ކުރުވޭ، ހެޔޮއަމަލުތައް ކުރުމުގައި ފަރުވާކުޑަ ބައެކެވެ. އެއްވެސް މީހަކަށް އިތުރު އެކަލޭގެފާނު ފަދައެއް ނުވެވޭނެއެވެ. ނަމަވެސް އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައި، މިމަތިވެރި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފޭތޯ ބަލަމާ ހިނގާށެވެ. އަދި ވަގުތު ފާއިތެއް ނުވެއެވެ. ލައިލަތުލް ގަދްރި ވިލޭރެ ވަނީވެސް ރަމުޟާންމަހުގެ ފަހު ދިހައެއްގައެވެ. އެރޭގައި އަޅުކަން ކުރި މީހާ އެއްހާސް މައްސަރުގެ އަޅުކަން ކުރި ފަދައެވެ. އެރޭ ލިބިގަތުމަށްޓަކައި ހިތްވަރާއެކުގައި މަސައްކަތް ކުރާށެވެ. އިތުރު އެކަލާގެފާނުން އެކަލޭގެފާނުންގެ މިތުރުންނާއި އެކު، އެރޭގެ އަޅުކަން ލިބިގަތުމަށް އެދިގެން، ފަހުދިހައެއްގެ ރޭތަކުގައި އިޢުތިކާފަށް އިންނެވިއެވެ. އަޅުކަންކުރެއްވުމުގައި ހޭލާ ހުންނެވިއެވެ. އަދި އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަނބަލުންވެސް ނެންގެވިއެވެ. އަދި ހަދީޘްކުރައްވާފައިވެއެވެ. ((الْتَمِسُوهَا فِي الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ)) البخاري ومسلمތިޔަބައިމީހުން ރަމްޟާން މަހުގެ ފަހު ދިހައެއްގައި އެރޭ ހޯދާށެވެ!” ރޭއަޅުކަން ކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ޛިކުރު އަޛްކާރު ކުރުމާއި، ތިމާއަށް ކުރެވިފައިވާ ފާފަތަކުން ތައުބާވެ، އިސްތިޣްފާރުކޮށް، ﷲގެ ހަޟުރަތަށް އާދޭސް ދެންނެވުމުގައި މިދުވަސްކޮޅު ހޭދަކުރަމާ އަންނާށެވެ. އިތުރު އެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. “ކޮންމެ ރެއެއްގެ ތިންވަނަބައިގައި ﷲ ޢައްޒަ ވަޖައްލަ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގެން ވަހީ ކުރައްވައެވެ. ކަމަކަށް އެދި ދަންނަވާނެ މީހަކު ވޭހެއްޔެވެ؟ ތިމަން އިލާހު އެމީހަކަށް ފުއްދަވާދެއްވާނަމެވެ. އެއްޗަކަށް އެދޭނެ މީހަކު ވޭހެއްޔެވެ؟ ތިމަން އިލާހު އެމީހަކަށް އެއެއްޗެއް ދެއްވާނަމެވެ. ފާފަ ފުއްސެވުމަށް އެދޭނެ މީހަކު ވޭހެއްޔެވެ؟ ތިމަން އިލާމު އެމީހެއްގެ ފާފަ ފުއްސަވާނަމެވެ.” މިފަދައިން ފަތިސްވެއްޖައުމަށް ދާންދެން އެކަލާނގެ ވޮޑިގެންވެއެވެ. މާތް ނަބިއްޔާ ހަދީޘް ކުރައްވާފައިވެއެވެ. ރޯދަމަހުގެ އެއްމެ ފަހު ރޭގައި ރޯދަވެރިޔާގެ ހުރިހާ ފާފައެއް ވުއްސެވެއެވެ. ދެންނެވުނެވެ. އެއީ ލައިލަތުލް ގަދުރި ވިލޭރެކަމުގައި ވާތީ ތޯއެވެ؟ ހަދީޘްކުރެއްވިއެވެ. “އަދިކިޔެއް އާމިލު މީހާއަށް އޭނާގެ އުޖޫރަ ފުރިހަމަޔަށް ދެވޭހުށީ އޭނާގެ މަސައްކަތް ނިމުމުންނެވެ.” ލޮބުވެރި އަޚުންނާއި އުޚްތުންނޭވެ! މިމަތިވެރި މައްސަރު އަޅުގަނޑުމެނާއި ވަކިވާއިރު، މާތް ﷲ މިމައްސަރުގައި އެކަލާނގެ އަޛާބުގެ ގޯތި، ނަރަކައިން މިންޖު ކުރައްވާ މީހުންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތް ކުރަމާހެއްޔެވެ. ގިނަ ގިނައިން ހެޔޮ އަމަލުތައް ކުރަމާ އަންނާށެވެ. ލައިލަތުލް ޤަދްރިވިލޭރޭ ދިމާވެއްޖެނަމަ ދަންނަވާނެ ދުޢާއަކާއިމެދުގައި أم المؤمنين عائشة رضي الله عنها އިތުރުއެކަލޭގެފާނަށް ދެންނެވުމުން ދަސްކޮށްދެއްވެވީ: ((اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي)) “އޭ ﷲ! އިބަރަސްކަލާނގެއީ އަފޫކުރައްވާ، އަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އަޅުގެ ފާފަ ފުއްސަވާންދޭވެ!” މިފަދައިން ކިޔުމަށެވެ. ނަމާދުގައި ސަޖިދައިގައާއި އާންމު ދުޢާތަކުގައި މިދުޢާ ގިނައިން ކުރުން އެދެވިގެން ވެއެވެ. سبحانك اللهم وبحمدك، أشهد أن لا إله إلا أنت، أستغفرك وأتوب إليك
މަޞްދަރު: adamshameem.com

No comments:

Post a Comment