Tuesday, August 2, 2011

ނަމޫނާ ވެރިއެއް - 2


ޚަލީފާ ޢުމަރު ބުނު ޢަބްދުޢަޒީޒު ޚަލީފާކަމުގެ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގަތުމަށްފަހު މީސްތަކުންނާއިގެން އިމާމުވެ ނަމާދުކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ އެކަލޭގެފާނުގެ ކުރިން ހުންނެވި ޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކުގެ ދުވަސްވަރު މީސްތަކުންގެ މައްޗަށް އަނިޔާވެރިވެ އުޅުނު، ޚިޔާނާތްތެރި، ޣައްދާރު ވަޒީރުންތައް މަޤާމުން ވަކިކުރެއްވުމެވެ. އެކަލޭގެފާނު، އެވަޒީރުންތައް އެކަލޭގެފާނުގެ އަރިހަށް ގެންނެވިއެވެ. އޭގެ ތެރޭގަހުރި شريك بن عرضاء އަށް ވިދާޅުވިއެވެ. [އޭ އަނިޔާވެރިޔާއެވެ! ތިމަންގެ ކުރިމަތިން ދުރަށް ދާށެވެ! މީހުންނަށް ކާންބޯންނުދީ ބޭތިއްބުމަށްފަހު އެބައިމީހުން ގަދަ އަތްވަށްނެރެ އެމީހުންގެ ގައިގައި ޗާބޫކުން ކަލޭ ތަޅާ މަންޒަރު ތިމަން ދުށީމެވެ. އަދި ޚުދް ކަލޭ ފަށުއި ފޭރާމުގައި ފޭލިގެ ތެރޭގައި އިންނަމެވެ.]

ދެން ދެވަނަ ވަޒީރުގެންނަވައި، އޭނާއަށް ވިދާޅުވިއެވެ. [ތިމަންނައަށް ނުފެންނަ ހިސާބަކަށް ހިނގައިދާށެވެ! ﷲ ގަންދީ ބުނަމެވެ. ތިމަންގެ ނަޒަރުގައި ކަލެއަކީ ވެރިކަމެއް ޙަވާލުކުރުމަށް އެއްގޮތަކަށްވެސް ކުފޫ ހަމަވާ މީހެއްނޫނެވެ. އެހެނީ ކަލޭ، ޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކު ރުއްސުމަށްޓަކާ އެއްވެސް ޙައްޤަކާނުލައި މުސްލިމުންގެ ލޭ އޮހުރުވާތަން ތިމަންގެ މިދެލޮލުން ދުށީމެވެ.]

އަދި އޭގެ އިތުރުންވެސް ސުލައިމާނުގެ ވެރިކަމުގައި ކިބުރުވެރިކަމާ ބޮޑާކަމާއެކު މީސްތަކުންގެ ތެރޭގައި އެނބުރި އުޅުނު އަނިޔާވެރި ނުބައިނުލަފާ ޚިޔާނާތްތެރި އެންމެހާ ވަޒީރުން އެމީހުންގެ މަޤާމުން ވަކިކުރެއްވިއެވެ. އަދި އެއަށްފަހު ހަމަ ވަގުތުން ޢިލްމުވެރިންނާ ޞާލިޙުންގެ ތެރެއިން ވަޒީރުންނާ އަމީރުން އިންތިޚާބުކުރެއްވިއެވެ.

ދެން އިސްލާމީ ދުނިޔޭގައި ތިއްބެވި ބޮޑެތި ޢިލްމުވެރިންގެ އަރިހަށް ފަތްކޮޅު ފޮނުއްވިއެވެ. އެފިހުރިސްތުގެ އެންމެކުރީގައިވަނީ حسن البصري ، مطرف بن عبدالله بن شخير، سالم بن عبد الله بن عمر ގެ ނަންފުޅެވެ. އެބޭކަލުންގެ ކިބައިން އެކަލޭގެފާނު އެދިވަޑައިގަތީ ތިޔަ ބޭކަލުން ހެޔޮލަފާ ނަޞޭޙަތްތައް ލިޔުއްވާފައި ތިމަންނައަށް ފޮނުއްވާށެވެ. އެއީ ތިމަންގެ ކުށްތައް ދެނެގަނެ އިޞްލާޙުކޮށް ﷲ ގެއަޅުތަކުންގެ ޙައްޤުތައް އަދާކުރުމަށް ފުރިހަމަޔަށް މަސައްކަތްކުރުމަށެވެ. އަދި އެއްވެސް ކަހަލަ އަނިޔާވެރިކަމެއް ތިމަންގެ ކިބައިން ނުހިގުމަށެވެ. އަދި ﷲ އާ ބައްދަލުކުރަންޖެހޭ ވަގުތު އަނިޔާވެރިންގެ ފިހުރިސްތުގައި ތިމަންގެ ނަން ނުވުމަށްޓަކައެވެ. 

އެހެންކަމުން އެޢިލްމުވެރިން ފިސާރި ޘާބިތުކަމާއެކު ކެރި ތިއްބަވައިގެން ހެޔޮ ނަޞޭޙަތުގެ ސިޓީތައް ފޮނުއްވައިގެން ޚަލީފާއަށް ނަޞޭހަތްތެރިވެލެއްވިއެވެ. ޙަސަނުލްބަޞަރީ އެކަލޭގެފާނުގެ ފަތްކޮޅުގައި ލިޔުއްވިއެވެ. [އޭ އަމީރުލްމުއުމީނީނެވެ! މާދަމާ ރޯދަ ވީއްލެވުމަށްޓަކައި ތިބާގެ ދުވަސްތައް ރޯދައަށް ހުންނަވައިގެން ހޭދަކުރައްވާށެވެ!]

ޔަޢުނީ: ރޯދަވެރިޔާ ފިސްޤާ ފުޖޫރާއި، އަނިޔާވެރިކަމާއި، ޙައްޤުތަކަށް އަރައިގަތުމާއި، ކުޅިމަޖަލާއި، ހުތުރުބަސްތަކާއި، ފާޙިޝްއަމަލުތަކާއި އަދި އެންމެހާ މުންކަރާތްތަކުން ރައްކާތެރިވެގެން ހުރެ އިސްލާމީ ޙުކުމްތަކަށް ޢަމަލުކުރުމުގެ ގޮތުން އަޅުތަކުންގެ އެންމެހާ ޙައްޤުތަކެއް އަދާކުރެއެވެ. އެއީ އޭނާގެ ރޯދައިގެ ޘަވާބަށް އުނިކަމެއް ނާދޭތޯއެވެ. އެހެންކަމުން ރޯދަވީއްލާ ވަގުތު ﷲ ތަޢާލާ އޭނާގެ ދުޢާ އިޖާބަކުރައްވައެވެ. އަދި އޭނާއަށް ދަރުމަ އާއި ޘަވާބު ދެއްވައެވެ. ހަމަ އެފަދައިން ތިބާވެސް ރައްޔަތުންގެ ކަންތައް ރަގަޅަށް ބަލަހައްޓައި، އެމީހުންގެ މެދުގައި ޢަދުލްއިންޞާފު ޤާއިމްކޮށް، އެބައިމީހުންގެ ރަގަޅު ޖަޒުބާތުތަކަށް އިހްތިރާމްކޮށް، އެމީހުންގެ ދިރިއުޅުމުގައި ދިމާވާ އުނދަގޫތައް ލުއިކޮށްދީ، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކޮށް، ހަމަހަމަކަމާއެކު އެމީހުންގެ މެދުގައި މުޢާމަލާތުކޮށް، އަނިޔާވެރިކަމާ ނާއިންޞާފު އޭގެ ބިންގަލުން އުފުރައިލައި، އާންމު ރައްޔިތުންގެ ފައިދާއަށްޓަކައި ޢަމަލުކުރައްވައިފިނަމަ މާދަމާ ޤިޔާމަތްދުވަހު ތިބާގެ ފަސްބައި ސަލާމަތްވެގެންވާނެއެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެއްވެސް މީހަކަށް މަސްއޫލިއްޔަތު އަދާކުރުމުގައި ތިބާ ފަރުވާކުޑަކުރިކަމުގެ ޝަކުވާއެއް ނުދެންނެވޭނެއެވެ. އަދި ތިބާއަށް ﷲ ގެ ޚާއްޞަ ދަރުމަ އާ ޘަވާބު ލިބި ސުވަރުގެވަންތަވެރިއަކަށް ވެވޭނެއެވެ.

ސާލިމް ބިން ޢަބްދުﷲ ބިން ޢުމަރު އެކަލޭގެފާނުގެ ސިޓީފުޅުގައި ޚަލީފާ އުމަރު ބިން ޢަބްދުޢަޒީޒަށް މިފަދައިން ލިޔުއްވާފައި ފޮނުއްވިއެވެ. އޭ މުއުމިނުންގެ އަމީރެވެ! [ކަލޭގެފާނަކީ ޚަލީފާކަން އެންމެފަހުން ލިބިވަޑައިގެންނެވި ބޭފުޅާއެވެ. ކަލޭގެފާނުގެ ކުރިން ތިއްބެވި ޚަލީފާއިން މިދުނިޔެ އާ ވަކިވެ ދިޔަ ފަދައިން ކަލޭގެފާނުވެސް އެއްދުވަހަކުން އަވަހާރަވާނެއެވެ.]

ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒް، ހަތް ޢިލްމުވެރިން އިންތިޚާބުކުރެއްވިއެވެ. އެއީ ޢިޝާ ނަމާދަށްފަހު އެބޭކަލުންނާ ވާހަކަދައްކަވައިލެއްވުމަށެވެ. އަދި އެބޭކަލުންގެ ކިބައިން ހެޔޮ ނަޞޭޙަތް އަޑުއެއްސެވުމަށެވެ. ނަމަވެސް އެބޭކަލުންގެ ކުރިމަތީގައި ތިން ޝަރުޠެއް ބޭއްވެވިއެވެ. 

1-     މަޖްލީހުގައި ތިބޭއިރު އެއްވެސް މުސްލިމެއްގެ ޣީބަ ބުނެގެންނުވާނެއެވެ.
2-     އެއްވެސް މުސްލިމަކާމެދު ނިކަމެތިކަމުގެ މާލާމާތުގެ ބަހެއް ބޭނުންކޮށްގެންނުވާނެއެވެ. އަދި އެއްވެސް މީހެއްގެ ވާހަކައިން ނުބައި މާނައެއް ނެރެން މަސައްކަތްކޮށްގެންނުވާނެއެވެ. މުސްލިމުންގެ މަޖްލިސްތަކަށް ފުރައްސާރަކޮށްގެންނުވާނެއެވެ. އަދި އެއްވެސް ކަހަލަ ހައްޤުނޫން މުނާސަބުނޫން ޝަކުވާއެއް އެކަލޭގެފާނުގެ އަރިހަށް ހުށައެޅުންވެސް ވަރުގަދަޔަށް މަނާކުރެއްވިއެެވެ.
3-     މަޖިލީހުގެ ތެރޭގައި މަޖާކުރުމާ ހުނުމުގެ މާޙައުލެއް އޮވެގެންނުވާނެއެވެ. އަދި ކިއެއް! ދައްކަންޖެހޭނީ ދީނާ އާޚިރަތާ ގުޅުންހުރި ވާހަކައެވެ.
އެހެންކަމުން ޚަލީފާ ޢުމަރު، އެޢިލްމުވެރިންގެ މަޖްލިހުގައި އިށިންނަވައި ކީރިތިކުރައްވާއިރު ހީވަނީ މައްޔިތެއްގެ މައްޗަށް ބަޔަކު ރޮއި ހިތާމަކުރާހެންނެވެ. 

ޢިލްމުވެރިންގެ ކުރިމަތީގައި ޝަރުޠުތައް ބޭއްވެވުމަށްފަހު ޢުމަރު ބިން ޢަބްދުލްޢަޒީޒް މިންބަރަށް އަރާވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ސަރުކާރުގެ ސިޔާސަތު މިސްތަކުންނަށް ހާމަކުރެއްވިއެވެ. އެކަލޭގެފާނުގެ އަމުރުފުޅަށް އެކަލޭގެފާނު ކަޅު އެހެނަސް ބާރުގަދަ އަދި އަބަދުވެސް ﷲ އަށް ބިރުވެތިވުންމަތީ ހުންނަ ޣުލާމު މުޒާޙިމް އެކަލޭގެފާނުގެ އަރިހަށް ގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ މުޒާޙިމެވެ! ﷲ ގަންދީ ބުނަމެވެ! ﷲ އަށްޓަކައި ތިމަން ކަލޭދެކެ ލޯބިވަމެވެ. މިއަދަށްފަހު ކަލެއަކީ ތިމަންގެ ވަޒީރެވެ.]

މުޒާޙިމު ދެންނެވިއެވެ. [އޭ އަމީރުލްމުއުމިނީނެވެ! އެއީ ކީއްވެގެންތޯއެވެ؟]

އެކަލޭގެފާނު ވިދާޅުވިއެވެ. [ތިމަންނައަށް އެއްދުވަހަކު ތިބާ ސަހަރާ ތެރޭގައި އެކަނިމާއެކަނި ﷲ ފިޔަވައި އެހެން ފަރާތަކަށް ނުފެންނަފަދަ ތަނެއްގައި ހުރެ ނަމާދުކުރަނިކޮށް ފެނިފައިވެއެވެ. އަދި ތިބާއަކީ ކީރިތި ޤުރުއާންނަށް އިންތިހާއަށް ލޯބިކުރާ މީހެއްކަން ތިމަންނައަށް އެނގެއެވެ. އެހެންކަމުން މިހާރުން ފެށިގެން ތިމަންގެ ކައިރީގައި ތިބާ ހުންނާށެވެ!]

މުޒާޙިމް ދެންނެވިއެވެ. [ތިމަން މިހުރީ ސާހިބާ އާއި އެކުގައެވެ.]

ދެން އަނެއްކާވެސް މިންބަރު މައްޗަށް ކޮޅަށް ތެދުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި، އެކަލޭގެފާނުގެ ވެރިކަމާ ޚިލާފަތަށްޓަކައި ކޮންމެހެން ބޭނުން މަޢުލޫމާތުތައް ބޮޑު އަކުރުން ލިޔެފައިވާ ފޮތެއް އޮތެވެ. އެކަލޭގެފާނުގެ އަރިހުގައި ކަނޑި ހިފައިގެން ވަޒީރެއްގެ ހައިޘިއްޔަތުން މުޒާޙިމް ކޮޅަށް ހުއްޓެވެ. އެކަލޭގެފާނުގެ ވަންހަ ބަނޫ އުމައްޔާގެ އަނިޔާވެރި އަމީރުން އެންމެ ކުރީސަފުގައި ތިބިތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އެއީ މީސްތަކުންގެ ބިންތަކާ މުދާތަކުގެ މައްޗަށް ނާޖާއިޒު ގޮތުގައި ވެރިވެގެން ތިބި މީހުންނެވެ. އަދި އެންމެންގެ ކުރިމަތީގައި މީހުންގެ މުދާތައް ގަދަކަމުން ފޭރި ރައްޔަތުންނަށް އަނިޔާވެރިވަމުން ދާ ބައެކެވެ. 

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ މަރުވާނުގެ ދަރީންނޭވެ! އަހަރެންގެ އަތުގައި މިއޮތީ ޢަބްދުލްމަލިކް ބިން މަރުވާން ހުއްދަނޫން ގޮތުގައި ކަލޭމެންނަށް ދިން ބިންތަކުގެ ތަފްޞީލީ ލިޔުންތަކެވެ. އެހެނެއްކަމަކު ޙައްޤު ބަހަކީ ﷲ ގެ ބަސްފުޅެވެ. ޢަބްދުލްމަލިކުގެ ބަސް ނުބައެވެ.] ދެން އެކަލޭގެފަނު އެލިޔުންތައް ވީއްދަވައިލެއްވިއެވެ. 

އަދި ވިދާޅުވިއެވެ. [އުމައްޔަތު ވަންހަ އާ ގުޅޭ ލިޔުންތައް ގެންނާށެވެ!] އެހެންކަމުން އެކަލޭގެފާނުގެ އަތްޕުޅަށް ޢައްބާސް ބިން ވަލީދު ބިން ޢަބްދުލްމަލިކުގެ ލިޔުންތައް އެރުވުނެވެ. އޭގައިވަނީ ބޮޑު ޝަހަރެއް ބިނާކުރެވޭހާ ބޮޑު ބިމެއް އޭނާއަށް ދީފައިވާ ކަމަށެވެ. އެކަލޭގެފާނު އެކަރުދާސްތައް ވީއްދަވައިލައްވައި ބޭކާރުކޮށްލެއްވިއެވެ. އަދި ވިދާޅުވިއެވެ. [މުސްލިމުންގެ ބިމުގައި ކަލޭގެ އެއްވެސް ޙައްޤެއްނުވެއެވެ.]

ޢައްބާސް ބިން ވަލީދު ބިރުދެއްކުމުގެ ރާގުގައި ބުންޏެވެ! [ތިމަންގެ ބިން ތިމަންނައަށް އަނބުރާ ދޭށެވެ!]

ޢުމަރު ވިދާޅުވިއެވެ. [ﷲ ގަންދީބުނަމެވެ! ކަލޭ މައިތިރިނުވެއްޖެނަމަ ހަމަ މިހާރު މުޒާޙިމް ކަލޭގެ ބޯ އަހަރެންގެ ކުރިމައްޗަށް ޙާޟިރުކުރާނެއެވެ.]  އެހެންކަމުން އޭނާ މަޑުމަޑުން އިށީނެވެ.

ދެން ބާކީހުރި ހުރިހާ ލިޔުމެއްވެސް ވީއްދަވައިލެއްވިއެވެ. އެހެނީ އެކަރުދާސްތަކުގައި ވާ ކަންތައް ބިނާވެގެންވަނީ އަނިޔާ އާ ބޭއިންޞާފުގެ މައްޗަށެވެ.

ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ޚިލާފަތު ހިނގަމުން ދިޔައީ މި ބަޔާންކުރެވުނު އުޞޫލާ މަންހަޖުގެ މަތީގައެވެ. އެކަލޭގެފާނު، މުހާޖިރު ނަމަކަށް ކިޔުނު ވަޒީރަކު އެކަލޭގެފާނުގެ އަރިހުގައި އަބަދުވެސް ހުރުމަށް އިންތިޚާބުކުރެއްވިއެެވެ. އަދި އޭނާއަށް ވިދާޅުވެފައިވަނީ ތިމަންގެ ކައިރީގައި ހުންނާށެވެ! އަދި ފަހަރެއްގައިވެސް ތިމަން މުސްލިމަކަށް އަނިޔާވެރިވާތަން ނުވަތަ މީހަކަށް ނިކަމެތިކޮށް ހިތާތަން ނުވަތަ މީހަކާ ހުތުރު ބަހުން މުޢަމަލާތުކުރާތަން ތިބާއަށް ފެނިއްޖެނަމަ ތިމަންގެ ލިބާހުގެ ފަސްބައިގައި ހިފުމަށްފަހު ހަދާންކޮށްދިނުމުގެ ގޮތުން ތިމަންނައަށް ބުނާށެވެ! (( اِتَّقِ اللهَ يَا عُمَرُ! )) [އޭ ޢުމަރެވެ! ﷲ އަށް ބިރުވެތިވާށެވެ!]

ތަރުޖަމާ: އިނާޒް ޢަދުނާން
އަޞްލު ލިޔުއްވީ: ޢަބްދުލްމާލިކް މުޖާހިދް / ފޮތް: ސުންހެރޭ ޙުރޫފް

1 comment:

  1. ހަމަ ޙަޤީޤަތުގައިވެސް ޢުމަރު ބިން ޢަބްދުލްޢަޒީޒް ރަޙިމަހުﷲ އަކީ މުސްލިމް ވެރިންނަށް ހުރި ނަމޫނާއެއް. އެފަދަ ހެޔޮލަފާ ވެރިން ލިބުނު ދުވަހަކުން މިއުންމަތް މިއަދަވަޅުން ސަލާމަތްވާނީ

    ReplyDelete