Friday, November 30, 2012

ބައްޕައަށް ނުބައިކޮށް ހިތުމުގެ ނަތީޖާ




ތަރުޖަމާ: އިނާޒް ޢަދުނާން

އަލް ޢަޞްމަޢީ ، އަޢުރާބީއެއްގެ ކިބައިން ރިވާކުރައްވާފައި ވެއެވެ. އެ އަޢުރާބީ ކިޔައިދިނެވެ. 

މީސްތަކުންގެ ތެރޭގައި ހުރި އެންމެ ނުބައި މީހާ އާއި އެންމެ ރަގަޅު މީހާ ހޯދައި އެމީހުންނާ ބެހޭ މަޢުލޫމާތު ޙާޞިލްކުރުމަށް ނިޔަތް ގަނެގެން އަހަރެން ދަތުރަކަށް ނުކުތީމެވެ. އަހުރެން ރަށްތަކާއި އަވަށްތަކުގައި ނުބައިމީހުންނާއި ރަގަޅުމީހުން ހޯދުމަށް އަތްފުނާއަޅަމުން ދަތުރުކުރަމުން ދިޔައީމެވެ. މިގޮތުގެމަތީން ދަތުރުކުރަނިކޮށް އެއްފަހަރެއްގައި އަހުރެންނަށް އެރުނު ރަށަކުން ފެނުނު މަންޒަރަކީ ކަރުގައި ވާގަޑެއް އައްސާފައިވާ މުސްކުޅި ފިރިހެނެކެވެ. އެ ވާގަނޑުގައި ބޮޑު ދަގަނޑު ބަރެއްވެސް އެލުވާފައި އޮތެވެ. އެ މުސްކުޅިޔާގެ ފަހަތުގައި ޒުވާނަކު ހުއްޓެވެ. އެ ޒުވާނާ ގެންދިޔައީ މުސްކުޅިޔާގެ ކަރުގައި އައްސާފައި އޮތް ވާގަނޑަށް ދަމަމުންނެވެ. އަދި ހަމަ އެއާއެކު އޭނާގެ އަތުގައި އޮތް ޗާބޫކުން މުސްކުޅިޔާގެ ގައިގާ ތަޅަމުންވެސް ގެންދިޔައެވެ.

ތިމަން، އެ ޒުވާނާއަށް ބުނީމެވެ. ތިޔަ ނިކަމެތި މުސްކުޅި މީހާއާ މެދު ތިބާ، ﷲ އަށް ބިރުވެތި ނުވަމުހެއްޔެވެ؟ އޭނާގެ ކަރުގައި ކުރީއްސުރެވެސް އެއޮތީ ވާގަނޑަކާއި ބޮޑު ބަރެއް އެލުވާފައެވެ. އޭގެ ސަބަބުންވެސް އޭނާއަށް އެތައް އުނދަގުލަކާއި ތުރާލެއް އެދަނީ ލިބެމުންނެވެ. އެކަމާއި އެކުވެސް ކަލޭ ތިޔަ ގެންދަނީ ޗާބޫކުން އޭނާގެ ގައިގައި ތަޅަމުންނެވެ. ކަލޭގެ ހުރި އަނިޔާވެރިކަމާއެވެ! 

ޒުވާނާ ޖަވާބު ދިނެވެ. އާނއެކެވެ! އަދި އިތުރަށް ކަލެއަށް އެންގުމަށްޓަކައި ބުނަމެވެ. މީ އަހަރެންގެ ބައްޕައެވެ!!!

އަހުރެން އެނާއަށް ބުނީމެވެ. މިއީ ކަލޭގެ ބައްޕަކަމުގައި ވަނީނަމަ އަހަރެންގެ ދުޢާއަކީ ﷲ ތަޢާލާ، ކަލެއަށް އެއްވެސް ހެޔޮކަމެއް ނުދެއްވުމެވެ. ފަހެ އެއްވެސް މީހަކު އޭނާގެ ބައްޕަ އާމެދު ތިޔަފަދަ ނުބައިގޮތަކަށް ޢަމަލުކޮށްފާނެހެއްޔެވެ!!؟

ޒުވާނާ ޖަވާބުދިނެވެ. މަޑުން ހުންނާށެވެ! (ކަލެއަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟) މީނާވެސް މީނާގެ ބައްޕަ އާމެދު ކަންތައް ކުރީ ހަމަ މިފަދައިންނެވެ. އަދި ހަމަ އެފަދައިން މީނާގެ ބައްޕަވެސް މީނާގެ ކާފަ އާމެދު ކަންތައްކުރާކަމުގައި ވިއެވެ.

އަހުރެންގެ ލޮލަށް މިހުރިހާ މަންޒަރެއް ފެނުމުން ބުނީމެވެ. އާނއެކެވެ! މީސްތަކުންގެ ތެރޭގައި ހުރި އެންމެ ނުބައި މީހަކީ މި މުސްކުޅިޔާއެވެ.
______________________________________________
މަޞްދަރު: ސުންހެރޭ ނުޤޫޝް / ޝެއިޚް ޢަބްދުލްމާލިކް މުޖާހިދް

No comments:

Post a Comment