Wednesday, October 24, 2012

ފުރަތަމަ ވައްކަން





ތަރުޖަމާ: އިނާޒް ޢަދުނާން



އެއްފަހަރަކު އަބޫބަކްރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުގެ އަރިހަށް ވަގަކު ގެނެވުނެވެ. އޭނާ ވައްކަންކުރިކަން ސާބިތުވުމުން އޭނާގެ އަތް ކެނޑުމަށް އަބޫބަކްރުގެފާނު ޙުކުމްކުރެއްވިއެވެ. އެކަލޭގެފާނަކީ ނުހަނު ހިތްޕުޅުހެޔޮ އޯގާތެރި ބޭކަލެކެވެ. އެހިނދު ވަގުކަލޭގެ ދެންނެވިއެވެ. [އޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚަލީފާއެވެ! ތިމަންގެ މައްޗަށް ރަޙުމްކުރައްވައި މާފުކުރައްވާށެވެ. ތިމަން މީގެކުރިން ދުވަހަކުވެސް ވައްކަމެއްކޮށްފައެއްނުވާނެއެވެ.]

އަބޫބަކްރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (( كَذَبْتَ وَالَّذِي نَفْسِي بِيَدِهِ! مَا غَافَصَ اللهُ مُؤْمِنًا بِأَوَّلِ ذَنْبٍ يَعْمَلُهُ )) [ތިބާ ދޮގުހަދައިފިއެވެ. ތިމަންގެ ނަފްސު އެފަރާތެއްގެ ބާރުގެދަށުގައިވާ ފަރާތް ގަންދީ ބުނަމެވެ. ﷲ ތަޢާލާ މުއުމިނުއަޅާއަށް ކުރެވޭ ފުރަތަމަ ފާފައަށް ފަހަރެއްގައިވެސް އޭނާއަށް ސަޒާއެއްނުދެއްވާހުއްޓެވެ.]

އަނަސް ބުނު މާލިކް ރަޟިޔަﷲ ޢަންހު ބަޔާންކުރައްވާފައިވެއެވެ. ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ އަރިހަށް ވައްކަންކޮށްގެން މީހަކު ގެނެވުނެވެ. އެމީހާ ޢުމަރުގެފާނަށް ދެންނެވިއެވެ. (( وَاللهِ ! مَا سَرَقْتُ قَبْلَهَا)) [ﷲ ގަންދީބުނަމެވެ! މީގެކުރިން ތިމަން ވައްކަމެއްކޮށްފައެއްނުވާނެއެވެ.]

ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (( كَذَبْتَ وَرَبِّ عُمَرَ! مَا أَخَذَ اللهُ عَبْدًا عِنْدَ أَوَّلِ ذَنْبٍ )) [ޢުމަރުގެ ރައްބު ގަންދީ ބުނަމެވެ. ތިބާ ތިހެދީ ދޮގެކެވެ. ﷲ ތަޢާލާ އެކަލާނގެ އަޅާއަށް ކުރެވޭ ފުރަތަމަ ފާފައަށްޓަކައި އޭނާ ނުހިތްޕަވާހުއްޓެވެ.]

އެމަޖްލީހުގައި ޢަލީ ބުނު އަބޫޠާލިބް ރަޟިޔަﷲ ޢަންހު ވެސް އިންނެވިއެވެ. އެކަލޭގެފާނުވެސް ވިދާޅުވިއެވެ. [ﷲ ތަޢާލާއީ ޙަލީމްވަންތަ އިލާހެވެ. އެކަލާނގެ އެކަލާނގެ އަޅާއަށް ފުރަތަމަ ފާފަކުރެވޭ ފަހަރަކު އޭނާއަށް ސަޒާއެއް ނުދެއްވާހުއްޓެވެ. އެހެނީ އެކަލާނގެއީ އެންމެ އޯގާވަންތަ އެންމެ ދީލަތިވަންތަ އިލާހެވެ.]

ޢުމަރު ރަޟިޔަﷲ ޢަންހު ވަގުކަލޭގެ ގެ އަތް ކަނޑަން ޙުކުމްކުރެއްވިއެވެ. ޙުކުމް ތަންފީޒުކުރުމަށްފަހު ޢަލީ ރަޟިޔަﷲ ޢަންހު، ވަގުކަލޭގެ އާ ސުވާލުކުރެއްވިއެވެ.  [ﷲ ގެ ރަސްކަންފުޅަށްޓަކައި ނިކަން ބުނެެބަލާށެވެ! ތިބާ ކިތައްފަހަރު ވައްކަންކުރިން ހެއްޔެވެ؟]

ވަގުކަލޭގެ ޖަވާބު ދިނެވެ. [އެކާވީސް ފަހަރެވެ.] (ނިމުނީ)
______________________________________________-

މަޞްދަރު: ސުންހެރޭ ފައިޞަލާ / ޝެއިޚް ޢަބްދުލްމާލިކް މުޖާހިދް

2 comments: