Tuesday, July 19, 2011

ޣާފިލުކަމުން ހޭލާށެވެ


ލިޔުނީ: އަލްއަޚް އާދަމް

ޙަސަނުލް ބަޞަރީ އަކީ އެކަލޭގެފާނުގެ ޒަމާނުގައި އުޅުއްވި ނަންހުރި ޢިލްމުވެރިއެކެވެ. އަދި ޞާލިޙު ތަޤުވާވެރިއެކެވެ. މަރުގެ ވޭނާއި ނަރަކައިގެ ޢަޒާބުގެ މަތިން ހަނދުމަކުރެއްވުމުގެ ސަބަބުން އެކަލޭގެފާނު ހިނިފުޅުވަޑުވާ އުޅުއްވީ ވަރަށްވެސް މަދުންނެވެ. އެއްދުވަހަކު އެކަލޭގެފާނު ކޮންމެވެސް ތަނަކަށް ވަޑައިގަންނަވަނިކޮށް ހީނ މަޖާކުރުމުގައި މަޝްޣޫލުވެގެންވާ ޒުވާނެއް ފެނިވަޑައިގެންނެވިއެވެ. ޙަސަނުލް ބަޞަރީ، އެޒުވާނާ އާއި ސުވާލުކުރެއްވިއެވެ. [އޭ ޒުވާނާއެވެ! ތިބާ މިހާރު ޞިރާތު މަގު ހުރަސްކުރީ ހެއްޔެވެ؟ ތިބާ ދާނީ ސުވަރުގެއަށްކަން ނުވަތަ ނަރަކައަށްކަން ތިބާ އެނގިފައިވަނީ ހެއްޔެވެ؟] ޒުވާނާ ޖަވާބު ދިނެވެ. [ނޫނެކެވެ!] ޙަސަނުލްބަޞަރީ، އޭނާއަށް ވިދާޅުވިއެވެ. [އެހެންކަމަށްވާނަމަ ތިހާވަރަށް ތިބާ ތިޔަ ހެނީ ކީއްވެހެއްޔެވެ؟] ޙަޞަނުލްބަޞަރީގެ އެބަސްފުޅުގެ ސަބަބުން އެޒުވާނާ ޣާފިލުކަމުން ހޭލިއެވެ. އަދި މިޙަޔާތުގެ ޙަޤީޤަތް އޭނާއަށް ވިސްނުނެވެ. އޭގެ ފަހުން އެއްވެސް މީހަކަށް އެޒުވާނާ ހެނިކޮށް ފެނިފައެއްނުވެއެވެ. (ތަންބީހުލް ޣާފިލީން / ޝެއިޚް ސަމަރްޤަންދީ)

ލޮބުވެތި އަޚުންނާ އުޚްތުން! އަޅުގަނޑުމެންގެ ޙަޔާތުންވެސް އެތައް ގަޑިއިރެއް އެތައް ދުވަހެއް ވަނީ ހުނުމާ މަޖާކުރުމުގައި ވޭތުވެ ގޮއްސައެވެ. އެއީ އަހަރަމެން އާޚިރަތުގެ ޙަޔާތާމެދު ޣާފިލުވެގެންވާކަމުގެ އަލިގަދަ ހެއްކެވެ. މާތްވެގެންވާ ޞަޙާބީން މުޅި ދުވާލު ހެޔޮ ޢަމަލުކުރެއްވިއެވެ. އެވަރުންވެސް ރޭގަނޑު ﷲ ގެ ދަރުބާރަށް ހުއްޓި ރުއިމާ ގިސްލުމުގައި ހޭދަކުރެއްވިއެވެ. އޭގެ ދިމާ އިދިކޮޅަށް އަހަރަމެން ދުވާލާ ރޭގަނޑު މިދަނީ އެތައް ފާފައެއްކުރަމުންނެވެ. އެއަށްފަހުވެސް އަހަރަމެންގެ ނިމުމާމެދު އެއްވެސް ކަންބޮޑުވުމެއް ވިސްނައިލުމެއް ފިކުރުކޮށްލުމެއް ނެތްކަހަލައެވެ!!

ނޯޓް: އުފާކޮށް މަޖާކުރުމަކީ އިސްލާމްދީނުގައި މަނާކަމެއްނޫނެވެ. ނަމަވެސް ތިމާގެ ދުނިޔަވީ އަދި ދީނީ ވާޖިބުތައް  ހަނދާންނެތޭ މިންވަރަށް އެފަދަ ކަންކަމުގައި މަޝްޣޫލުވެ ޙައްދުފަހަނައަޅައި ދިޔުމަކީ ރަގަޅުކަމެއްނޫނެވެ. މިލިޔުމުގެ މަޤްޞަދަކީ އެއީއެވެ.

No comments:

Post a Comment