Saturday, June 11, 2011

ނުފެންނަ ބީރު މީހުން

ލިޔުނީ: އިނާޒް ޢަދުނާން
ޢައްބާސީ ޚަލީފާ އަބޫ ޖަޢުފަރު އަލްމަންޞޫރު އެއްރެއަކު ކަޢުބަތުﷲ ވަށައިގެން ޠަވާފުކުރައްވަމުން ގެންދަވަނިކޮށް ކަންފަތްޕުޅުގައި ޖެހިވަޑައިގަތް އަޑެއްގެ ސަބަބުން އެމަނިކުފާނުގެ ނިދާފައިވާ ޟަމީރު ކުއްލިއަކަށް ހޭލައްވާލިއެވެ. އެއަޑު އަންނަ ދިމާއަށް ވަޑައިގެން ބެއްލެވިއިރު ފެނިވަޑައިގަތީ ކަޢުބާގެ އުރަކޮޅުގައި އެލިގަނެގެން ހުރެ މީހަކު ރޮއި އާދޭސް ދަންނަވަމުންދާތީއެވެ. [މިއަޅާގެ ވެރިރަސްކަލާކޮ! ބިންމަތީގައި ފިތުނަ ފަސާދަ ޢާންމުވެއްޖެއެވެ. ޙައްޤުވެރީންގެ ޙައްޤުތައް ފޭރިގަނެގެން ތިބި ދަހިވެތި އަނިޔާވެރީން ނެތިކުރައްވާނދޭވެ! އެމީހުންގެ ނަފްސުގެ އެދުންތަށް މުޅި ދުނިޔެއަށް އަނދިރިކަން ވެރިކުރުވައިފިއެވެ. އިބަ އިލާހަށް ބިރުވެތިވުމެއް އިބަ އިލާހުގެ އަޅުތަކުންނަށް އިންޞާފުވެރިވުމެއް ނެތެވެ. އެމީހުންގެ އަނިޔާވެރިކަމުގެ އުޑީގައި މީސްތަކުން ފިސްފިސްކުރުމަށް އެމީހުންނަށް މުހުލަތުދެއްވާނީ ކިހާ ދުވަހެއް ވަންދެންތޯއެވެ؟]


ޚަލީފާއަށް މިދުޢާ އިވިވަޑައިގަތުމުން ވަރަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. އަދި ޙަރަމްގެ އެއްފަރާތަކަށް ޖެހިވަޑައިގެން އިށީނދެވަޑައިގެންނެވިއެވެ. އަދި އެދުޢާކުރި މީހާ ގެނައުމަށް އޭނާގެ ކައިރިއަށް ޤާޞިދަކު ފޮނުއްވިއެވެ. ޤާޞިދުގޮސް ޚަބަރުދިނުމުން އޭނާ ސުންނަތް ދެރަކުޢަތް އަދާކުރިއެވެ. އަދި ޙަޖަރުލް އަސްޥަދަށް ބޮސްދިނެވެ. ދެން މަންޞޫރުގެ އަރިހަށް އައިސް އިށީނެވެ. މަންޞޫރު ސުވާލުކުރެއްވިއެވެ. [ތިބާ، ﷲ ގެ ޙަޟްރަތަށް ތިޔަ ދަންނަވަނީ ކާކުގެ ޝަކުވާއެއް ހެއްޔެވެ؟ ބިންމަތީގައި ފިތުނަފަސާދަ ފަތުރަނީ ކާކު ހެއްޔެވެ؟ އަނިޔާވެރި ދަހިވެތި މީސްތަކުންގެ ޙައްޤުތައް ފޭރޭ މީހަކީ ކާކުހެއްޔެވެ؟] އެމީހާ ނުހަނު ޘާބިތުކަމާއެކު ޖަވާބުދިނެވެ. [އެމީހަކީ މަނިކުފާނެވެ.] ޚަލީފާ މަންޞޫރު ކޯފާވެގެން އިންނެވިތަނުން ތެދުވެވަޑައިގެން ވިދާޅުވިއެވެ. [ތިމަންގެ ވެރިކަން ތަނަވަސްވެގެންވެއެވެ. ރަނާރިހީގެ ފުނިވަރުތައް ތިމަންގެ ގަނޑުވަރުތަކުގެ ދޮރުތައްމަތީ އެހެރީ ފުނިޖެހިފައެވެ. އެހެންވީއިރު ތިމަން ދަހިވެތިވާންވީ ކޮންއެއްޗަކަށް ހެއްޔެވެ؟ މުޅިދުނިޔެވަނީ ތިމަންގެ ރަސްކަންދެކެ ބިރުންނެވެ. އެހެންވީއިރު މީހެއްގެ ޙައްޤަކަށް ތިމަން އަރައިގަންނަންވީ ކީއްކުރަން ހެއްޔެވެ؟ ތިމަންގެ ފަރާތުން އަނިޔާލިބިފައިވާ މީހަކީ ކާކުހެއްޔެވެ؟ ތިޔަ ފަދަ ބުހުތާނެއް ތިމަންގެ ބޮލުގައި އަޅުވަނީ ކީއްވެހެއްޔެވެ؟]

އެމީހާ ޖަވާބުދިނެވެ. [ޚާލިޤުވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންގެ ޒިންމާ މަނިކުފާނުގެ އިސްތަށިފުޅުގައި ވަނީ އަޅުއްވާފައެވެ. ނަމަވެސް މަނިކުފާނުގެ ވިސްނުންފުޅުގައިވަނީ ހަމައެކަނި އަަމިއްލަފުޅު ބޭނުންތައް ފުއްދެވުމުގެ ޚިޔާލުފުޅެވެ. މަނިކުފާނު، މަނިކުފާނާއި ރައްޔިތުންނާ ދެމެދަށް ލޮއިގެ ފާރެއް ހުރަސްކުރައްވައިފީމެވެ. މަނިކުފާނުގެ އަރިހަށް ޝަކުވާއަކާއިގެން ދާން ބޭނުންވާ މީހާއަށް އެކަން ނުކުރެވޭނެވަރު ކުރައްވައިފީމެވެ. ޚުދް މަނިކުފާނަކަށް ރައްޔަތުންގެ ޙާލަތެއް އެނގިވަޑައެއްނުގަންވައެވެ. މަނިކުފާނަށް، އަނިޔާލިބިފައިވާ މީހެއް، ބަނޑުހައިގެންފައިވާ މީހެއް އުޅޭކަމުގެ އިޙްސާސެއްނުކުރެއްވެއެވެ. އެފަދަ މީހުން ވަނީ މަނިކުފާނުގެ ލޯފުޅަށް ޣައިބުވެގެންނެވެ. އަދި މަނިކުފާނާއި ރައްޔަތުންނާ ދެމެދަށް މަނިކުފާނު ނެރުއްވާފައިވާ މީހުން، ޓެކްސް ނަގަމުން މުދާތައް ޖަމާކުރަމުން ގެންދަނީއެވެ. އަދި ރައްޔަތުންގެ މައްޗަށް ލިބިފައިވާ މަތިވެރިކަމުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފަމުންދަނީއެވެ. އެމީހުން ދެކޭގޮތުގައި ޚަލީފާ، ﷲ އާއި އެއިލާހުގެ ރަސޫލާ z ގެ އަމުރުފުޅުތަކަށް ޣާފިލުވެ އެއިލާހަށް ބިރުވެތިވުން ދޫކޮށްލުމުން އެމީހުންނަކަށްވެސް އެކަންކުރާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެމީހުންވެސް ޢަދުލު އިންޞާފުން ކަންތައްކުރުން ދޫކޮށްލައިފިއެވެ. އެމީހުން އެދެނީ ރައްޔަތުންގެ ޙާލަތު މަނިކުފާނާއި ހަމަޔަށް ނުފޯރުމަށެވެ. އެއީ މަނިކުފާނު މަޤާމުދެއްވާފައިވާ މަނިކުފާނުގެ ވަށައިގެން އެނބުރޭ މީހުން، ރައްޔަތުން ލޫޓުވަމުން އެމީހުންގެ ކާއެތިކޮޅު ފޭރެމުންދާ ގޮތް މަނިކުފާނަށް އެނގުނަނުދިމަށްޓަކައެވެ. އޭ ޚަލީފާއެވެ! މަނިކުފާނު ވަނީ މަނިކުފާނުގެ ޙާކިމުންގެ ނުބައި ޢަމަލުތަކާމެދު ޣާފިލުވެގެންނެވެ. މިފަދަ ފަރުވާކުޑަކަމަކީ ރަގަޅުވެރިއަކަށްޓަކައި ބޮޑުވެގެންވާ ޢައިބެކެވެ. ނުވަތަ މަނިކުފާނުގެ އަމިއްލަފުޅު ބޭނުމަކަށްޓައި މިފަދަ ޙާކިމުންގެ އެފަދަ ޢަމަލުތައް ނުފެންނަކަމަށް ހައްދަވައިގެން ހުންނަވަނީނަމަ ހަމަކަށަވަރުންވެސް އެއީ ބޮޑުވެގެންވާ އަނިޔާއެކެވެ. ކަންއޮތީ މިހެންކަމުގައިވާއިރު މަނިކުފާނުގެ ވެރިކަމަކީ އޯގާތެރި ޢަދުލުވެރި ވެރިކަމެއްކަމުގައި ބުނެވޭނީ ކިހިނަކުންތޯއެވެ؟]

[އޭ ޚަލީފާއެވެ! މަޡްލޫމަކު ހިތްވަރުކޮށްފައި މަނިކުފާނުގެ ގަނޑުވަރުގެ ދޮރުކޮޅާ ހަމަޔަށް ދާހިނދު އޭނާއާ އިސްތިޤްބާލުކުރަނީ މީސްތަކުންގެ ޝަކުވާތައް މަނިކުފާނުގެ ކަންފަތްޕުޅާ ހަމަޔަށް ފޯރުކޮށްދިނުމަށް ތިބޭ ޚާއްޞަ އޮފިސަރުންނެވެ. ނަމަވެސް އެމީހުން މީސްތަކުންގެ އަތުން ފައިސާއަތުލައެވެ. އެކިކަހަލަ ޢުޒުރުތަކާ ބަހަނާތައް ކުރިމަތިކުރުވައެވެ. ދެން އެއަށްފަހުވެސް މަނިކުފާނާ ހަމަޔަށް އެމީހުންގެ ޝަކުވާތައް ގެންގޮހެއްނުދެއެވެ. ޝަކުވާ އާއިގެން އައި މީހާ ގަނޑުވަރުގެ ވަށައިގެން އެނބުރިއެނބުރި ވަރުބަލިވެދެއެވެ. ނުވަތަ މާޔޫސްވެގެން އެނބުރި ހިނގައިދެއެވެ. ނުވަތަ މަނިކުފާނު ނުކުމެވަޑައިގަންނަވާނެ ވަގުތަކަށް އިންތިޒާރުކުރެއެވެ. ނަމަވެސް މަނިކުފާނު ނުކުމެވަޑައިގަންނަވަނީ އެއިން މީހަކަށް މަނިކުފަނާ ވައިވެސްއެޅިނުލެވޭނެ ފަދަޔަކުން ބޮޑުވެގެންވާ ލަޝްކަރެއްގެ ޙިމާޔަތުގައެވެ.] 

ޚަލީފާ މަންޞޫރު އެހިތްވަރުގަދަ މިހާގެ ބަސްތައް އަޑުއައްސަވަމުން ގެންދެވިއެވެ. އޭނާ އިތުރަށް ވާހަކަ ކުރިޔަށް ގެންދަމުން ބުންޏެވެ. [އޭ މުއުމިނުންގެ އަމީރެވެ! އަޅުގަނޑު އެއްފަހަރަކު ސީނުކަރަޔަށް ދަތުރެއްކުރީމެވެ. އޭރު އެޤައުމުގެ ރަސްގެފާނު އުޅުއްވަނީ ކަންފަތުގެ އާލާސްކަންފުޅެއްގައެވެ. ރަސްގެފާނު އެކަމާ ހިތާމަކުރައްވައި ކީރިތިކުރައްވަމުން ގެންދެވިއެވެ. ރަސްގެފާނުގެ އަރިސް ބޭކަލުން ކެތްތެރިވުމަށާ ހިތްވަރުގަދަކުރުމަށް ރަސްގެފާނަށް ނަޞޭޙަތްތެރިވަމުން ގެންދެވިއެވެ.  ރަސްގެފާނު ވިދާޅުވިއެވެ. ތިމަން މިހިތާމަކުރަނީ ކަންފަތަށް ތަދުވާތީއެއްނޫނެވެ. ތިމަން މިހިތާމަކުރަނީ ތިމަންގެ ގަނޑުވަރުގެ ދޮރުމައްޗަށް އަނިޔާލިބިފައިވާ މީހުން އައިސް ކުރާ ޝަކުވާގެ އަޑު ދެން ތިމަންނާއަށް ނީވޭނެތީއެވެ. ދެން ވިދާޅުވިއެވެ. ތިމަންގެ ކަންފަތުގެ އިވުން ފިލައިދިޔަނަމަވެސް ތިމަންގެ ލޮލުގެ ފެނުން ސަލާމަތުންވާކަމަށްޓަކައި ތިމަން އުފާކުރަމެވެ. މިއަދު އެމީހުންގެ ޝަކުވާތައް ތިމަންނައަށް އަޑުނުއިވުނަސް ތިމަންނައަށް އަނިޔާލިބިފައިވާ މީހުން ފެންނާނެއެވެ. ދެން މިފަދައިން ރަށުތެރޭގައި އިޢުލާނުކުރުމަށް އަމުރުކުރެއްވިއެވެ. އަނިޔާއެއް ލިބިގެން ޝަކުވާއެއް ދަންނަވަންޖެހިފައިވާ މީހަކު މެނުވީ މީގެ ފަހުން ރަތްކުލައިގެ ހެދުމެއްނުލާހުށިކަމެވެ. އެއަށް ފަހު ރަސްގެފާނުގެ އާދަފުޅަކީ ހެނދުނާ ހަވީރު އެމަނިކުފާނުގެ ސަވާރީގައި މަގުތަކަށް ނުކުމެވަޑައިގެން ރަތްކުލައިގެ ހެދުމެއް ލައިގެން ހުންނަ މިހަކު ފެނިވަޑައިގެންފިނަމަ އެމީހެއްގެ ކައިރިއަށް ވަޑައިގެން އެމީހެއްގެ ޝަކުވާ އޮޅުންފިލުއްވެވުމެވެ. ދެން އެމީހެއްގެ ބޭނުން ފުރިހަމަކޮށްދެއްވުމަށްފަހު ގަނޑުވަރަށް އެނބުރިވަޑަައިގަންނަވައެވެ.]

ކޮންމެއަކަސް ޚަލީފާ މަންޞޫރު އެމީހާގެ ނަޞޭހަތް ކަނުލާ އަޑުއެއްސެވިއެވެ. އަދި އެނަޞީޙަތްތަކަށް ޢަމަލުކުރެވޭތޯވެސް މަސައްކަތްކުރެއްވިއެވެ. 

އާދެ! މިއަދު މިވަނީ ޚަލީފާ މަންޞޫރުގެ ޒަމާން ނިމިދިޔަތާ އެތައް ޤަރުނެއްވެފައެވެ. ވެރިއަކަށްފަހު ވެރިއެއް ތާރީޚުގެ ތެރެއަށް ދޫކުރަމުން އައިސް މިއަދު އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވަނީ މިނިވަންކަމާ ޙައްޤުތަކާ ޑިމޮކްރެސީގެ ނަންބޭނުންކޮށްގެން ވެރިކަމުގެ ތަޚުތު ޙިޞާރުކުރި ބައިގަނޑަކާއެވެ. ނަމަވެސް ހިތާމަޔަކީ މިފަދަ "ޑިމޮކްރެޓިކް" ވެރިންގެ އަނިޔާވެރިކަމާ ޚުދުމުޚުތާރުކަން، ޚުދުމުހުތާރުކަމުގެ "ލަޤަބު" ލިބުނު ވެރިންނަށް ވުރެ ވަކީން ކުޑައެއްނުވިއެވެ. ނިކަމެތި ރައްޔަތުންގެ ޝަކުވާތަކުގެ އަޑު ކުރީގެ "އަނިޔާވެރި" ވެރިންނަށް ނުއިވުނު ފަދައިން މިހާރުގެ "އޯގާތެރި" ވެރިންނަކަށްވެސް ނުއިވުނެވެ. ކުރިއެކޭވެސް އެއްފަދައިން ރައީސްމީހާގެ ފައިންޕުޅު ފެންނަކަމަށްވަނީ އަރިސްބޭފުޅުންނަށެވެ. ނުވަތަ ޕާޓީމީހުންނަށެވެ. ނުވަތަ އެބޭފުޅާ ހިތްޕުޅާ ހަމަކުރައްވާ ޒާތަކަށް ތިބޭ ބަޔަކަށެވެ. އެނޫން މީހަކު އެކަމަށް ކުރިމަތިލައިފިނަމަ އެމީހުންނާ ކުރިމަތިލަނީ ހަމަ ކުރިއެކޭވެސް އެއްފަދައިން ދަނގަޑު ދަހަނާގައި ތިބޭ ފޯސްތަކުންނެވެ. ނިކަމެތި ރައްޔަތުންގެ ޝަކުވާތައް އަޑުއިވޭކަމަށްވަނީ އެތައްހާސް ބަޔަކު މަގުމައްޗަށް ނުކުމެ އަޑުގަދަކުރުމުންނެވެ. އެވަރުންވެސް ރައްޔަތުންގެ އެދުންތައް ފުރިހަމަކޮށްދިނުމަށް މިބައިމީހުންކުރަނީ އިންކާރެވެ. ޤައުމުގެ އިޖްތިމާޢީ ފޭރާންވީދި އިޤްތިޞާދު ފުނޑުފުނޑުވެ ބޯކޮޅު ވަތަށް އަޑިއަށްދާއިރުވެސް މިބައިމީހުންގެ ކަމަކީ ނާޖާއިޒު ގޮތްގޮތަށް ޕާޓީ ބޮޑުކޮށް ރޭގަނޑު ދަންވަރު ދެޖިންސު އެއްވެގެން ނާޗަރަންގީކުޅެ އެތައްޤަރުނަކަށް ވެރިކަންކުރުމުގެ ހުވަފެން ދުށުމެވެ.  އާދެ! ނަންބަދަލުވިޔަސް ކަން ބަދަލެއްނުވިއެވެ. އަދި ވެރީންގެ ކަނުކަމާ ބީރުކަމަކަށްވެސް ބަދަލެއްނައެވެ.

ނޯޓް: މިއީ ahlehadith.com ގައިވާ ލިޔުމެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

No comments:

Post a Comment