Saturday, June 18, 2011

އިމްތިޙާން


ތަރުޖަމާ: އިނާޒް ޢަދުނާން

ألحمد لله وكفى ، وسلام على عباده الذي اصطفى
މިދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކެވެ. އެހެންކަމުން މިތަނަށް އައި ކޮންމެ މީހަކުވެސް އިމްތިޙާނުކުރެވޭނެއެވެ. މުއްސަނދިންނާ ފަޤީރުންގެއެވެ. ވެރިންނާ ރަޢިއްޔަތުންގެއެވެ. ޢާލިމުންނާ ޖާހިލުންގެއެވެ. އަންހެނުންނާ ފިރިހެނުންގެއެވެ. ޒުވާނުންނާ މުސްކުޅީންގެއެވެ. ގަދަމީހުންނާ ބަލިމީހުންގެއެވެ. 

މިތަފާތު ބާވަތްތަކުގެ މީހުން އިމްތިޙާނުކުރެވޭ ގޮތްވެސް ތަފާތުވެގެންވެއެވެ. އެކަކަށް ދެއްވައިގެންނެވެ. އަނެކާ އަތުން އަތުލައްވައިގެންނެވެ. އެކަކީ ބުއްދިވެރިއެވެ. އަނެކަކީ މޮޔައެކެވެ. އެކަކަށް ދަރީން ދެއްވައެވެ. އަނެކާ ދަރީންގެ ނިޢުމަތުން މަޙުރޫމުކުރައްވައެވެ. އެކަކުވަނީ މުދާވެރިކަމުގެ އެންމެ އުހަށް ވާޞިލުވެފައެވެ.
އަނެކާވަނީ ފަޤީރުކަމުގެ އިންތިހާއަށް ފޯރައިފައެވެ. އެކެއްގެ މައްޗަށް ނިޢުމަތުގެ ވާރޭ ވެހެމުންދެއެވެ. އަނެކާ ވަށައިލެވިފައިވަނީ ތަފާތު މުޞީބާތްތަކުންނެވެ. އެކަކީ ފުރިހަމަ ޞިއްޙަތެއްގެ ވެރިއެކެވެ. އަނެކާ ވަނީ ތަފާތު އެތައް ބަލިތަކެއްގެ ޝިކާރައަކަށްވެފައެވެ. އެކަކީ ޞާލިޙު ތަޤުވާވެރިއެކެވެ. އަނެކާއަކީ ފާސިޤު ފާޖިރެކެވެ.

މިއިން ކޮންމެ މީހަކުވެސް ވަނީ އިމްތިޙާނު ހޯލުގައެވެ. އެބައިމީހުންގެ އިމްތިޙާނުވެސް ވަނީ ފެށިފައެވެ. އަދި ކޮންމެ ސިކުންތަކުވެސް އިމްތިޙާނު ނިމުނުކަމުގެ ރަނގަބީލު ޖެހިދާނެއެވެ. އެމީހެއްގެ ދިރިހުރުމާއި މަރުވުމާ ހުރިހާވެސް އެއްޗަކީ މިފަނާވެދަނިވި ދުނިޔޭގެ ވަގުތީ ޙަޔާތްކަމުގައި ދެކޭ ކާފިރުމީހާ މިދުނިޔެއާ މެދު ދެކޭގޮތް ހަމަޔަޤީނުންވެސް މިދެންނެވި ގޮތާއި ތަފާތުވާނެއެވެ. ނަމަވެސް ތެދުވެރިގޮތުގައި ﷲ ތަޢާލާ އަށް އީމާންވާ މީހަކުނަމަ މިދުނިޔެއާ މިދުނިޔޭގައިވާ ކޮންމެ އެއްޗަކާމެދުވެސް ދެކޭނީ އިމްތިޙާނުގެ ނަޒަރުންނެވެ.

އަޅުގަނޑުމެންނަށް މިފެންނަ ރީތި ނަލަ މަންޒަރުތަކާ، މުދަލާ ފައިސާގެ ފުނިވަރުތަކާ، މަޤާމާ ވަޒީފާގެ ހައިބަތާ، ޝައިޠާނީ ލަޝްކަރުތަކުގެ ޝާނާ ޝައުކަތާއި، ވަގުތުގެ ފިރުޢަޥްނާ ޤާރޫނުންގެ ގަދަބަދަވިކަމާއި، ތަނަވަސް ބޮޑެތި ގަނޑުވަރުތަކާއި، ތަފާތު ކުލަކުލައިގެ ސަވާރީތަކާއި، ބިޔަ ބޮޑެތި ކާރުޚާނާތަކާއި ........ މިހުރިހާ ތަކެއްޗަކީވެސް ތެދުވެރި މުސްލިމެއްގެ ނަޒަރުގައި އިމްތިޙާނުގެ ތަފާތު ބާވަތްތަކާއި ވައްތަރުތަކެވެ. ﷲ ތަޢާލާ އެކަލާނގެ މުޤައްދަސް ފޮތުގައި އަންގަވާފައިވާ މިބަސްފުޅުގެ މަތީން އޭނާ ހަދުމައެއްނުނެތޭނެއެވެ. الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُy ﴿سورة الملك 2﴾ މާނައީ: އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. 

އަދި ހަމައެކަނި ދުލުކުރީން އީމާންކަމުގެ ދަޢުވާކުރުމަށްފަހު އެއްވެސް އިމްތިޙާނުކުރެއްވުމަކާނުލައި ﷲ ތަޢާލާ، އިންސާނާ ދޫނުކުރައްވާނޭކަންވެސް އޭނާ ރަގަޅަށް ދަންނާނެއެވެ. أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ y وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ y  (سورة العنكبوت 1 ، 2) މާނައީ: މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (أمّة ތަކުގެ) މީހުން، ތިމަންރަސްކަލާނގެ امتحان ކުރެއްވީމެވެ. ފަހެ (إيمان ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ. 

ނިކަން ވިސްނަވާށެވެ! ނަބީބޭކަލުންނަށްވުރެ ދަރަޖަ މަތިވެރިވެގެންވާނީ ކޮންބައެއްގެތޯއެވެ؟ ނަމަވެސް އެބޭކަލުންވެސް އިމްތިޙާނުކުރެއްވުނެވެ. އަދި ކިއެއްތަ! އެބޭކަލުންގެ މައްޗަށް އައި އިމްތިޙާނުތަކުގެ ކުޑަ މިންވަރެއްވެސް އަޅުގަނޑުމެންގެ މައްޗަށް އައިނަމަ އަޅުގަނޑުމެންގެ ތެރޭގައިވާ އެންމެ ތަޤުވާވެރި މީހާގެ ފައިތިލަވެސް ކައްސައިލުން އެކަށީގެންވެއެއެވެ. نوح عليه السلام އިން ފެށިގެން އެންމެފަހުގެ ނަބިއްޔާ އަދި ރަސޫލާ محمد صلي الله عليه وسلم  އާއި ހަމަޔަށް ވަޑައިގެންނެވި ކޮންމެ ނަބީބޭކަލަކާއި ރަސޫލުބޭކަލެއްގެ ޙަޔާތްޕުޅު ނިކަން މުޠާލިޢާކުރައްވައި ބައްލަވާށެވެ! ދެން ނިކަން ވިދާޅުވެ ބައްލަވާށެވެ! އެބޭކަލުން އިމްތިޙާނުކުރެއްވުނީ ކޮންފަދައަކުންތޯއެވެ؟ އެބޭކަލުން އެ އިމްތިޙާނުތަކާއި ކުރިމަތިލެއްވީ ކޮންފަދައަކުންތޯއެވެ؟

ބުދަށް އަޅުކަންކުރި ބައްޕަގެ ބޯހަރުކަމާއި، މުޝްރިކު ޤައުމުގެ ޖާހިލުކަމާއި، އަނިޔާވެރި ރަސްގެފާނުގެ ކިބުރުވެރިކަމާއި، އަލިފާނުގެ ދަރުފުނީގެ ބިރުވެރިކަމާއި، ރަށްދޫކޮށް ހިޖުރަކުރެއްވުމުގެ އެކަނިވެރިކަމާއި، ގާތްތިމާގެ މީހުންނާ ވަކިވެވަޑައިގަތުމުގެ ހިތާމަ އާއި، އަދި ޤުރުބާންވެވަޑައިގަތުމަށްޓަކައި ކިޔަމަންތެރިކަމާއެކު ކުރިފުޅުމަތީގައި އޮށޯވެވަޑައިގެން އޮންނެވި ލޮބުވެތި ދަރިކަލުންނާއި މެދު إبراهيم عليه السلام  ޢަމަލުކުރެއްވީ ކިހިނަކުންތޯއެވެ؟ 

ބޭބެއިންގެ ޙަސަދަވެރިކަމާއި، ފުން ވަޅުގެ ނާމާންކަމާއި،  ސާހިބުކަމަނާގެ މަކަރާއި ޙީލަތާއި ، ޖަލުގެ އެކަނިވެރިކަމަށް ފަހު، ޢިއްޒަތްތެރި ވެރިކަމަކާއި އާރާއި ބާރު ލިބިވަޑައިގަތުމުން يوسف عليه السلام ގެ ޢަމަލުފުޅު ހުރީ ކިހިނަކުންތޯއެވެ؟ 

އިލާހެއްކަމަށް ދަޢުވާކުޅަ ފިރުޢަޥްނާއި، ވޭނާ އަނިޔާއިން ފުރިގެންވީ އަނދިރި ރޭތަކާއި، ކަނޑުގެ ބިޔަ ރާޅުތަކާއި، އަޚްލާޤީ ބަލިމަޑުކަމެއްގެ ތެރޭގައި ހައްޔަރުވެފައިވީ ޤައުމުގެ ބޯހަރުކަމާއި موسى عليه السلام މުޤާބަލާކުރެއްވީ ކިހިނަކުންތޯއެވެ؟ 

އިންސީންނާ ޖިންނީންގެ އަމުރުވެރިކަމާއި، ދޫނިސޫފާސޫތްޕާ ބިމުގެ ފަނިފަކުސާތަކުގެ ބަހުރުވައިގެ ޢިލްމާއި، ހަވާގައި ވަޔާއެކު އުދުހެމުންދިޔަ ތަޚުތާއި، އަގުބޮޑު ހިލަތަކާއި ބިއްލޫރިން ކުރެވިފައިވާ އިމާރާތްތަށް ހިމެނިގެންވާ ބާރުގަދަ ރަސްކަން ލިބިވަޑައިގަތުމަށްފަހުގައިވެސް  سليمان عليه السلام  ގެ ޖަޒުބާތު ހުރީ ކިހިނަކުންތޯއެވެ؟   

މުއްސަނދިކަމާއި ތަނަވަސްކަމަށްފަހު ދަތިކަމާއި ފަޤީރުކަމަށް، ފުރިހަމަ ޞިއްޙަތަށްފަހު ބަލިމަޑުކަމަށް أيّوب عليه السلام ކެތްތެރިވެވަޑައިގަތީ ކިހިނަކުންތޯއެވެ؟ 

ފުން ކަނޑުގެ އަނދިރީގައި ބޮޑުމަހެއްގެ ބަނޑުގައި އޮންނަވައިގެން އީމާނާއި ޔަޤީންކަމުގެ ބައްތި يونس عليه السلام ދިއްލެވީ ކޮންފަދައަކުންތޯއެވެ؟ 

ޔަހޫދީންގެ ދުޝްމިނުކަމާއި، ވެރިކަމުގެ ހިފައި ހައްޔަރުކުރުންތަކުން ފެށިގެން އެކުވެރީންގެ ބޭވަފާތެރިކަމާއި ހަމަޔަށް ހިނގާދިޔަ ކަންތައްތަކުގައި عيسى عليه السلام އެކަލޭގެފާނުގެ ތެދުވެރިކަން ޘާބިތުކޮށްދެއްވީ ކޮންފަދަޔަކުންތޯއެވެ؟ 

މައްކާގެ ގޯޅިތަކުން އިވެމުން ދިޔަ ފުރައްސާރައިގެ ބަސްތަކާއި، އިސްތަށިފުޅުގެ މައްޗަށް އެޅުނު ކަރުގޮހޮރުތަކާއި، އެކުވެރީންނަށް ލިބެމުން ދިޔަ އަނިޔާތަކާއި، ޝިޢުބު އަބީޠާލިބްގެ ބަނޑުހައި ހޫނުކަމާއި، ޠާއިފްގެ ބާޒާރުތަކުން އުކެވުނު ހިލަތަކާއި، ބޮޑުންގެ ނުބައި ސައްލާތަކާއި، ހިޖްރައިގެ ދިގު ދަތުރުފުޅާއި، މުނާފިޤުންގެ ފިނޑި ޢަމަލުތަކާއި، ޔަހޫދީންގެ ޙަސަވެރި ރޭވުންތަކާއި، ކަނޑިބަޑި ހިފައިގެން ހަނގުރާމަޔަށް ނުކުތް މުޝްރިކުންގެ ދެކޮޅުވެރިކަމާއި ކުރިމަތިލެއްވުމުގައި އަޅުގަނޑާއި ތިބާގެވެސް ސާހިބާ محمد صلي الله عليه وسلم  ޘާބިތުވެ ހުންނެވީ ކޮންފަދައަކުންތޯއެވެ؟ 

ފަހެ އެބޭކަލުން އިމްތިޙާނުކުރެއްވުނުއިރު އަޅުގަނޑުމެންފަދަ ބަޔަކަށް އެކަމުން ރެކި ސަލާމަތްވެވޭނީ ކިހިނަކުންތޯއެވެ؟ އެހެންކަމުން ތެދުވެރި މުސްލިމުންގެ ގޮތަކީ އޭނާއަށް ކުރިމަތިވާ ކޮންމެކަމަކީވެސް އެއީ އިމްތިޙާނެއްކަމުގައި ޤަބޫލުކުރުމެވެ. ނިޢުމަތެއް ލިބިއްޖެނަމަ ޝުކުރުވެރިވުމެވެ. މުޞީބާތެއް ކުރިމަތިވެއްޖެނަމަ ކެތްތެރިވުމެވެ. އަދި ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުން ހިދާޔަތްލިބިގަނެ ދުނިޔަވީ މި އިމްތިޙާނުން ކާމިޔާބު ހޯދުމަށް މަސައްކަތްކުރުމެވެ.
*****
މަޞްދަރު:darsequran.com

No comments:

Post a Comment