Wednesday, June 8, 2011

ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ޤައުމު

ލިޔުނީ: އިނާޒް ޢަދުނާން

ޔުނައިޓެޑް ސްޓޭޓް އޮފް އެމެރިކާ އަކީ ދުނިޔޭގައި އޮތް ހަމައެކަނި "ސުޕަރ ޕަވަރ" ކަމަށް ދަޢުވާކުރާ ޤައުމެވެ. އެޤައުމުގެ އާބާދިގެ 309 މިލިޔަން މިހުންގެ ތެރެއިން %78.4 މީހުންނަކީ ކްރިސްޓިޔަނުންނެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޔޫރަޕްގެ ދޮން ނަސްލުގެ މީހުންނެވެ. ސަރުކާރުގެ ހުރިހާ ބާރެއް އޮތީ ކްރިސްޓިޔަނުންނާ ޔަހޫދީންގެ އަތުގައެވެ. ދައުލަތަކީ ސެކިޔުލާ ދައުލަތެއްކަމަށް ދަޢުވާކުރާ ދައުލަތެކެވެ. ޤައުމުގެ ޤާނޫނީ އޮނިގަނޑު ބިނާވެފައި އޮތީ ސެކިޔުލަރިސްޓުންގެ ދީންކަމުގައިވާ ޑެމޮކްރަސީގެ އަސާސްތަކުގެ މައްޗަށެވެ. މަނާކަންތައްތައް ވަރަށްވެސް މަދެވެ. ދެފަރާތް ރުހެންޏާ ކޮންމެފަދަ ކަމެއްވެސް ކުރަންވީއެވެ. މުނިފޫހި ފިލުވުންފިޔަވައި އެހެންކަމެއް ނޯވެއެވެ. އެންމެ ގިނައިން މަރުގެ އަދަބުދެވޭ އެއްޤައުމުވެސްމެއެވެ.
އެތަން މިތާ ހަދައިގެން އުޅޭ ޖަލުތަކުގައި އެންމެ އަނިޔާވެރި އަދަބުތައް މިފަދަ ތަހުޒީބު ޒަމާނެއްގައި ދެމުންގެންދާ އެއްބައެކެވެ.
އަބޫ ޣުރައިބާ ، ކިޔުބާގެ ގުއަންޓަނާމޯބޭ ޖަލުގައެވެ. އަންހެނުން މިނިވަންކުރުމުގެ ނަމުގައި އެކަނބަލުން އަޅުންގެ ދަރަޖައަށް ވަނީ ވައްޓާލައިފައެވެ. އެއީ ހަމައެކަނި ޖިންސީ އެދުން ފުއްދާ އާލާތެއްކަމުގައި ވަނީ ހަދާފައެވެ. އިންސާނީ ޙައްޤުތަކަށް އެންމެ އިޙުތިރާމްނުކުރާ އެއްޤައުމެވެ. މީޑިޔާވަނީ ޔަހޫދީންގެ މުށުތެރޭގައެވެ.

އެމެރިކާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއްޤައުމުކަމުގައި ވާއިރުވެސް އަދިވެސް އެމެރިކާގެ ރައްޔަތުންގެ ތެރެއިން އެތައްބަޔަކު ދިރިއުޅެމުންދަނީ ފަޤީރު ޙާލަތުގައެވެ. ބޯހިޔާކޮށްލާނެ ގެދޮރު ނެތް އެތައް ބަޔަކު އެތަންމިތާގައި ޓެންޓްތައް ޖަހައިގެން ދިރިއުޅެމުން ގެންދެއެވެ. އެމެރިކާއަށް ލިބިފައިވާ ގިނަގުނަ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފެމުން ދަނީ ވަރަށްވެސް ބޭކާރު ގޮތެއްގައެވެ. ޤައުމުގެ ފަޤީރުންނަށް ހޭދަކުރުމުގެ ބަދަލުގައި ގިނަ ފައިސާތަކެއް ހޭދަކުރެވެމުން ދަނީ ހަނގުރާމަތަކަށެވެ. މުޅި ދުނިޔޭގައި އެމެރިކާގެ ހަން ފެތުރުމަށެވެ. މީހުން މަރައި ޤަތުލުކުރުމަށެވެ. މިފަދަ އިސްރާފްތަކުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދުވަނީ ފުން ވަޅުގަނޑެއްގެ ތެރޭގައެވެ.
 
އެމެރިކާގެ އެންމެ ގާތް އެކުވެރިއަކީ އިސްރާއިލޭ ކިޔާ ޓެރަރިސްޓް ދައުލަތެވެ. މިއީ ދުނިޔޭގައިވާ އެންމެ ބަސްނާހާ ބޯހަރު އަނިޔާވެރިކަމުގައި އިންތިހާއަށް ގޮސްފައިވާ މީހުންނެވެ. މިބައިމީހުންގެ ސަބަބުން މުޅި މެދުއިރުމަތިގައިވަނީ ބިރުވެރިކަން އުފެދިއެވެ.  ބައެއްގެ ބިންތައް ގަދަކަމުން ފޭރިގަނެގެން ތިބި އަނިޔާވެރި ބައެކެވެ. ދުވަސްދުވަސްކޮޅުން ކައިރީގައިވާ ކޮންމެވެސް ޤައުމަކަށް ޙަމަލަދީ ކުށެތްނެތް އެތައް ބަޔަކު މަރަމުން ގެންދެއެވެ. އެމެރިކާއިން ދަނީ މިހުރިހާ ފަހަރަކުވެސް އިޒްރޭލު ދިފާޢުކުރަމުންނެވެ. އެމެރިކާގެ މި "ރަންދަރި" އަކީ ކަނޑުފޭރުމުގެ މައިދާނުގައިވެސް އެންމެ ކުރީސަފުގައި އުޅޭ އެއް ގްރޫޕެވެ. މީގެދުވަސްކޮޅެއްކުރީންވެސް އެބައިމީހުންވަނީ ޣައްޒާގެ ޙާލުގައިޖެހިފައިވާ މުސްލިމުންނަށް ގެންދިޔަ އިންސާނީ އެހީގެ ތަކެތި ކަނޑުމަތީން ފޭރިގެންފައެވެ. އަދި އެތަކެތި ހިފައިގެން ދިޔަ އެތައް ބަޔަކު ޤަތުލުކޮށްފައެވެ. އަދި އެއްގަމު މަގުން ގެންދާ ގިނަ ތަކެތިވެސް އެބައިމީހުންދަނީ ފޭރެމުންނެވެ. މިގޮތުން ބަލާއިރު ޒައެނިސްޓުން މިއުޅެނީ ސޯމާލިއާގެ ކަނޑުފޭރޭ މީހުންނަށްވުރެވެސް އެތައް ތަނެއް ކުރީގައެވެ. ސަބަބަކީ ސޯމާލިއާ މީހުން ފޭރެނީ ދުނިޔޭގެ ބޮޑެތި މުއްސަނދި ކުންފުނިތަކުގެ މުދަލެވެ. ޔަހޫދިން ފޭރެނީ އިންސާނީ އެހީއަށް ޖެހި ބަނޑުހައި ހޫނުކަން އިޙްސާސްކުރަމުން ގެންދާ ފަޤީރުންނަށް ގެންދާ ސާމާނެވެ. މިހުރިހާކަމެއްގައިވެސް އެމެރިކާގެ ތާއީދު އިޒްރޭލަށް ލިބެމުން ދެއެވެ.

އެމެރިކާގެ އެތެރޭގެ ޙާލަތަށް ބަލާއިރު ވައްކަންކުރުމާ މަގުފޭރުމާ މީހުންމެރުމާ ރޭޕްކުރުމާ ދެންވެސް ހުރި ބޮޑެތި ކުށްތައް ވަނީ ވަރަށް ބޮޑަށް ޢާއްމުވެ ގިނަވެފައެވެ. މިރޮގުންވެސް ދުނިޔޭގެ އެއްވަނައެވެ. 2005 ވަނަ އަހަރު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރެފައިވާ ރިޕޯޓްގައިވާ ގޮތުން 191670 ރޭޕްގެ ޙާދިސާ އެއަހަރު ރިޕޯޓްކުރެވިފައިވެއެވެ. އަދި އެއީ އެމެރިކާގައި ހިނގާ ރޭޕްގެ ޙާދިސާތަކުގެ އެންމެ ސޯޅަ ޕަސެންޓް ކަމަށްވެސް އެރިޕޯޓްގައިވެއެވެ. މާނައަކީ %84 ޙާދިސާ ރިޕޯޓްވެސް ނުކުރެވެއެވެ. އަދިވެސް އެރިޕޯޓްގައިވާ ގޮތުން އެމެރިކާގެ ކޮންމެ 6 އަންހެނަކުން 1 އަންހެނަކަށް ގަދަކަމުން ޢިއްފަތް ފޭރިގަތުމުގެ ހާދިސާއަކާ ކޮންމެވެސް ގޮތަކުން ކުރިމަތިލާން ޖެހިފައިވެއެވެ. އެހެންކަމުން އެމެރިކާއަކީ އަންހެނުންނަށްވެސް ރައްކާތެރި ޤައުމެއްނޫނެވެ. މީހުންމެރުމުގެ ޙަދިސާތަކަށް ބަލާއިރު 2002 ވަނަ އަހަރުގެ އެފް ބީ އައި ގެ ކްރައިމް ރިޕޯޓްގައިވާ ގޮތުން އެމެރިކާގައި ކޮންމެ 32.4 މިނިޓްގެ ތެރޭގައި މީހަކު މަރައިލެވެއެވެ.

އެމެރިކާއަކީ ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ހުރި ނުރައްކަލެކެވެ. ތާރީޚަށް ބެލިޔަސް އަދުގެ ޙާލަތަށް ބެލިއަސް މިކަން ސާބިތުވާނެއެވެ. އެމެރިކާގެ އަތުގައި 10000 ނިއުކްލިއަރ ވޯހެޑް ހުރިކަމަށްވެއެވެ. މިހާތަނަށް އިންސާނުންގެ ބަޔަކާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފައިވާ ހަމައެކަނި ޤައުމަކީ އެމެރިކާއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ ހިރޯޝިމާއަށް އެޅި ބޮމުގެ ސަބަބުން ވަގުތުން 140000 މީހުން މަރުވިއެވެ. މީގެ އިތުރުންވެސް ރޭޑިއޭޝަންގެ ސަބަބުން ކެންސަރު ޖެހިގެންނާ ލޫކީމިޔާ ޖެހިގެން 30 އަހަރުވަންދެން މިހުން މަރުވަމުން ދިޔައެވެ. އޭގެ ތިންދުވަސް ފަހުން ނަގަސާކީއަށް އެޅި އެޓަމް ބޮމުގެ ސަބުން 80000 މީހުން މަރުވިއެވެ. އަދި މިފަހުން ކުރެވުނު ގަލްފު ހަނގުރާމައިގެ ތެރޭގައިވެސް ޢިރާޤުގެ ރައްޔަތުންނާ ދެކޮޅަށް ޑިޕްލީޓެޑް ޔުރޭނިއަމްގެ އުންޑަތައް ބޭނުންކޮށްފައިވެއެވެ. އަދި މީހާރުވެސް އެމެރިކާއިން ދަނީ އަފްޣާނިސްތާނާ ޢިރާޤާއި އެހެންވެސް އިސްލާމީ ބިންތަކަށް އަރާ އެބިންތައް އަޅުވެތިކޮށް އެބިންތަކުގައި ދިރިއުޅެމުންދާ ކުށެތްނެތް އެތައް ބަޔަކު މަރަމުންނެވެ. ސައިންސާ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާކަމަށް ދަޢުވާކުރާ އެމެރިކާގެ ބޮންތަކާ މިސައިލުތައް އަބަދުވެސް އޮންނަނީ އަމާޒުން ކަސިޔާރުވެގެން ގޮސް ޢާއްމު ރައްޔަތުން ޝިކާރަކޮށްލާފައެވެ. މީގެ އިތުރުންވެސް އެމެރިކާ ރުޅިއަންނަ ކޮންމެ ޤައުމަކާ ދެކޮޅަށް އެމެރިކާގެ ބާރުގެ ދަށުގައިވާ އެމިހުންގެ "ރަބަރު ތައްގަނޑެއް" ގެ ގޮތުގައި ބޭނުންކުރާ އ.ދ ޖަމިއްޔާ ބޭނުންކޮށްގެން ތަފާތު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެޤައުމުތަކުގެ ކުށެތްނެތް ރައްޔަތުން ގެންދަނީ ބަޑަށް ޖައްސަމުންނެވެ. ދުނިޔޭގައި މިހާރު ހިނގަމުންދާ ގިނަ ހަމަނުޖެހުންތަކުގެ ފަހަތުގައިވެސް ވަނީ އެމެރިކާއެވެ.
އަނިޔާ ވާނީ ކޮންމެ ބަޔަކު ކުރިޔަސް އަނިޔާއަށެވެ. ފޭރުން ވާނީ ކޮންމެ ބަޔަކު ކުރިޔަސް ހަމަ ފޭރުމަށެވެ. މިފަދަ ކަންތައްތައް އެއްބަޔަކު ކުރުމުން ގޯސްވެފައި އަނެއް ބަޔަކު ކުރުމުން ރަގަޅުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބައެއް މީހުންގެ "އެއްލޮލަށް" ފެންނާތީއެވެ.

އަނިޔާވެރިކަމަކީ ފަހަރެއްގައިވެސް މާގިނަ ދުވަހަށް ދެމި އޮންނާނެ އެއްޗެއްނޫނެވެ. އަނިޔާވެރިންގެ ނިމުމަކީ ދުނިޔެއާ އާޚިރަތުގައިވެސް ހިތި ނިމުމެކެވެ. ގިނަފަހަރަށް އެމީހުން ނިމިދާނީ ޚުދް އެމީހުން ރޯކުރި އަލިފާނުގެ ގިނީގައެވެ.
*****

1 comment: