ތަރުޖަމާ: އިނާޒް ޢަދުނާން
މިޙާދިޘާއަށް މާގިނަ ދުވަސްތަކެއް
ފާއިތުނުވަނީސް އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ޝާމްކަރައަށް ޒިޔާރަތެއް ކޮށްލެއްވިއެވެ. އެދަތުރުފުޅުގެ
މަޤްޞަދަކީ އެސަރަޙައްދުގެ ޙާލަތު ދެނެވަޑައިގަތުމެވެ. އެދުވަސްވަރު ޙިމްޞުގެ މީހުންނަކީވެސް
ކޫފާގެ އަހުލުވެރީން ފަދައިން ސަރުކާރުގެ ވެރީންގެ ޝަކުވާކުރުމުގައި ކުރިއަރައި ގޮސްފައި
ތިބި ބައެކެވެ. އެހެންކަމުން އެދުވަސްވަރު ޙިމްޞުގެ ނަމަކަށް “ކުޥައިފާ” (ކުޑަ ކޫފާ)
އޭ ކިޔައި އުޅުނެވެ. ޢުމަރު ރަޟިޔަﷲ ޢަންހު، ޙިމްޞަށް ވަޑައިގަތުމުން ރަށުގެ އަހުލުވެރީން
އެކަލޭގެފާނަށް ސަލާމް ދެންނެވުމަށްޓަކައި ޙާޟިރުވިއެވެ. އަމީރުލްމުއުމިނީން، އެބައިމީހުންނާ
ސުވާލުކުރެއްވިއެވެ. [ތިޔަބައިމީހުންގެ އަމީރު ކިހިނެއް ހެއްޔެވެ؟] އެބައިމީހުން އަމީރުގެ
ޝަކުވާކުރުމަށްޓަކައި އަނގަ ހުޅުވިއެވެ. އަދި އެކަލޭގެފާނާއި ބެހޭގޮތުން ހަތަރު ކަމެއްގެ
ޝަކުވާކުރިއެވެ. އޭގެ އެއްކަމެއް އަނެއްކަމަކަށް ވުރެ ބޮޑުވެގެންވެއެވެ.
ޢުމަރު ރަޟިޔަﷲ ޢަންހު
ބަޔާންކުރައްވާފައިވެއެވެ. ދެން ތިމަން، ގަވަރުނަރާއި ގަވަރުނަރުގެ ޝަކުވާ ކުރި މީހުންނާއި
އެއްތަނަކަށް ޖަމާކުރީމެވެ. އަދި ސައީދު ބިން ޢާމިރާ މެދު ތިމަން ހީކުރާ ގޮތް ދޮގުވިޔަނުދިނުން އެދި ﷲ އަށް
ދުޢާ ދެންނެވީމެވެ. އެހެނީ ތިމަންނައަށް އެނާގެ މައްޗަށް ވަރަށް ބޮޑު އިތުބާރެއް އޮތެވެ.
ކޮންމެއަކަސް ޝަކުވާކުރި
މީހުންނާ އެބައިމީހުންގެ ގަވަރުނަރު ހެނދުނުގެ ވަގުތުގައި ޢުމަރު ރަޟިޔަﷲ ޢަންހުގެ
އަރިހަށް ޙާޟިރުވިއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު އެބައިމީހުންނާ ސުވާލުކުރެއްވިއެވެ.
[ކަލޭމެންގެ އަމީރާ މެދު ކަލޭމެންގެ އޮތީ ކޮން ޝަކުވާއެއް ހެއްޔެވެ؟] އެމީހުން ދެންނެވިއެވެ.
[އެކަލޭގެފާނު ކޮންމެ ދުވަހަކުވެސް ދުވާލުގެ އެއްދަން ވޭތުވެ ދާފަހުން މެނުވީ އަހަރަމެންގެ
ތެރެއަކަށް ނުކުމެވަޑައެއް ނުގަންނަވައެވެ.] ޢުމަރު ރަޟިޔަﷲ ޢަންހު، ސަޢީދާ ސުވާލުކުރެއްވިއެވެ.
[ސަޢީދެވެ! މިކަމާ ބެހޭގޮތުން ތިބާ ބުނަނީ ކީކޭ ހެއްޔެވެ؟] ސަޢީދު ރަޟިޔަﷲ ޢަންހު ކުޑަވަގުތުކޮޅަކަށް
ހަނުހުންނެވުމަށް ފަހު ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! ތިޔަކަމާއި ބެހޭގޮތުން އެއްވެސް
އެއްޗެއް ދަންނަވާކަށް އަޅުގަނޑު ނޭދެމެވެ. ނަމަވެސް ޙަޤީޤަތް ސާފުސާފުކޮށް ބަޔާންކޮށްދިނުން
ނޫން އެހެންގޮތެއް މިހާރު އަޅުގަނޑަކަށް ނެތެވެ. ޙަޤީޤަތަކީ އަޅުގަނޑަށް އެއްވެސް ޚާދިމަކު
ލިބިގެނެއް ނުވެއެވެ. އަޅުގަނޑު ހެނދުނު ފަތިހާ ތެދުވަމެވެ. އަދި ގޭގެ އަހުލުވެރީންނަށް
ފުށް މޮޑެދެމެވެ. ދެން ފުށްގަނޑު ކަމީރުވޭތޯ ކުޑަ އިރުކޮޅަކު މަޑުކޮށްލަމެވެ. އެއަށްފަހު
އެބައިމީހުންނަށް ރޮށި ފިހެދެމެވެ. ދެން ވުޟޫކޮށްގެން މީސްތަކުންގެ ޚިދުމަތަށްޓަކައި
ގެއިން ނިކުންނަމެވެ.]
ޢުމަރު ރަޟިޔަﷲ ޢަންހު،
އެބައިމީހުންނާ ސުވާލުކުރެއްވިއެވެ. [އެކަލޭގެފާނާއި މެދު ކަލޭމެންގެ ދެން އޮތް ޝަކުވާއަކީ
ކޮބައިހެއްޔެވެ؟] އެބައިމީހުން ދެންނެވިއެވެ. [ރޭގަނޑުގެ ވަގުތުގައި އެކަލޭގެފާނު އެއްވެސް
މީހަކާ ބައްދަލެއް ނުކުރައްވައެވެ.] ޢުމަރުގެފާނު، ސަޢީދަށް ވިދާޅުވިއެވެ. [ސަޢީދެވެ!
މި އިޢުތިރާޟާ ބެހޭގޮތުން ތިބާގެ ކިބައިގައި ވަނީ ކޮން ޖަވާބެއް ހެއްޔެވެ؟] ސަޢީދު
ވިދާޅުވިއެވެ. [ﷲ ގަންދެމެވެ! ތިޔަ ކަމާ ބެހޭގޮތުން ވެސް އެއްޗެއް ފާޅުކުރަން އަޅުގަނޑު
ނުރުހެމެވެ. ކުރުގޮތަކަށް ދެންނެވެން އޮތީ ދުވާލުގެ ވަގުތު އެބައިމީހުންނަށްޓަކައި
އަޅުގަނޑު ވަޤުފުކޮށްފައިވާނެއެވެ. އަދި ރޭނގަޑުގެ ވަގުތު ﷲ ތަޢާލާ އަށް އަޅުކަން ކުރުމަށްޓަކައި
އަޅުގަނޑު ޚާއްޞަކުރަމެވެ.]
ޢުމަރުގެފާނު ރަށުގެ މީހުންނާއި
އަނެއްކާވެސް ސުވާލުކުރެއްވިއެވެ. [ކަލޭމެންގެ ދެން އޮތް ޝަކުވާ އަކީ ކޮބައިހެއްޔެވެ؟]
އެބައިމީހުން ދެންނެވިއެވެ. [ކޮންމެ މަހަކުވެސް އެއްދުވަހު އެކަލޭގެފާނު، އަޅުގަނޑުމެންގެ
ތެރެއަށް ނިކުމެވަޑައެއް ނުގަންނަވައެވެ؟] އަމީރުލްމުއުމިނީން، ސުވާލު ކުރެއްވިއެވެ.
[ސަޢީދެވެ! އެއީ ކީއްވެގެންތޯއެވެ؟] ސަޢީދު ވިދާޅުވިއެވެ. [މުއުމިނުންގެ އަމީރެވެ!
އަޅުގަނޑަށް އެއްވެސް ޚާދިމަކު ލިބިގެނެއް ނުވެއެވެ. އަދި އަޅުގަނޑު ލައިގެން މިހިރަ
ހެނދުން ފިޔަވައި އެހެން ހެދުމެއްވެސް އަޅުގަނޑަކަށް ލިބިގެނެއް ނުވެއެވެ. މަހަކު އެއްދުވަހު
އަޅުގަނޑު މިހެދުން ދޮންނަމެވެ. ދެން ހެދުން ހިކޭނެ ވަގުތެއްގެ އިންތިޡާރުގައި ހުންނަމެވެ.
ދެން ހެނދުން ހިކުމުން އެލައިގެން ދުވާލުގެ އެންމެ ފަހު ބައިގައި އެމީހުންނާ ބައްދަލުކުރުމަށް
އަޅުގަނޑު ނުކުންނަމެވެ.]
ޢުމަރު ރަޟިޔަﷲ ޢަންހު،
ސުވާލުކުރެއްވިއެވެ. [އެހެން ޝަކުވާއެއް އެބައޮތްތޯއެވެ؟] އެބައިމީހުން ދެންނެވިއެވެ.
[އަޅުގަނޑުމެންގެ ތެރޭގައި މަޖިލީހުގައި އިންނަވާއިރު ބައެއް ފަހަރު ފަހަރަށް އެކަލޭގެފާނުގެ
ހޭވެރިކަން ދާގޮތްވެއެވެ. މަޖިލީހުގެ އެއްވެސް މީހަކާ އެކަލޭގެފާނާ އެއްވެސް ގުޅުމެއް
ނެތްހެން ހީވާކަހަލައެވެ.] ޢުމަރު ރަޟިޔަﷲ ޢަންހު، ސަޢީދު ކުރެން އެއްސެވިއެވެ. [ސަޢީދެވެ!
މިއީ ކޮންކަމެއްތޯއެވެ؟] ސަޢީދު ވިދާޅުވިއެވެ. [ޚުބައިބު ބިން ޢަދިއްޔު (ރަޟިޔަﷲ ޢަންހު) ޝަހީދުކުރެވުނީ އަޅުގަނޑުގެ ލޯމަތީގައެވެ. އޭރު
އަޅުގަނޑަކީ މުޝްރިކެކެވެ. ޤުރައިޝުންގެ މީހުން އެކަލޭގެފާނުގެ ގުނަވަނަކަށްފަހު ގުނަވަނެއް
ބުރިކުރަމުން ގެންދިޔަ މަންޒަރު އަޅުގަނޑު ދުށީމެވެ. އަދި އެބައިމީހުން ބުނަމުން ގެންދިޔައެވެ.
[ކަލޭގެ ބަދަލުގައި މިއަދު މިތާނގައި މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވުމަށް
ކަލޭ ރުހޭނަން ހެއްޔެވެ؟] ޚުބައިބް ރަޟިޔަﷲ ޢަންހު ޖަވާބުގައި ވިދާޅުވަމުން ގެންދެވިއެވެ.
[ﷲ ގަންދީބުނަމެވެ! އަހުރެން، އަހުރެންގެ އަހުލުންގެ ތެރޭގައި ހިތްހަމަޖެހުމާއެކު ހުރެފައި
މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމަގެ ހަށިކޮޅަށް އެންމެ ކަށްޓެއްގެ މިންވަރު ހެރޭކަށްވެސް
އަހުރެން އެއްގޮތަކަށްވެސް ނުރުހޭނަމެވެ.] އަޅުގަނޑުގެ ހަނދާނަށް އެދުވަސް އަންނަ ކޮންމެ
ފަހަރަކު އެކަލޭގެފާނަށް އެހީތެރިނުވެވުނީތީ ހިތާމަކުރަމެވެ. އަދި އަހުރެންގެ އެފާފަ
ﷲ ތަޢާލާ ޢަފޫނުކުރައްވައިފާނެކަމަށް އަޅުގަނޑު ބިރުގަންނަމެވެ. އެއަށް ފަހު އަޅުގަނޑުގެ
ހޭވެރިކަން ދަނީއެވެ.]
މިޖަވާބު އިވިވަޑައިގަތުމުން
ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ސަޢީދާ މެދު ތިމަން ހީކުރި ގޮތް ތެދުކޮށްދެއްވި
ކަމަށްޓަކައި ﷲ އަށް ޙަމްދު ހުއްޓެވެ.]
އެއަށްފަހު އަމީރުލްމުއުމިނީން،
ސަޢީދު ރަޟިޔަﷲ ޢަންހުގެ ބޭނުންތައް ފުރިހަމަކުރެއްވުމަށްޓަކައި އެއްހާސް ދީނާރު ފޮނުއްވެވިއެވެ.
މިދީނާރުތައް ސަޢީދު ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުން ދެކެވަޑައިގެންނެވި ހިނދު އެކަމަނާ
ވިދާޅުވިއެވެ. [ﷲ އަށް ޝުކުރު ހުއްޓެވެ! އެކަލާނގެއީ ކަލޭގެފާނުގެ ޚިދުމަތަށް އަޅުގަނޑުމެންނަށް
ބޭނުން ނުޖެހޭނެ ގޮތް މެދުވެރިކޮށްދެއްވި އިލާހެވެ. ތިޔަ ފައިސާއިން އަޅުގަނޑުމެންނަށް
ކޮންމެހެން ބޭނުންވާ ތަކެތި ބައްލަވައި ގަންނަވާށެވެ. އަދި ގޭގެ މަސައްކަތްތައް ކުރެއްވުމަށް
ޚާދިމަކު ހޯއްދަވާށެވެ.] އެކަލޭގެފާނު، އަނބިކަނބަލުންނަށް ވިދާޅުވިއެވެ. [އަޅުގަނޑު،
ކަމަނާއަށް ތިޔަ ވިދާޅުވި ތަކެއްޗަށް ވުރެވެސް ހެޔޮ ރަގަޅު އެއްޗެއް ދެންތޯއެވެ؟] އެކަމަނާ
ވިދާޅުވިއެވެ. [އެއީ ކޮން އެއްޗެއްތޯއެވެ؟ ] ވިދާޅުވިއެވެ. [އަހަރަމެންނަށް މިދީނާރުތައް
ދެއްވި ފަރާތަށް އަނބުރައި މިދީނާރުތައް ރައްދުކުރަންވީ ނޫންތޯއެވެ؟ އަހަރަމެންވަނީ
މިދީނާރުތަކަށްވުރެ މާބޮޑަށް އެފަރާތަށް ބޭނުންޖެހިގެންނެވެ.] އަނބިކަނަބަލުން ދެންނެވިއެވެ.
[އެއީ ކޮންފަރާތެއްތޯއެވެ؟ ވިދާޅުވިއެވެ. [ﷲ ގެ މަގުގައި މިދީނާރުތައް ހޭދަކުރަންވީނޫންތޯއެވެ؟]
އަނބިކަނބަލުން ދެންނެވިއެވެ. [ކަލޭގެފާނު ތިޔަ ވިދާޅުވީ ރަގަޅަށެވެ. ﷲ ތަޢާލާ، ކަލޭގެފާނަށް
ހެޔޮ ޖަޒާ ދެއްވާށިއެވެ!]
ދެން ހަމަ އެމަޖިލީހުގައި
އިންނަވައި ދީނާރުތައް ބައިބަޔަށް ބައިކުރެއްވުމަށްފަހު އެކަލޭގެފާނުގެ ތިމާގެ މީހެއްގެ
އަތަށް ދެއްވުމަށް ފަހު ވިދާޅުވިއެވެ. [މިވެނި ޔަތީމު ކުދީންނަށާއި އެވެނި ހުވަފަތް
އަންހެނުންނަށާއި އެވެނި ޢާއިލާއެއްގެ ފަޤީރުންނަށާއި މިވެނި ޤަބީލާއެއްގެ މިސްކީނުންނަށް
މިދީނާރުތައް ބަހައިލާށެވެ!]
ﷲ ތަޢާލާ، ސަޢީދު
ބިން ޢާމިރު ރަޟިޔަﷲ ޢަންހަށް ރުއްސުން ލައްވާށިއެވެ! އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ
ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް އެހެން މީހުންނަށް އިސްކަންދެއްވި މީހުންގެ ތެރެއިންނެވެ.
އެއީ ޚުދް ތިމާ ކިތަންމެ ބޮޑު އުނދަގުލަކާ ތުރާލެއް އުފުލަންޖެހުނުކަމުގައި ވިޔަސްމެއެވެ.
ތާރީޚު ޢިލްމުވެރީން ސަޢީދު
ބިން ޢާމިރު ރަޟިޔަﷲ ޢަންހު އާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ. [ސަޢީދު ބިން ޢާމިރު
ދުނިޔޭގެ ބަދަލުގައި އާޚިރަތް ބައްލަވައި ގެންނެވިއެވެ. އަދި ހުރިހާ އެއްޗެއްގެ މައްޗަށް
ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަ އަށް އިސްކަންދެއްވިއެވެ.] (ނިމުނީ)
ނޯޓް: މިއީ ދިއިސްލާމް އިން ނަގާފައިވާ ލިއުމެކެވެ.

No comments:
Post a Comment