ތަރުޖަމާ: އިނާޒް ޢަދުނާން
ޢީދު ދުވަހު ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގަތުމަށްޓަކައި
ޝައިޚް ޢިއްޒުއްދީން ބިން ޢަބްދުއްސަލާމް ނުކުމެވަޑައިގެންނެވިއެވެ. އޭނާއަށް
އެތަނުން ފެނިވަޑައިގަތީ ސިފައިންގެ ލަޝްކަރުތައް ރަސްގެފާނު ނަޖްމުއްދީންގެ (1) ކުރިފުޅުމަތީގައި ސަފުހަދައިގެން ނުހަނު
އަދަބުވެރިކަމާއެކު ކޮޅަށް ތިބީތީއެވެ. އަދި ޚުދް ރަސްގެފާނުވެސް
ޒީނަތްތެރިވެވަޑައިގެން ޤައުމުގެ ކުރިމަތީގައި އިށީނދެވަޑައިގެން އިންނެވީތީއެވެ.
އަދި ވަޒީރުންނާއި އަމީރުން ރަސްގެފާނަށް ކުރުނީސްކުރަމުން ގެންދިޔައީތީއެވެ.
މިމަންޒަރު ފެނިވަޑައިގަތުމުން ޝެއިޚް
ޢިއްޒުއްދީން ބާރު އަޑުފުޅުން ރަސްގެފާނާ މުޚާޠަބުކޮށް ވިދާޅުވިއެވެ. [އޭ
އައްޔޫބެވެ! ﷲ ތަޢާލާ ޤިޔާމަތްދުވަހު، ތިބާ އާއި މިފަދައިން ސުވާލުކުރައްވާ ހިނދު
ތިބާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންރަސްކަލާނގެ މިޞްރުގެ
ބިމުގައި ތިބާގެ ވެރިކަން ވަރުގަދަކޮށްދެއްވުމުން ތިބާ ބަނގުރަލުގެ ވިޔަފާރީގައި
ބައިވެރިވީ ކީއްވެހެއްޔެވެ؟]
ރަސްގެފާނު ސުވާލުކުރެއްވިއެވެ. [އެކަން ހިނގަމުން
އެބަދޭހެއްޔެވެ؟؟]
ޝެއިޚް ޖަވާބުދެއްވިއެވެ. [އާނއެކެވެ! އެވެނި
ބާޒާރެއްގައި ބަނގުރާގެ ވިޔަފާރި ކުރެވެމުން އެބަދެއެވެ. އަދި އެހެނިހެން އެތައް
މުންކަރާތެއްވެސް އެތާނގައި ދަނީ ހިނގަމުންނެވެ. އެކަމަކު ތިބާ ތިޔަ ގެންދަވަނީ އެކަމުން
ޣާފިލްވެގެންވާ ޙާލު މިޤައުމުގައި އުފަލާއި އަރާމުގައި ދުވަސްތައް
ހޭދަކުރައްވަމުންނެވެ.]
ރަސްގެފާނު ވިދާޅުވިއެވެ. [ސާހިބާއެވެ! އެއީ
ފަހަރެއްގައިވެސް އަހުރެން ކުރިޔަށްގެންދާ ބާޒާރެއް ނޫނެވެ. އަދި އެތަން
ބިނާކުރެވުނީ އަހުރެންގެ ވެރިކަމުގައެއްވެސް ނޫނެވެ. އަދި ކިއެއްތަ! އެއީ
އަހުރެންގެ ބައްޕާފުޅުގެ ޒަމާނުން ފެށިގެންވެސް ކުރިއަށްދާ ބާޒާރެކެވެ.]
ޝެއިޚް ވިދާޅުވިއެވެ. [ތިބާވެސް ހިމެނެނީ
މިފަދައިން ބުނި މީހުންގެ ތެރެއިން ހެއްޔެވެ؟ إِنَّا وَجَدْنَا ءَابَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى ءَاثَارِهِمْ
مُّقْتَدُوْنَ (الزخرف :23) މާނައީ: [އަހަރަމެން ދުށީ އަހަރަމެންގެ ކާބަފައިން
ގޮތެއްގެ މަތީގައި ވަނިކޮށެވެ. އަހަރަމެންވެސް އެމީހުންގެ އެ ގޮތުގައި ހިފައި
އެމީހުންނަށް ތަބަޢަވަނީއެވެ.] (ތަރުޖަމާ: ޝެއިޚް އަބޫބަކްރު އިބްރާހިމް ޢަލީ)
ކޮންމެއަކަސް ޝެއިޚްގެ ނަސޭޙަތް
އަޑުއެއްސެވުމަށްފަހު ހަމަ ވަގުތުން އެބާޒާރު އަންދާލުމަށް ރަސްގެފާނު އަމުރުކުރެއްވިއެވެ.
ޙަފްލާއިން އެނބުރި މަދަރުސާއަށް ޝެއިޚް
ވަޑައިގަތުމުން ޝެއިޚްގެ ދަރިވަރަކު ސުވާލުކުރެއްވިއެވެ. [މުޙްތަރަމް އުސްތާޒެވެ!
ކަލޭގެފާނު އެފަދައިން ޢަމަލުކުރެއްވީ ކީއްވެތޯއެވެ؟ ކަލޭގެފާނަށްޓަކައި ހަމައެކަނި
ރަސްގެފާނަށް ނަސޭޙަތްތެރިވުން ފުދުނީހެވެ.]
ޝެއިޚް ޖަވާބުގައި ވިދާޅުވިއެވެ. [އޭ
ދަރިފުޅާއެވެ! ތިމަންނައަށް ރަސްގެފާނު އެފަދަ މަތިވެރިގޮތެއްގައި މީސްތަކުންގެ
ކުރިމައްޗަށް ނުކުމެވަޑައިގެން އިންނެވި މަންޒަރު ފެނުމުން ތިމަން ގަސްތުކުރީ ކިބުރުވެރިކަމާއި
ބޮޑާކަމުން ރަސްގެފާނު ދުރުކުރުމަށެވެ. އެހެނީ އެކަމުގައި ހައްޔަރުވެއްޖެނަމަ
ފަހުން ގެއްލުން އުފުލަން އެމަނިކުފާނަށް ޖެހިވަޑައިގެންފާނެއެވެ.]
ދަރިވަރު ސުވާލުކުރިއެވެ. [އުސްތާޒެވެ! އެވަގުތު ރަސްގެފާނު
ދެކެ ކަލޭގެފާނު ބިރުފުޅެއްނުގަތްތޯއެވެ؟]
ޝެއިޚް ޖަވާބުދެއްވިއެވެ. [ރަސްގެފާނާ
މުޚާޠަބުކުރި ވަގުތު ތިމަންގެ ކުރިމަތީގައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ
ހައިބަތްވަންތަކަމާއި މަތިވެރިވަންތަކަމެވެ. އެހެންކަމުން ތިމަންގެ ކުރިމަތީގައި
ރަސްގެފާނުވީ ބުޅަލެއް ފަދައިންނެވެ.] (ނިމުނީ)
(1) މަލިކުއްޞާލިޙު
ނަޖްމުއްދީން އައްޔޫބް (637 ހ – 647 ހ) އަކީ ސުލްޠާން ޞަލާޙުއްދީން އައްޔޫބީގެ
އަޚް މަލިކުލްޢާދިލްގެ ކާފަ ދަރިކަލެކެވެ. އަދި އެއީ މިޞްރާއި ޝާމްގެ ރަށްތަކުގައި
ވެރިކަންކުރި އައްޔޫބީ ޢާއިލާގެ ހަތްވަނަ ރަސްގެފާނެވެ. އެރަސްގެފާނު ޝަހީދުވީ
ހިޖްރައިން 647 ވަނަ އަހަރު ޞަލީބީންނާ ކުރެވުނު ހަނގުރާމައެއްގައެވެ.
__________________________________________
މަޞްދަރު: ސުންހެރޭ ފައިޞަލާ / ޝެއިޚް ޢަބްދުލްމާލިކް
މުޖާހިދް

No comments:
Post a Comment