އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
ހަވަނައީ: ޤަދަރަށް އީމާންވުން
ޤަދަރަށް އީމާންވުމުގައި ހަތަރުކަމަކަށް އީމާންވުން އެކުލެވިގެންވެއެވެ.
އެންމެ ފުރަތަމަ ކަމަކީ، ހަމަކަށަވަރުން ވެނިމިފައިވާ އެންމެހާ ކަމަކާއި،
ވާނޭ ހުރިހާ ކަމެއް ﷲޞުބްޙާނަހޫ ވަތަޢާލާ ދެނެވޮޑިގަންނަވައެވެ. އަދި އެކަލާނގެ
އަޅުތަކުންގެ އެންމެހާ ޙާލަތެއް އެކަލާނގެ ދެނެވޮޑިގަންނަވާކަމާއި، އަދި
އެބައިމީހުންގެ ރިޒްޤާއި އަޖަލާއި އެއުރެންގެ ޢަމަލުތައް ފަދަ އެބައިމީހުންގެ
އެންމެހައި ކަމެއް އެކަލާނގެ ދެނެވޮޑިގަންނަވާ ކަމާއި، އެއިން އެއްވެސް ކަމެއް
އެކަލާނގެއަށް ސިއްރުވެގެން ނުވާކަން ކަށަވަރުކޮށް ޤަބޫލުކުރުމެވެ. އެކަލާނގެ
ވަޙީކުރައްވާފައިވެއެވެ. إِنَّ
اللَّـهَ بِكُلِّ شَيْءٍ عَلِيمٌ
(التوبة :115) މާނައީ "ހަމަކަށަވަރުން ﷲއީ ހުރިހާ ކަމެއް
ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ." އަދިވެސް ﷲ ޢައްޒަ ވަޖައްލަ ވަޙީކުރައްވާފައިވެއެވެ.
لِتَعْلَمُوا أَنَّ اللَّـهَ
عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّـهَ قَدْ أَحَاطَ بِكُلِّ شَيْءٍ
عِلْمًا (الطلاق : 12) މާނައީ "ތިޔަބައިމީހުން ދަތުމަށްޓަކައެވެ. (އެބަހީ ﷲ ޚަލްޤު
ކުރައްވާފައިވާ އުޑާ ބިމާއި ބާވައިލެއްވި ތަކެތި ތިޔަބައިމީހުންނަށް
އެނގުމަށްޓަކައި އުގަންނަވައިދެއްވިއެވެ.) ހަމަކަށަވަރުން ﷲއީ ހުރިހާ ކަމެއްގެ
މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން ﷲ ހުރިހާ
އެއްޗަކާއި ބެހޭ ޢިލްމު އިޙާޠާ ކުރައްވާފައިވެއެވެ. (ފުރިހަމައަށް
ދެނެވޮޑިގަންނަވައެވެ.)
ދެވަނަ ކަމަކީ: ﷲ
ސުބްޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވައި ނިންމަވާފައިވާ އެންމެހާ ކަންތައްތަކެއް
ލިޔުއްވާފައިވާ ކަމުގައި އީމާންވުމެވެ. އެކަލާނގެ ވަޙީކުރައްވަފައިވަނީ: قَدْ
عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ ۖ وَعِندَنَا كِتَابٌ حَفِيظٌ (ق : 4) މާނައީ "ޔަޤީނުންވެސް ބިން އިންސާނުންގެ (ހަށިގަނޑުން) އުނިކުރާ
މިންވަރު ތިމަންރަސްކަލާނގެ ދެނެވޮޑިގަންނަވަމެވެ. އަދި ތިމަންރަސްކަލާނގެ
ޙަޟްރަތުގައި (މިހުރިހާކަމެއް) ރައްކާކުރެވިފައިވާ ފޮތެއްވެއެވެ."
އަދިވެސް އެކަލާނގެ
ވަޙީކުރައްވާފައިވެއެވެ. وَكُلَّ شَيْءٍ أَحْصَيْنَاهُ فِي
إِمَامٍ مُّبِينٍ (يس : 12) މާނައީ "އަދި ހުރިހާ އެއްޗެއް ބަޔާންވެގެންވާ ފޮތެއްގައި ތިމަން
ރަސްކަލާނގެ ލިޔުއްވީމެވެ." އަދިވެސް ވަޙީކުރައްވާފައިވެއެވެ. أَلَمْ تَعْلَمْ
أَنَّ اللَّـهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ
ۚ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِير (الحج :70) މާނައީ "ތިޔަބައިމީހުން ނުދަންނަމުހެއްޔެވެ؟ ހަމަކަށަވަރުން އުޑާއި
ބިމުގައިވާ ތަކެއްޗާއި ކަންތައް ﷲ ދެނެވޮޑިގަންނަވައެވެ. ހަމަކަށަވަރުން އެހުރިހާ އެއްޗެއް
ވަނީ ފޮތެއްގައެވެ. ހަމަކަށަވަރުން އެއީ ﷲ އަށް ފަސޭހަ ކަމެކެވެ."
ތިންވަނަ ކަމަކީ: ﷲ
ސުބުޙާނަހޫ ވަތަޢާލާގެ ތަންފީޒުވެގެންވާ އިރާދަފުޅަށް އީމާންވުމެވެ. ފަހެ ﷲ
އިރާދަކުރެއްވި ކޮންމެކަމެއް ވާނެއެވެ. އަދި އެކަލާނގެ އިރާދަނުކުރައްވައިފި
އެއްވެސް ކަމެއްނުވާނެއެވެ. މިކަމާއި މެދު އެކަލާނގެ ވަޙީ ކުރައްވަނީ : إِنَّ
اللَّـهَ يَفْعَلُ مَا يَشَاءُ (الحج
:18) މާނައީ : "ހަމަކަށަވަރުން ﷲ ބޭނުންވެ ވޮޑިގަންނަވާ
ކޮންމެ ކަމެއް ކުރައްވައެވެ." އަދިވެސް ﷲ ޢައްޒަވަޖައްލަ
ވަޙީކުރައްވާފައިވެއެވެ. إنَّمَا أَمْرُهُ إِذَا أَرَادَ
شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿يس : 82) މާނައީ: "އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ ހަމައެކަނި
އެކަމަކަށް ވާށޭ ވަޙީކުރެއްވުމުން އެކަމެއް ވެދެއެވެ." އަދިވެސް
ވަޙީކުރައްވާފައިވެއެވެ. وَمَا تَشَاءُونَ
إِلَّا أَن يَشَاءَ اللَّـهُ رَبُّ الْعَالَمِينَ (التكوير :29) މާނައީ: "ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ﷲ އިރާދަކުރައްވާ ކަމެއް،
މެނުވީ ތިޔަބައިމީހުންނަކަށް ނޭދެވޭހުއްޓެވެ."
ހަތަރުވަނަ ކަމަކީ:
ވުޖޫދުގައިވާ ހުރިހާ އެއްޗިއްސަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤުކުރައްވާފައިވާ
ތަކެއްޗެވެ. އެކަލާނގެ ފިޔަވައި ޚާލިޤަކު ނުވެއެވެ. އަދި އެކަލާނގެ ނޫނީ އެހެން
ރައްބަކު (ވެރި ރަސްކަލަކު) ނުވާކަމުގައި އީމާންވުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
اللَّـهُ خَالِقُ كُلِّ شَيْءٍ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ
وَكِيلٌ (الزمر
62) މާނައީ: "ﷲ އީ
ހުރިހާ އެއްޗެއް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް
ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ."
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ
اللهِ عَلَيْكُمْ هَلْ مِنْ خَالِقٍ غَيْرُ اللهِ يَرْزُقُكُم مِّنَ السَّمَاءِ
وَالْأَرْضِ لاَ إَلَهَ إِلاَّ هُوَ فَأَنَّى تُؤْفَكُوْنَ (فاطر : 3) މާނައީ:
"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ހުރި ﷲ ގެ ނިޢުމަތްތައް
ހަނދުމަކުރާށެވެ! ﷲ ފިޔަވައި އުޑުންނާއި ބިމުން ތިޔަބައިމީހުނަށް ރިޒުޤުދެއްވާ
ޚާލިޤަކު ވޭހެއްޔެވެ؟ އެކަލާނގެފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު
ނުވެއެވެ. ފަހެ (ތިޔަބައިމީހުން އެކަލާނގެ އެއްކައުވަންތަކަން ބަޔާންވެ
ފާޅުވުމަށްފަހު ތައުޙީދުގެ މަގުން) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟"
ޤަދަރަށް އީމާންވުމުގައި މިހަތަރުކަންތަކަށް އީމާންވުމަކީ
އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއެވެ. އެއީ ބިދުޢަވެރިން ކުރެ މިއިން ބައެއް
ކަންތަކަށް އިންކާރު ކުރާ މީހުންނާ ޚިލާފަށެވެ. (ނުނިމޭ)

No comments:
Post a Comment