ތަރުޖަމާ: އިނާޒް ޢަދުނާން
ސަޢީދު ބިން ޢާމިރު އަލްޖުމަޙީ އަކީވެސް ޤުރައިޝީ ސަރުދާރުންގެ ދަޢުވަތަށް އިޖާބަދީ
މައްކާގެ އުސް ފަރާތުގައިވާ “ތަންޢީމް” އޭ ކިޔުނު މަޤާމަށް ދިޔުމަށްޓަކައި ނުކުތް އެތައް
ސަތޭކަ މީހުންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ. އެބައިމީހުންގެ ބޭނުމަކަށްވެފައި އޮތީ
ޤުރައިޝުންގެ މީހުން މަކަރާއި ޙީލަތުން ހައްޔަރުކޮށްފައިވާ، މާތް ނަބިއްޔާ ޞައްލަﷲ
ޢަލައިހި ވަސައްލަމަގެ ޞަޙާބީއެއްކަމުގައިވާ ޚުބައިބު ބިން ޢަދިއްޔު ރަޟިޔަﷲ ޢަންހު ޝަހީދުކުރާ މަންޒަރު ބެލުމެވެ.
ސަޢީދަކީ ހަށިގަނޑުގައި ބާރުހުރި ޒުވާނެކެވެ. އެހެންކަމުން މީސްތަކުންގެ ކޮނޑުތައް
ފޭކޮށް ދުރުކުރަމުން ގޮސް އަބޫސުފްޔާން ބިން ޙަރުބާއި ޞަފްޥާން ބިން އުމައްޔަތު ފަދަ
ޤުރައިޝީ ސަރުދާރުންނާއި އެއްހަމައެއްގައި އޭނާ ކޮޅަށް ހުއްޓުނެވެ. އެތާނގައި އެދެމީހުންގެ
އިތުރުންވެސް ޢަރަބީންގެ މަޝްހޫރު އެތައް އަސްވާރުންނެއް ފުރަތަމަ ސަފުގައި އިށީނދެގެން
ތިއްބެވެ. ހަމަ އެފަދައިން ހިލިހިލާއިން ހައްޔަރުކުރެވިފައިވާ އެ އަސީރު އަމިއްލަ ލޮލުން
ދުށުމުގެ ފުރުޞަތުވެސް ސަޢީދަށް ލިބުނެވެ. އަދި އަންހެނުންނާއި ކުޑަކުދީންނާއި ޒުވާނުންތައް
އެކުވެގެން މަރުގެ ވާދީ އާއި ދިމާއަށް އެއްވެސް ރަޙުމެއްނެތި ޚުބައިބު ކޮށްޕަމުން ގެންދިޔަ
މަންޒަރުވެސް ފެނުނެވެ. އެބައިމީހުންގެ މަޤުޞަދަކީ އެޞަޙާބީ ޝަހީދުކޮށްގެން، ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ބަދަލުހިފުމެވެ. އަދި ހަމަ އެފަދައިން ބަދުރުގެ
މަޤްތޫލުންގެ ބަދަލު ހޯދުމެވެ.
ޤުރައިޝީ ސަރުދާރުން، ޚުބައިބު ދަމާފައި ޤަތުލުގާހާއި ދިމާއަށް ގެންދަމުން ދިޔައެވެ.
އަންހެނުންނާއި ކުޑަކުދީންގެ ހަޅޭކުގެ ތެރެއިން ސަޢީދަށް ނުހަނު މަޑުމައިތިރިކަމާއި
ވަޤާރު އެކުލެވިފައިވާ އަޑެއް އިވުނެވެ. އެއީ ޚުބައިބު ރަޟިޔަﷲ ޢަންހުގެ އަޑެވެ. އެކަލޭގެފާނު
ވިދާޅުވަމުން ގެންދެވިއެވެ. [ކަލޭމެންނަށް ކުޅަދާނަވެގެންވާ ކަމަކަށްވާނަމަ، މަރުވުމުގެ
ކުރީން ދެ ރަކުޢަތް ނަމާދެއް ކޮށްލުމުގެ ފުރުޞަތު އަހަންނަށް ދޭށެވެ.]
މުޝްރިކުން އެކަމަށް ހުއްދަ ދިނުމުން ޚުބައިބް ރަޟިޔަﷲ ޢަންހު، ކަޢުބަތުﷲ އާއި
ދިމާއަށް އެނބުރިވަޑައިގެން ދެ ރަކުޢަތް ނަމާދެއް ކުރައްވަން ފެއްޓެވިއެވެ. އެއީ ވަރަށް
ވެސް ފުރިހަމަ ހިތްގައިމު ދެރަކުޢަތެވެ. ސަލާމް ދެއްވުމަށްފަހު މައްކާގެ ސަރުދާރުންނާއި
ދިމާއަށް އެނބުރިވަޑައިގެން ޚުބައިބް، ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! އަހުރެން
ނަމާދު ދިގުކުރަނީ މަރުދެކެ ބިރުގަނެގެންކަމުގައި ތިޔަބައިމީހުން ހީކޮށްފާނޭކަމަށް
އަހުރެންނަށް ހީނުވާނަމަ އަހުރެން މިއަށްވުރެވެސް ނަމާދު ދިގުކުރީމުހެވެ.]
ދެން ސަޢީދަށް ފެނުނީ ޤުރައިޝުންގެ ބޮޑުން، ޚުބައިބް ރަޟިޔަﷲ ޢަންހު ދިރިހުއްޓައި
އެކަލޭގެފާނުގެ ގުނަވަނަކަށްފަހު ގުނަވަނެއް ބުރިކުރަމުން ގެންދާ މަންޒަރެވެ. އަދި
އެބައިމީހުން ބުނަމުން ގެންދިޔައެވެ. [މިއަދު ކަލޭގެ ބަދަލުގައި މިތާނގައި މުޙައްމަދު
(ޞައްލަﷲ ޢަލައިހި ވަސައްލަމަ) ހުންނަވާފައި، ކަލޭ މިތަކުލީފުން ސަލާމަތްވެ އޮތުމަށް
ލޯބިކުރާނަން ހެއްޔެވެ؟] ޚުބައިބް ރަޟިޔަﷲ ޢަންހުގެ ހަށިކޮޅުން އޭރު ލޭތައް ފައިބަމުން
ދިޔައެވެ. ނަމަވެސް އެކަލޭގެފާނުގެ ޖަވާބަކަށްވީ މިބަސްފުޅެވެ. [ﷲ ގަންދީ ބުނަމެވެ!
އަހުރެން، އަހުރެންގެ އަނބިދަރީންގެ ކައިރީގައި އަމާންކަމާއި އުފަލުގައި ހުރެފައި،
މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅަށް އެންމެ ކަށްޓެއްވެސް ހެރޭކަށް
އެއްގޮތަކަށްވެސް އަހުރެން ނުރުހޭނަމެވެ.]
އެހިނދު މީސްތަކުން އެބައިމީހުންގެ އަތްތައް މައްޗަށް އުފުލައި ހޫރަމުންގެންދިޔައެވެ.
އަދި ހަރު އަޑުން ގޮވަމުން ގެންދިޔައެވެ. [އޭނާ މަރައިލާށެވެ! އޭނާ މަރައިލާށެވެ!
] އަނެއްކާވެސް ސަޢީދުގެ ނަޒަރު ހުއްޓުނީ ޚުބައިބު ރަޟިޔަﷲ ޢަންހާ ދިމާއަށެވެ. އެކަލޭގެފާނު
ހުންނެވީ ޞަލީބަށް އަރުވާ ފިލާގަނޑުގެ މަތީގައެވެ. އުޑާއި ދިމާއަށް ނަޒަރު ހުޓަވައިލައްވައިގެން
ހުންނަވައި، ﷲ ތަޢާލާގެ ޙަޟްތުގައި އިލްތިޖާކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނު
ވިދާޅުވަމުން ގެންދެވިއެވެ. [ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! މިއެންމެހައި އަނިޔާވެރީން
ގުނުއްވާނދޭވެ! މިބައިމީހުން ވަކިވަކީން ޤަތުލު ކުރައްވާނދޭވެ! މީގެ ތެރެއިން އެކަކުވެސް
ބާކީ ދޫނުކުރައްވާނދޭވެ!] މިހެން ވިދާޅުވުމަށްފަހު އެކަލޭގެފާނުގެ ހަޔާތްޕުޅުގެ އެންމެ
ފަހު ނޭވާފުޅު ދޫކޮށްލެއްވިއެވެ. އޭރު އެކަލޭގެފާނުގެ މުޅި ހަށިކޮޅު ވަނީ ކަނޑި އާއި
ލޮންސީގެ އެތިފަހަރުތަކުން ހަލަންޏަކަށްވެފައެވެ. އަދި ގުނައި ޢަދަދުކުރެވޭ ވަރަށް
ވުރެ ގިނަ ޒަޚަމް އެކަލޭގެފާނުގެ ހަށިކޮޅުގައި އޭރު ވެއެވެ.
އެންމެފަހުން ޤުރައިޝުން އެމީހުންގެ މަސައްކަތް ނިންމާލުމަށްފަހު އެނބުރި މައްކާއަށް
އަތުވެއްޖެއެވެ. އަދި އޭގެފަހުން ކުރިމަތިވި ބޮޑެތި ބޮޑެތި ހަނގުރާމަތަކާއި ޙާދިޘާތަކުގެ
ތެރޭގައި ޚުބައިބް ރަޟިޔަﷲ ޢަންހު އާއި އެކަލޭގެފާނު ޝަހީދުކުރެވުނު ޙާދިޘާގެ މަތީން
އެބައިމީހުން އެއްކޮށް ހަނދާން ނެތިއްޖެއެވެ. ނަމަވެސް އެޙާދިޘާގެ މަތީން ހަނދާންނައްތައިނުލެވުނު
އެކަކު ހުއްޓެވެ. އެއީތޯއެވެ؟ އާދެ! އެއީ އެއްކަލަ ޒުވާން ސަޢީދު ބިން ޢާމިރެވެ. އޭނާގެ
ހިތުން އެންމެ ސިކުންތަކަށްވެސް އެޙާދިޘާގެ ހަނދާންތައް ފިލައިގެނެއް ނުދިޔައެވެ. އެހެންކަމުން
އޭނާއަށް ނިދޭ ކޮންމެ ފަހަރަކު ހުވަފެނުގައިވެސް އެމަންޒަރުތައް ފެނެއެވެ. އަދި ހޭލައި
ހުންނަނަމަ އޭނާގެ ޚިޔާލުގެ ލޮލަށް ފެންނަމުންދަނީ ޞަލީބަށް އަރުވާ ފިލާގަނޑުގެ ކުރިމަތީގައި
ހުންނަވައިގެން ފުރިހަމަ ހަމަޖެހުމާއި މަޑުމައިތިރިކަމާއެކު ޚުބައިބް، ނަމާދުކުރައްވަމުން
ގެންދަވާތީއެވެ. އަދި މިވަރަކުން ނިމުނީއެއް ނޫނެވެ. އަދި ކިއެއްތަ! ޤުރައިޝުންގެ މައްޗަށް
އެކަލޭގެފާނު ކުރައްވަމުން ގެންދެވި އަސަރުން ފުރިގެންވާ ބަދު ދުޢާގެ އަޑު އޭނާގެ ކަންފަތުގައި
ގުގުމަމުން ދެއެވެ. އެހެންކަމުން އެބައިމީހުންގެ މައްޗަށް އުޑުން ގަދަފަދަ ޢަޒާބެއް
އައިސް އެބައިމީހުން ހަލާކުވެދާނޭކަމަށް އޭނާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. މިފަދަ
ޚިޔާލުތައް އައުމުން އޭނާގެ ހިތް ބިރުން ގުޑައިގެން ދެއެވެ.
ކޮންމެއަކަސް ޚުބައިބް ރަޟިޔަﷲ ޢަންހު ޝަހީދުވެވަޑައިގެން، އޭގެކުރީން އެއްގޮތަކަށްވެސް
ސަޢީދަށް އެނގިފައިނުވާ ކަންތައްތަކެއް ދަސްކޮށްދެއްވިއެވެ. އޭނާއަށް ދަސްކޮށްދެއްވީ
ޙަޤީޤީ ދިރިއުޅުމަކީ ތިމާގެ ޢަޤީދާ އާއި އެޢަޤީދާގެ ދިފާޢުގައި އެންމެ ފަހު ވަގުތާއި
ޖެހެންދެންވެސް ޖިހާދުކުރުން ކަމުގައެވެ. އަދި ނުގުޑާފަދަ ގަދަފަދަ އީމާންކަމަކީ އޭގެ
ސަބަބުން ޢާންމު ޙާލަތްތަކުގައި ނުފެންނަ ފަދަ ޢަޖާއިބުކުރުވަނިވި ސިފަތައް މީހުންގެ
ކިބަގައި އުފައްދައިދޭ އެއްޗެއްކަމެވެ. އަދި މީގެއިތުރަށް އޭނާއަށް އިޙްސާސްވަމުން
ދިޔަ ޙަޤީޤަތަކީ، އެބޭފުޅަކަށްޓަކައި އޭނާގެ އެކުވެރީން އެބައިމީހުންގެ ހަށިތަކުން
ޤުރުބާންވާ މިންވަރަށް ލޯބިކުރާ ޝަޚްޞިއްޔަތަކީ ޝައްކެތްނެތްގޮތުގައި އުޑުން އެބޭކަލަކަށް
މަދަދު ލިބިވަޑައިގަންނަވާ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ތެދުވެރި ރަސޫލެއްކަމެވެ. އެންމެފަހުން
ﷲ ތަޢާލާ، ސަޢީދު ބިން ޢާމިރުގެ ހިތްޕުޅު އިސްލާމްކަމަށް ހުޅުއްވައިދެއްވިއެވެ. އެހެންކަމުން
އެންމެހާ މީހުންގެ ކުރިމަތީގައި އެކަލޭގެފާނު އިޢުލާނުކުރެއްވިއެވެ. [އަހުރެން އެއްވެސް
އިޚުތިޔާރެއްލިބިގެންނުވާ ބުދުތަކުން މޫނު އަނބުރަލައި އެތަކެއްޗަށް އަޅުކަންކުރުމުގެ
ނަޖިހުން ޠާހިރުވެ ، އެއްކައުވަންތަ އެންމެހައި އާރަކާއި ބާރެއްގެ މިލްކުވެރި ﷲ ތަޢާލާއަށް
އީމާންވަމެވެ. މިއަދަށްފަހު އަހުރެންނަކީ މުސްލިމަކީމެވެ.] – ރަޟިޔަﷲ ޢަންހު-
އެންމެފަހުން ސަޢީދު ބިން ޢާމިރު ރަޟިޔަﷲ ޢަންހު މައްކާގެ ދިރިއުޅުއްވުން ދޫކޮށްލެއްވުމަށްފަހު
މަދީނާއަށް ހިޖުރަކުރައްވައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި
ދިރިއުޅުއްވަން ފެއްޓެވިއެވެ. ޚައިބަރު ހަނގުރާމަ އާއި އޭގެފަހުން ކުރެވުނު ހަނގުރާމަތަކުގައި
ބައިވެރިވެ ވަޑައިގަތުމުގެ ޝަރަފު ޙާޞިލްކުރެއްވިއެވެ. ދެންފަހެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މިދުނިޔެ ދޫކުރައްވައި އެކަލޭގެފާނުގެ ރައްބުގެ ތަނަވަސްވެގެންވާ
ރަޙުމަތަށް ދަތުރުކުރެއްވީ ސައީދު ބިން ޢާމިރުގެ ޚިދުމަތްތަކުގެ ސަބަބުން އެކަލޭގެފާނާއި
މެދު ރުހިވަޑައިގެން ހުންނެވި ޙާލުކޮޅުގައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަހު، އަބޫބަކްރު
ރަޟިޔަﷲ ޢަންހު އާއި ޢުމަރު ރަޟިޔަﷲ ޢަންހުގެ އަތްޕުޅުގައިވާ ބަރަހަނާ ކަނޑިއެއްކަމުގައި
ސަޢީދު ބިން ޢާމިރު ރަޟިޔަﷲ ޢަންހު ވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ޙަޔާތްޕުޅަކީ
މުސްލިމުންނަށްޓަކައި ހުރި ނާދިރު ނަމޫނާއެއްކަމުގައި ވިއެވެ. އެހެނީ އެކަލޭގެފާނު
ދުނިޔޭގެ ވަގުތީ އަރާމުގެ ބަދަލުގައި އާޚިރަތުގެ ދާއިމީ ނިޢުމަތް އިޚުތިޔާރު ކުރެއްވިއެވެ.
އަދި އަމިއްލަ ހަވާނަފްސުގެ އެދުންތަކަށް ވުރެ ﷲ ތަޢާލާގެ ރުއްސެވުމާއި ފުއްސެވުމަށް
އިސްކަން ދެއްވިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ދެ ޚަލީފާއިންވެސް ސަޢީދު ބިން ޢާމިރު
ރަޟިޔަﷲ ޢަންހުގެ ތެދުވެރިކަމާއި ތަޤުވާވެރިކަން ވަރަށް ރަގަޅަށް ދެނެވަޑައިގަންނަވައެވެ.
އެހެންކަމުން އެކަލޭގެފާނުގެ ނަޞީޙަތްޕުޅުތަށް އެބޭކަލުން ފަރުވާތެރިކަމާއި އެކު އަޑުއެއްސެވިއެވެ.
އަދި އެކަލޭގެފާނުގެ ކޮންމެ މަޝްވަރާއަކަށް ކަންފަތްޕުޅު ދެއްވިއެވެ. (ނުނިމޭ)
ނޯޓް: މިއީ ދިއިސްލާމް.ކޮމް އިން ނަގާފައިވާ ލިއުމެކެވެ.

No comments:
Post a Comment